PPM ah faisaa dhoo nukuran EC inn ninmaifi
image
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް އަދި ކޮމިޝަންގެ މެމްބަރު އަކްރަމް -- ފައިލް ފޮޓޯ
0 ކޮމެންޓް
 

ޕީޕީއެމަށް ފައިސާ ދޫނުކުރަން އީސީން ނިންމައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފިޔަވާ އަނެއް ތިން ޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ސީއެންއެމް އަށް ވިދާޅުވީ ކޮމިޝަންގެ ބައްދަލުވުމުގައި މިއަދު ނިންމާފައިވަނީ އަހަރީ ރިޕޯޓް ހުށަހެޅި ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ފިޔަވައި ބާކީ ތިން ޕާޓިއަށް ފައިސާ ދޫކުރުމަށް ކަމަށެވެ.

ޕީޕިއެމްއަށް ފައިސާ ދޫނުކުރަން މިއަދު ނިންމީ އަހަރީ ރިޕޯޓްގައި މައްސަލަތަކެއް ހުރުމުން ކަމަށާއި، އަހަރީ ރިޕޯޓް އިސްލާހު ކުރުމަށް މިހާރު އެ ޕާޓީއަށް އަންގާފައިވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ. 

ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފައިވަނީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.

"2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކަކީ، އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ. އޭގެތެރެއިން ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވަނީ، އެމްޑީޕީ، ޖޭޕީ އަދި އެމްޑީއޭ އަށް. ޕީޕީއެމްގެ އަހަރީ ރިޕޯޓް އިސްލާހު ކުރުމަށް އެޕާޓީއަށް އަލުން ފޮނުވުމަށް ނިންމާފައިވާތީ، އެޕާޓީއަށް ފައިސާ ދޫކުރުމަށް މިއަދު ނިންމާފައި ނުވަނީ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާއި މެދު ފިޔަވަޅެއް އެޅުމާއި ގުޅޭ ގޮތުން ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެކަން އަންނަ ހަފްތާއަށް ތާވަލުކުރާނޭކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ހަތަރު ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވަނީ، ޖުމުލަ 26.2 މިލިއަން ރުފިޔާއެވެ.
ހިޔާލު