Kureege Raees Yameen ge account thah freeze kohdhinumah edhijje
image
ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ރައީސް ޔާމީން ޖަލަށް ގެންދަނީ - ފޮޓޯ: ނިޝާން އަލީ/ މިހާރު
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްދިނުމަށް ދައުލަތުން ސްުޕްރީމް ކޯޓުގައި އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓްތައް ދޫކުރުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފް ކޮށްފައިވާއިރު، އެމައްސަލައިގެ އަޑުއެހުން ބާއްވާފައިވަނީ މިއަދު ހެނދުނުއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ، ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓްތައް ދޫކުރުމަށް ހައިކޯޓުން ނެރުނު އަމުރު ބާތިލު ކޮށްދިނުމަށާއި، ޔާމީންގެ ނަމުގައި ބީއެމްއެލް އަދި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކުރުމަށެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، ހައިކޯޓުން ޔާމީނުގެ އެކައުންޓްތައް ފްރީޒްކުރުން ހުއްޓުވުމަށް ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށްވެސް އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ މައްސައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް އެދިލައްވާ ކަމަށާއި، އެމައްސަލައިގައި ހައިކޯޓުން ކަމާއި ގުޅުންހުރި އިތުރު ޤާނޫނުތަކަށް ނުބައްލަވާ ކަމަށާއި، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 މާއްދާ ސުޕްރީމް ކޯޓުން މާނަ ކޮށްދޭންޖެހޭ ކަމަށެވެ.

މި މައްސަލައިގައި ކުރީގެ ރައިސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ހައިކޯޓުގެ ހުކުމަކީ ހުރިހާ ހުކުމަކަށް ރިއާޔަތްކޮށް ނެރެފައިވާ ރަނގަޅު ހުކުމެއް ކަމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ފްރީޒްކޮށްފައިވާ އެކައުންޓްތައް ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރު ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައވާއިރު ޝަރީއަތް ނިމެންދެން ޔާމީން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރިން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށް ޔާމީން ދޫކޮށްލި މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓްގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހިޔާލު