Bodethi adhadhuthakun faisa dheyn hukumkuriyas aee dheynejey ehchehthoa balan jehey: Raees Nasheed
image
ރައީސް ނަޝީދު
އަހުމަދު
1 ކޮމެންޓް
 

ފައިސާ ދިނުމުގެ ކުރިން އެއީ ދޭންޖެހޭ އެއްޗެއްތޯ ބަލަންޖެހޭ: ރައީސް ނަޝީދު

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދައުލަތުން އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ހުކުމްކޮށްފިކަމަށާއި ނަމަވެސް އެފައިސާ ދިނުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ބަލަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެކަމުގައި ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދުމަކީ ބަންޑާރަ ނައިބުގެ ވާޖިބެއް ކަމުގައެވެ.
ދައުލަތުން ބޮޑެތި އަދަދަށް އަމިއްލަ ފަރާތްތަކަށް ފައިސާ ދިނުމަށް ކޮށްފައިވާ ހުކުމްތަކާއި ގުޅިގެން ފައިސާ ދިނުމުގެ ކުރިން ދައުލަތަށް އެންމެ ރަނގަޅުގޮތް ބެލުމަކީ ބަންޑާރަ ނައިބުގެ ވާޖިބެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތަކީ ނަޒާހަތްތެރި ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާނެ ބޭފުޅެއްކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް މިރޭ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދީބާޖާ ކުންފުންޏާއެކު އެކުލަވާލި އެއްބަސްވުމެއް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. 

ރިފްއަތުއާއި މެދު ރިޝްވަތުގެ ތުހުމަތު ކުރެއްވީ ޖީބާޖާގެ ދިފާއުގައި ވަކާލާތުކުރި ލޯފާމްގެ ވެރިކާ އަލްހާން ފަހުމީއެވެ. އެކި ސިޔާސީ ޕާޓީތަކުގައި ސިޔާސީ މަސައްކަތް ކުރެއްވި އަލްހާން ކުރެއްވި ޓްވީޓެއްގައި ވަނީ ބަންޑާރަ ނައިބު ރިއްފަތާއި، ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރު ދީބާޖާ މައްސަލާގައި ރިޝްވަތު ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. 

ރައީސް ނަޝީދު މިރޭ ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ އެއްވެސް ބާވަތެއްގެ ކޮރަޕްޝަނެއް ހިންގަވާނެ ބޭފުޅެއްކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމުގައެވެ.
Alhuganduge nazaruga adhi alhugandah thajribaa kurevifa huri thanuga Hon. AG @ibriffath akee varahves nazaahaiytheri beyfulheh. E manikfaanu evves baavathehge corruption ge amaleh hingavafaane kamah ehgothakahves qabool eh nukurevey

— Mohamed Nasheed (@MohamedNasheed) May 15, 2019


ދީބާޖާ ކުންފުންޏާއެކު އެކުލަވާލި އެއްބަސްވުމެއް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުވެސް ކުރިންވަނީ ދޮގު ކުރައްވާފައެވެ.

ރިފްއަތު ކުރިން ވިދާޅުވީ "ނާޖާއިޒު ގޮތުގައި މުއްސަނދިވާން މަސައްކަތް ކޮށްފައި ނުވާނެ" ކަމަށާއި، "ކޮރަޕްޓް ޑީލަކުން ފައިދާއެއްވެސް ހޯދާފައި ނުވާނެ" ކަމަށެވެ. 

އޭގެ އިތުރުން އަމިއްލަ ގޮތުން ގާނޫނީ ވަކީލުކަން ކުރުން ހުއްޓާލީވެސް ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި، ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރައްވާނެ ކަަމަށް ރިފްއަތު ވިދާޅުވި އެވެ. 

"އަޅުގަނޑު ދުވަހަކަުވެސް ނާޖައިޒު ގޮތުގައި މުއްސަނދިވާން މަސައްކަތް ކޮށްފައެއް ނުވާނެ، އަދި އަޅުގަނޑުގެ ކެރިއާގައި ކޮރަޕްޓް ޑީލަކުން ފައިދާއެއްވެސް ހޯދާފައެއް ނުވާނެ. އަމިއްލަ އަށް ގާނޫނީ ވަކީލުކަން ކުރުން ހުއްޓާލީ ރައްޔިތުންނަށް ހިދުމަތް ކުރަން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ އަޅުގަނޑުގެ މަސްއޫލިއްޔަތުތައް ޝަރަފުވެރިކަމާއެކު އަދާ ކުރުމަށް. އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް. ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރިކުރާނަން،" ރިފްއަތު ޓްވީޓުގައި ވެއެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުތުރު ޕްރޮވިންސުގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު އެއްބަސްވުމަކަށް އައެވެ. ނަމަވެސް އޭގެ ފަހުން ވެރިކަމާ ހަވާލުވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލި އެވެ.

އެ މައްސަލާގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. 

ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ މަތީ ކޯޓުން ނިންމާފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން ޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއް ސުއޫދާއެކު ގިނަ ގާނޫނީ ތަޖުރިބާކާރުން ވަނީ ގޮވާލައްވާފަ އެވެ. 


ދީބާޖާގެ ފައިސާގެ ދެބައިކުޅަ އެއްބައި ލިބޭނީ އަލްހާންގެ ލޯފާމަށް: 

ދީބާޖާ އިން "ސަކްސެސް ފީގެ ގޮތުގައި" އަލްހާންގެ ހިއްސާ އޮންނަ ލޯފާމު، "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" އަށް 174 މިލިއަން އަށްވުރެ ގިނަ ރުފިޔާ ދޭން ޖެހޭގޮތަށް އޮތްކަން ވަނީ ހާމަވެފައެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ. 

މިމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުގެ މަސައްކަތް ކޮށްފައިވަނީ "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" ލޯފާމުންނެވެ. 

" ދީބާޖާ އިންވެސްޓްމަންޓާއެކު" އެ ލޯފާމުން ވެފައިވާ އެގްރީމަންޓުގައި ބުނެފައިވަނީ ދީޖާބާއަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާ، 384،995،154.60 ރުފިޔާގެ 50 ޕަަސަންޓު އެޓާނީގެ "ސަކްސެސްފީގެ" ގޮތުގައި ކަނޑައަޅައި، ހައިކޯޓު ނިންމުން ކްލައިންޓުގެ ފަރާތުން އެޓާނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އަދި އިސްތިއުނާފު މައްސަލައިގައި ބަޔާންކޮށްފައިވާ ފައިސާ ކްލައިންޓަށް ލިބެންޖެހޭނެކަމަށް ކަނޑައަޅައި، އަދި އިތުރަށް ލިބޭ ކޮންމެ ފައިސާއެއްގެ ވެސް 50 ޕަސަންޓު ލޯ ފާމަށް ދޭންޖެހޭނެކަމަށެވެ. 

ހުކުމް ރިވިއުކުރުމަށް އަންނަނީ ގޮވާލަމުން: 

ދީބާޖާއަށް ފައިސާ ދޭން ކޮށްފައިވާ ހުކުމް އަލުން އެކޯޓުން ރިވިއުކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުވެސް ވަނީ ގޮވާލައްވާފައެވެ. 

އަދި ހުކުމް ރިވިއު ކުރުމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަންސް އަބްދުއް ސައްތާރު ވެސްވަނީ ގޮވަލައްވާފައެވެ.
ހިޔާލު

ރައްޔިތުން

ނަޝީދު ގެ ބަދަލު މައްސަލަ ނިންމާފަ ތިކަން ކުރޭ