Hatharu aharah fahu atoll fihaara thakuge faisaa council thakah dheyn fashaifi
image
ފިނޭންސް މިނިސްޓަރު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

ހަތަރު އަހަރަށްފަހު އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް ދޭން ފަށައިފި

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ހަވާލުނުކުރާތާ ހަތަރު އަހަރަށްފަހު ފައިސާ ޖަމާކޮށްދޭން ފަށައިފި އެވެ.
މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކަކީ އަތޮޅު ކައުންސިލްތަކަށް ކުލީގެ 50 އިންސައްތަ ލިބޭ ގޮތަށް ކުއްޔަށްދީފައިވާ ފިހާރަތަކެކެވެ. އެހެން ނަމަވެސް އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ. އެހެންކަމުން މި ހަފްތާގައި ޖަމާކޮށްދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފައިސާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިހަފްތާގައި 16 ކައުންސިލަކަށް 12.5 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްދީފައި ކަމަށެވެ. ފައިސާ ޖަމާނުކުރެވިވާ ހަތަރު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަތޮޅު ކައުންސިލްތަކަށް ފައިސާ ޖަމާކޮށްދިނުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ފައިސާ ލިބޭނެ ގޮތްތައް ވަރަށް މަދުކަމަށާއި އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން މުހިއްމު ވަސީލަތެއް ކަމަށެވެ.
"މިސަރުކާރުގެ ވައުދެއް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ. އެގޮތުން ބާރުވެރި ކުރުވުމަށް އެންމެ މުހިއްމު އެއް ވަސީލަތަކީ މާލީގޮތުން ފުދުންތެރި ބަޔަކަށް ވުން. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް. އެގޮތުން ނުލިބި ހުރި ހިސާބުން ފައިސާ ދޭން މި ފެށީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކުގެ ފައިސާ ވެސް ކައުންސިލްތަކަށް ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ޤާއިމުކޮށްފައިވާ ފިހާރަތަކެކެވެ. އެކި ފިހާރަތައް އެކި އަގުގައި ކުއްޔަށްދީފައިވާއިރު ކޮންމެ އަތޮޅު ކައުންސިލަކަށްވެސް ލިބެނީ އެފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 50 އިންސައްތަ އެވެ.
ހިޔާލު