"ކުއްޖަކަށް އިންތިޒާރުކޮށްކޮށް ތިއްބާ އަންހެނުން ބަނޑުބޮޑުވީ، އެހެންވެ އޭޑީކޭ އިންނާއި އަދި ވެސް އެހެން ތަންތަނުން އަޅުގަނޑުމެން އައި ސްކޭން ކުރަމުން. ދެން ޑޮކްޓަރުން ވެސް ބުނަމުން އައީ ދަރިފުޅު ރަނގަޅޭ، ނޯމަލްއޭ. އެހެންވެ ވަރަށް އުފަލުން ތިބީ." ކ. ތުލުސްދޫ، މާގިރި ހަސަން ޒަރީރު އޭނާގެ އެންމެ ހަގު ދަރިފުޅު އައިޝަތު ޖީލާން ހަސަން ޖަރީރުގެ ސިއްހީ ހާލަތު ސީއެންއެމްއަށް ކިޔައިދޭން ފެށީ މިހެންނެވެ.
ދެހާސް ހަ ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެށި ޒަރީރާއި އޭނާގެ އަންހެނުންނަށް ފުރަތަމަ ދަރިއަކު ލިބުނީ 2009 ވަނަ އަހަރެވެ. ﷲ ގެ އިރާދަފުޅާއެކު އެކުއްޖާގެ ސިއްހަތު ރަނގަޅެވެ. އޭގެ ތިން އަހަރު ފަހުން އަނެއްކާވެސް އެމީހުންނަށް ދަރިއަކު ލިބުނު ނަމަވެސް ވިހޭތާ 15 މިނެޓުގެ ތެރޭގައި ކުއްޖާ ވަނީ މިދުނިޔެ ދޫކޮށްފައެވެ. އަނެއްކާ ވެސް އޭގެ ހަ އަހަރު ފަހުން ޒަރީރުގެ ހަޔާތަށް ނުތަނަވަސްކަން ވެރިވީ އެމީހުންގެ ތިން ވަނަ ދަރިފުޅު ވިހޭއިރުން ފެށިގެން ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށްވުމުންނެވެ.
"ވިހޭއިރު ދަރިފުޅުގެ ހާލު ދެރަވީމަ ނާސަރީއަށްލީ. ހަތް ވަރަކަށް ދުވަހު އެތަނުގަ ބާއްވާފަ ވޯޑަށް ނެރަފަ ވެސް ބޭއްވީ އޮކްސިޖަން ގުޅުވާފަ. މިހާރު ގެއަށް ދޫކޮށްލިއިރުވެސް ގޭގަ ވެސް ހުންނާނެ އޮކްސިޖަން ބޭނުންވީމަ ގުޅޭ ގޮތަށް. ނޫ ކުލައަކަށް ކުއްޖާ ބަދަލުވަންޏާ އޮކްސިޖަން ގުޅަން ބުނެފަ އޮތީ." ޒަރީރު އޭނާގެ ތިން މަހުގެ ދަރިފުޅުގެ ހާލަތު އިތުރަށް ކިޔައިދިނެވެ.
މިދުނިޔެއަށް އުފަންވީއިރުވެސް ކުޑަކުޑަ ޖީލާން މިވަނީ ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއް ކަމަށްވާ ޓްރީޗާ ކޮލިން ސިންޑްރޯމްގެ ޝިކާރައަކަށްވެފައެވެ. މިބައްޔަކީ ކޮންމެ ބައި ލައްކަ މީހުންގެ ތެރެއިން އެކަކަށް ޖެހުމުގެ ފުރުސަތު އޮތް ބައްޔެކެވެ. އެ ބަލީގެ ސަބަބުން ކުއްޖާގެ މޫނުގެ ސިފައަށް ބޮޑު ބަދަލުތަކެއް އާދެއެވެ. އެގޮތުން އެތައް އޮޕަރޭޝަންތަކެއް ކުރަން ޖެހޭ އެބަލީގެ ސަބަބުން އެ ތުއްތު ކުއްޖާއަށް ވެސް މިވަނީ ބޮލުގެ ނާށިގަނޑާއި މޫނު، ލޯ، މަތީތަލި، ދަތްދޮޅި އަދި ނޭފަތުގެ އިތުރުން ކަންފަތާއި މަތީ ދައްޕިލައިގެ އޮޕަރޭޝަން ކުރަން ޖެހިފައެވެ.
ޒަރީރު ބުނީ، ފުރަތަމަ އޮޕަރޭޝަން ކުއްޖާގެ އުމުރުން 4 މަހާއި ހަ މަހުގައި ކުރުމަށް ޑޮކްޓަރުން ލަފާދޭ ކަމަށެވެ. އަދި ދެވަނަ އޮޕަރޭޝަން 12 މަހާއި 18 މަހުގަ ކުރަން ޑޮކްޓަރުން ލަފާދޭ ކަމަށެވެ. އެކުއްޖާގެ މަތީތަލި ފުރިހަމަ ނުވާތީ ކުއްޖާ ވިހޭ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެކުއްޖާގެ އަނގަޔަށް ހޮޅިލައްވައިގެން ކާންދެމުން އަންނައިރު އެކަން ރަނގަޅުކުރުމަށް ވެސް ސާޖަރީއެއް ހަދަން ޖެހެއެވެ. އެކަމަކު ސާޖަރީ ހެދެން އޮތީ ދަރިފުޅުގެ އުމުރުން 6 މަހާއި 12 މަހުގެ ތެރޭގައި ކަމަށް ޒަރީރު ބުންޏެވެ.
">
">
ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުމަކީ އެކަމަށް ގިނަ ހަރަދުތަކެއް ހިނގާނެ ކަމެއް ނަމަވެސް އާއިލާގައި އެހާ ތަނަވަސްކަން ނެތް ކަމަށް ޒަރީރު ބުންޏެވެ. އެހެންވެ އެ ބަލިން ޖީލާނަށް ލުއިއެއް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން މިއަދު މިވަނީ އާންމުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.
އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:އެކައުންޓު ނަމްބަރު: 7701139523101
ފޯނު ނަމްބަރު: 7752072 - ހަސަން ޒަރީރު (ޖީލާންގެ ބައްޕަ)
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.