Vaahaka: Mivaadhu
image
ވާހަކަ: މިވާދު
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: މިވާދު

(އެގާރަވަނަ ބައި)
"އެ ހިސާބުން ދެން ކިހިނެއްވީ؟" އިރުފާނު ލަސްލަހުން ސުވާލުކޮށްލިއެވެ.

"ދެން ނޭނގެ" އިސްމާއިލް ބުނެލިއެވެ. "ދެން ހަމަ ނޭނގެ"

"އެނގޭނެ އަދި ކިޔައިދީބަލަ. ހަނދާންކޮށްލައިގެން ކިޔައިދީބަލަ" އިރުފާނު ލޯބިން ފުރިފައިވާ ރާގެއްގައި ބުނެލިއެވެ.

"އަހަންނަކަށް ދެން ވީގޮތެއް ނޭނގެ. އަހަންނަށް ލޯ ހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގައި. އޭރު އަހަންނަށް ތަންތަން ފެންނަނީ ފުސްވެފައިވާ ތަނެއްގެ ގޮތުގައި. ހީވަނީ މީހަކު ކުރަހައިފަ ހުންނަ ތަންތަން ފެންނަ ހެން. ހީވަނީ އަހަންނަށް އޮވެވެނީ ބިއްލޫރި ގަނޑެއްގެ ބިއްދޮށުގައިހެން. އެ ބިއްލޫރި ގަނޑުގައި އަތްލެވޭތޯ ވަރަށް މަސައްކަތް ވެސް ކުރި ހަނދާން ވެސް ވޭ. ފެންނަ އެއްވެސް މަންޒަރެއްގައި އޭރު އެއްވެސް ކުލައެއް ނުހުރޭ. އެހެންވީމަ އަހަންނަށް ހީވަނީ މީހަކު ކުރަހައިފައިވާ ތަނެއް ފެންނަހެން. އޭރު އެހައި ބޮޑަށް ހަނދާންތަކެއް ވެސް ނުހުރޭ. އެ ވާހަކަތައް ކިޔައިދިނީމަ އެކަކު ވެސް ގަބޫލެއް ވެސް ނުކުރޭ. އެމީހުން އެންމެން ބުނަނީ އަހަރެން މޮޔަ އެއްޗެހި ކިޔަނީއޭ. މޮޔަ ވާހަކަދައްކަނީއޭ. އަހަންނަކީ މޮޔައެކޭ. ދެން އެމީހުން އަހަރެން މިރަށަށް ގެނައީ. އޭރު އަހަރެން ދައްކާވާހަކަ މި ތަނުގެ މީހުން ވެސް ގަބޫލެއް ނުކުރޭ. އަދިވެސް ބައެއް ފަހަރު އަހަންނަށް ތަންތަން ފެންނަނީ އަޅިކުލައިގަ. އެހެން ވެއްޖެ ނަމަ އަހަންނަށް ފެންނަ މަންޒަރުތައް ސިފަވަނީ މީހަކު ފަންސޫރުން ކުރަހާފައި ހުންނަ ތަނެއްހެން"

"އެއްވެސް ވަރަކަށް އަމިއްލަ ސޫރަ އެހެން މީހެއްގެ ސިފައިގައި ފެނޭތަ؟" އިރުފާނު ވިސްނައިލަމުން އަހައިލިއެވެ.

"ތިހުރީނު ފަހަތުގައި" އިސްމާއިލް ވިސްނައި ނުލައި ބުނެލިއެވެ.

އިރުފާނާއި ޔަލްވީ ވެސް ބަލައިލީ އަހަންނާ ދިމާއަށެވެ. އެމީހުންގެ މޫނަށް އަހަރެން ބަލައިލީމެވެ. ހައިރާން މާކުތަކެއް ދެ މީހުންގެ މޫނާ ދިމާއިން އުދުހިގަތެވެ.

"ނެތެއްނު؟" އިރުފާނު އިސްމާއިލާ ދިމާއަށް ބަލައިލިއެވެ.

"އޭނާ އެބަހުރި. އެއީ ހަމަ އޭނާ. އަހަރެންގެ ސޫރަ. އަހަރެން ސޫރައިގައި އޭނާ އައިސް ވަރަށް އުނދަގޫ ވެސް ކުރޭ، ވަރަށް ޖެއްސުން ވެސް ކުރޭ. އެކަމަކު މިއަދު އޭނާ ވަރަށް ރަނގަޅު، ވަރަށް ވާހަކަ ވެސް ދައްކާ" އިސްމާއިލް އަހަންނާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

"އޭނާގެ ވާހަކައާ އިއްސެގެ ވާހަކައާ ފުށުއަރާތަ؟ މި ބުނީ ހިޔާލު ތަފާތުވޭތަ؟ އެހެން ވެއްޖެ ނަމަ ކިހިނެއްވަނީ؟" އިރުފާނު އަނެއްކާ ވެސް ސުވާލުތަކެއް އަމުނައިލިއެވެ.

"ގިނަ ފަހަރަށް. މައްސަލަ ޖެހެނީ އޭނާ ބުނާނެ އަހަންނާ ހެދިއޭ އަޒީމާ އެހެން ހެދީ. އަޒީމާއަށް އަހަރެން މާ އިތުބާރު ކުރީއޭ. އަހަންނަކީ ޅަ މީހެއްކަން އެނގޭ އިރު ވެސް އެހާ ދުވަސްވެފައި ހުރި މީހަކާ އިނީ. އަހަރެންގެ އަމިއްލަ ނަފުސުގައި ސޭލް އެޅުވިއްޔޭ. ފައިސާއަށް ނަފުސު ވިއްކާލީއޭ އެހެންވެޔޭ މިހެންވީ ވެސް" އިސްމާއިލް ފުންނޭވާއެއް ލަމުން އަހަންނަށް ބަލައިލިއެވެ. 

ބަދަލުގައި އަހަރެން ލޯ އަޅައިލަމުން އިސްމާއިލަށް ބަލައިލީމެވެ.

"އޭނާ އެ ހުރީ ރުޅި ވެސް އައިސް އޭނާ ވާހަކަ ދައްކާތީ. ރުޅި އަޔަސް އަހަރެން މި ހުރިހާ ވާހަކައެއް މިއަދު ކިޔައިދޭނަން. އޭނާއަކަށް އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ"

"ބަލަ އަހަރެން ރުޅިއެއް ނާދޭ. އަހަރެން އިސްމާއިލަށް ހެޔޮއެދޭތީ މި ހުރިހާ ކަމެއް މި ކޮށްދެނީ. އިސްމާއިލް ދެކެ ރުޅި އަންނަ ނަމަ އަހަރެން އިސްމާއިލަށް އެއްވެސް ކަމެއް ކޮށްދޭނެތަ؟ އަހަރެންނާ ހިޔާލު ތަފާތު ކުރަނީ ވެސް އިސްމާއިލް. އަހަންނަށް ވެސް މާ ފަސޭހަވާނެދޯ ދެ މީހުން ހިޔާލު އެއްގޮތްކުރީމަ" އަހަންނަށް ރުޅި އިސްކުރެވުނެވެ.

"ކަލޭ ރުޅި އަޔަސް އަހަންނަށް މައްސަލައެއް ނެތް" އިސްމާއިލް އަހަންނާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. "ކަލޭއާ ހެދި އަހަންނަށް މިހާރު ދުނިޔޭގަ އުޅެން އުނދަގޫ ވެއްޖެ. ކިތައް ދުވަހު ކަލޭގެ ބަހަށް ހެއްލިގެން އަހަރެން އުޅެފިން؟ ކިތައް އަހަރު އަހަރެން މި ކަމަކުން ނޭރިގެން އުޅޭތާ؟ ކަލޭ ބުނަ ބަލަ. ފަސް އަހަރުތަ؟ ދިހަ އަހަރުތަ؟ ބަރާބަރު ފަނަރަ އަހަރު އަހަރެން ނަފުސު ކަލޭގެ އަތް މައްޗަށް ދޫކޮށްލައިގެން މި އުޅެނީ"

ޔަލްވީއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް އިރުފާނުގެ އިޝާރާތަށް އޭނާ ގޮނޑީގައި އިށީނީއެވެ. އިސްމާއިލް އަހަންނާ މުހާތަބުކޮށް ވާހަކަދެއްކި ގޮތުން އަހަރެން ވެސް ހިތްހަމަ ނުޖެހުނެވެ.

"ބުނަން ވާހަކައެއް. ކަލޭ ދައްކާ ހުރިހާ ވާހަކައެއް މި ދެ މީހުންނަށް ސާފުކޮށް އެނގޭނެ. އެކަމަކު އަހަރެން ދައްކާ އެއްވެސް ވާހަކައެއް އެ މީހުންނަކަށް ނޭނގޭނެ. އެހެންވީމާ އެންމެ ބުއްދިވެރި ގޮތަކީ ކަލޭ ރުޅި މަޑުކުރުން. ކަލޭއަކީ އަހަންނެއް ނޫން. އަހަންނަކީ ކަލޭ އެއް ވެސް ނޫން. އެހެންވީމަ އެބަ ޖެހޭ ކޮންމެ ވެސް އެކަކު ގޮތް ދޫކުރަން" އަހަރެން އިސްމާއިލުގެ ކުރިމައްޗަށް ނުކުމެ އޭނާގެ މޫނާ ދިމާއަށް ގުދުވެލީމެވެ.

އިސްމާއިލް އުޅުނީ އަހަރެންގެ ބޮލުގައި ހިފާށެވެ. ނަމަވެސް އޭނާއަކަށް އަހަރެންގެ ގަޔަކު ނުހިފެއެވެ. އަހަރެން ބަލައިލީ ޔަލްވީއަށެވެ. އޭނާއަށް މަޑުމަޑުން އިނދެވެނީ ހަމަ ކިރިޔާއެވެ. އިރުފާނު އިނީ އޭނާގެ ކޮނޑުގައި ހިފައިގެންނެވެ.

"އިއްސޭ މިހާރު ބުނެދީބަލަ. އިއްސެ ދަންނަންތަ އަޒީމާ؟ އަޒީމާއަކީ ކާކު؟" އިރުފާނު ސުވާލުކޮށްލިއެވެ.

"ކޮން އަޒީމާއެއްތަ؟ ބަލަ އަހަރެން ގާތު ފިރިހެނުންގެ ވާހަކަ ނުދައްކަން ކިތައް ފަހަރު ބުނަންތަ؟ ކަލޭމެން ހީކުރަނީތަ އަހަރެން މީ ފިރިހެނެކޭ. މިއީ އަންހެނެއްނު. ބަލައިބަ އަހަރެންގެ އިސްތަށިގަނޑުގެ ދިގުކަން. ނިކަން ބަލައިބަ މި ރީތި ހެދުން. ދެކިބަލަ އަހަރެންގެ ލޫޅާފަތިކަން. އަޅޭ މީނަ ހާދަ ފާޑަކަށް ތިބަލަނީ" ރަނޑު ރާގަކަށް އިސްމާއިލް ވާހަކަދެއްކުން ބަދަލުވިއެވެ. ހަރަކާތްތަކުގައި ވެސް އެ ގޮތްތައް އަތްގަދަކުރަމުން ދިޔައެވެ.

"ތި އިސްމާއިލެއް ނޫންތަ؟" އިރުފާނު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

"އާން އަހަންނަށް އިސްމާއިލް ކިޔަންވީ އެއްވެސް ސަބަބެއް އެބަ އޮތްތަ؟ އަހަރެން މިއީ މިވާދެއްނޫންތަ؟ މަގޭ ނަމަކީ މިވާދު. މިއީ މުޅި ދުނިޔެއަށް މަޝްހޫރު މިވާދު. މިސިސް މިވާދު. ތިމީހުންނަށް މި ނަމުން ވެސް އަހަރެންގެ އަންހެންވަންތަކަން ހާމަ ނުވޭތަ؟" އިސްމާއިލްގެ ރާގު ބަދަލުވަމުން ދިޔައެވެ. ސީދާ އަންހެނަކު ވާހަކަދައްކާހެން އެ ރާގުގައި އޭނާގެ އަޑާއި ހަރަކާތްތައް ބަދަލުވިއެވެ. "އަޅޭ މީނަމެން ރޯދަމަހު ވެސް މީހުން މަގުފުރައްދަނީތަ؟"

"އިސްމާއިލް އިހަށް މި ފެންތަށި ބޯލަބަލަ" މޭޒު ތިރީގައި ހުރި ފެން ޖަގުން ފެންތަށްޓެއް އަޅައި ލުމަށްފަހު، އިރުފާނު އިސްމާއިލަށް ފެންތަށި ދިއްކޮށްލިއެވެ.

"ބަލަ މީނަ ގާތު ބުނީމެއްނު މިއީ މިވާދުއޭ. އިސްމާއިލް ނުކިޔާށޭ. މިވާދު ކިއީމަ ތި ފެންތަށި ބޯލާނީ" އިސްމާއިލް ހަމަ އެ ރާގުގައި ބުނެލިއެވެ.

"މިވާދު މި ފެންތަށި ބޯލަބަލަ" އިރުފާނު ވަރަށް ލޯބިން ވާހަކަދެއްކިއެވެ.

އިސްމާއިލް ފެންތަށި އެއް ނޭވާއިން ދަމާލިއެވެ. ހީވަނީ ފެނަށް ކަޅިއަރާފައި އިން ހެންނެވެ.

"ދެން ހަމަ ޖެހިލާ. މިހާރު ތިއީ ހަމަ އިސްމާއިލް. އިސްމާއިލަށް ހީވޭތަ ހަށިގަނޑުން ބަޔެއް ނެތްހެން މިހާރު؟" އިރުފާނު ހަމަޖެހިލިއެވެ.

"މި ބޮލުގައި ކީއްކުރަން ބޭންޑޭޖު އޮޅައިފަ މިއޮތީ؟ ކީއްވެތަ އަހަރެންގެ އަތް މިހާ ދުޅަވެފަ މިއޮތީ؟" އިސްމާއިލް އަތް ހިއްލައިލިއެވެ. "އަހަންނަށް އަސްލު އެއްވެސް ކަމެއްވީތަ؟"

"އެއްވެސް ތަނެއް އައްސިވެފަ ހުންނަހެން ހީވޭތަ؟" އިރުފާނު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

"މުޅި ބޯ ހީވަނީ އައްސިވެފައި ހުންނަހެން" އިސްމާއިލް ބަލައިލީ އަހަރެން ފެނޭތޯއެވެ.

ދެފަހަރަކު އޭނާ އަހަރެން ހުރި ދިމާ ބަލައިވެސް ލިޔެވެ. ހީވަނީ އޭނާއަށް އަހަރެން ވެސް ނުފެންނަ ހެންނެވެ.

"ދެންމެ އޭނާ މިތާ ހުރި. މިހާރު ކޮންތާކަށް އޭނާ އެވަނީ؟" އިސްމާއިލަށް އަހަރެން ނުފެނުނީކަން ކަށަވަރުވިއެވެ. "އެޔޭ އޭނާ ކަންތައް ކުރާ ގޮތަކީ. އަހަންނަށް މިހާލު ޖައްސައިފަ އޭނާ ފިލާނެ ކޮންމެ ފަހަރަކު ވެސް"

"އޭނާ؟ ކޮން އޭނާއެއް؟" ޔަލްވީ ސުވާލުކޮށްލީ އިސްމާއިލާއެވެ.

"މިވާދު. މިސިސް މިވާދު" އިސްމާއިލް ރުންކުރުވަމުން ދިޔައެވެ.

"ކޮން މިވާދެއް. ކީއްވެ މިވާދު ތި ކިޔަނީ؟ މިވާދަކީ އެޕޮއިންޓްމަންޓަށް ދިވެހިބަހުން ކިޔާ ލަފުޒެއް ނޫންތަ؟" ޔަލްވީ އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ.

"ރަނގަޅޭ. އަހަންނަށް ވެސް ތިކަން އެނގެޔޭ. މި ހުރިހާ ކަމެއް މި ދިމާވީ އެ އަޒީމާއެއްގެ މިވާދެއް ހަމަ ޖައްސައިގެން ދިޔައީމައެއް ނޫންތަ؟ އެހެންވެ އޭނާ ބުނީ އޭނާއަށް މިވާދު ކިޔާށޭ" އިސްމާއިލް އޮޅުން ފިލުވައިދިނެވެ.

"ޑޮކުޓަރ ދެން ކިހިނެއްތޯ ހަދަންވީ؟ މިހާރު ވަރަށް ގިނަ މައުލޫމާތު ލިބިއްޖެއް ނުންތޯ" ޔަލްވީ ވާހަކަދެއްކީ އިރުފާނާއެވެ. "އަސްލު މައްސަލަ ދެނެގަނެވޭނެ ވަރަށް މިހާރު މައުލޫމާތު ލިބިއްޖެތޯ"

އިރުފާނު ބަލައިލީ އިސްމާއިލްގެ މޫނަށެވެ. އެއަށްފަހު ފަސް އެނބުރި ބަލައިލިއެވެ. އަހަރެން ފެނޭތޯ ބަލައިލީ ކަން ނޭނގެއެވެ. އެއަށްފަހު ޔަލްވީއަށް ބަލައިލިއެވެ.

"އާއްމު ގޮތެއްގައި މި މައްސަލަ ދިމާވާކަމަށް ދިރާސާތަކުން ދައްކަނީ އުމުރުން ސާޅީސް އަހަރުން މަތީގެ މީހުންނަށް. ގާތްގަނޑަކަށް ފަންސަވީސް އިންސައްތައާއި ފަންސާސް އިންސައްތަ އާ ދެމެދުގެ އަދަދަކަށް މީހުންނަށް މި ކަން ދިމާވަނީ، މާބޮޑަށް ހާސްވެ ކަންބޮޑުވާ ކަހަލަ ކަންކަން ދިމާވާން ފެށުމުން. ދިރާސާތަކުން ދައްކަނީ ދެބައި ކުޅަ އެއްބައި މީހުންގެ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި މި ކަމުގެ ކޮންމެ ވެސް މިންވަރެއް ތަޖުރިބާ ކުރާކަމަށް. އެކަމަކު އެކި މީހުންނަށް މިކަން ތަޖުރިބާ ކުރެވެނީ އެކި މިންވަރަށް ކަމަށް" އިރުފާނު ފަރުވާތެރިކަމާއެކު އިސްމާއިލްގެ މޫނަށް ބަލައިގެން އިނދެ ކިޔައިދިނެވެ. "ފަހުގެ ދިރާސާތަކުން ފެނުނު ކަންކަމަށް ބަލައިފަ މި ޒާތުގެ ބަލިތައް މިހާރު މައިގަނޑު ތިން ބަޔަކަށް ބަހައިލައިފަ އެބަހުރި. މާނައަކީ މިހާރު މިކަން އިތުރަށް ދިރާސާ ކުރަމުންދާ ވާހަކަ. އެހެންވީމަ އަދިވެސް މި ކަމާ ގުޅޭގޮތުން ހޯދުންތައް ހޯދެމުންދާނޭ"

"އަސްލު މައްސަލައަކީ ކޮބައިތޯ؟" ޔަލްވީއަށް ކެތެއް ނުކުރެވުނެވެ.

 (ނުނިމޭ)
ހިޔާލު

އަހުނާ

ވަރަށް ރީތި މިބައި... އަދި މި އެ ނގެނީ ވާނުވާ... ލިޔުންތެރިޔާ ހަމަ މޮޅިދޯ