Vaahaka: Mivaadhu
image
ވާހަކަ: މިވާދު
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: މިވާދު

(ފަހު ބައި)
" އަސްލު މިއީ ސިކުނޑިއަށް ޖެހޭ ބައްޔެއް. މި ޒާތުގެ ބަލިތަކަށް މިހާރު ކިޔާ މި އުޅެނީ ޑިޕަރސަނަލައިޒޭޝަން ނޫނީ ޑިރިއަލައިޒޭޝަން ޑިސްއޯޑަރ" އިރުފާނު އިސްމާއިލްގެ މޫނަށް ބަލައިލިއެވެ. "އިއްސެއަށް މި ކަން ދިމާވެފައި މިވަނީ އަޒީމާގެ ކަންތަކާ މާބޮޑަށް ހާސްވެ، ފިކުރު ބޮޑުވުމުގެ ތެރެއިން ކަމަށް ގަބޫލުކުރެވެނީ. އިއްސެ އެ ކިޔައިދިނީ މި ބަލީގެ އަލާމަތްތައް އަސްލު"

"އެކަމަކު އަބަދަކު އިއްސެއަށް މިކަން ތަޖުރިބާއެއް ނުކުރެވެއެއްނު. އެ ކިހިނެއް ވާގޮތެއް؟" ޔަލްވީ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ. އިސްމާއިލްގެ މޫނަށް ބަލައިގެން އިނދެއެވެ.

"މި ބަލީގެ ގޮތުން މި ބަލި އަބަދަކު ތަޖުރިބާއެއް ނުކުރާނެ. ބައެއް މީހުންނަށް ހަތަރު ވަރަކަށް ގަޑީއިރު އުނދަގޫ އިހުސާސްވެދާނެ. އަނެއް ބައި މީހުންނަށް އެއްދުވަހު އުނދަގޫ އިހުސާސް ވެދާނެ. ބައެއް މީހުންނަށް ހަފުތާއަކަށް ނޫނީ އެއް މަހަށް ވެސް. މިބަލީގެ ގޮތުން އެކި މީހުންނަށް އެކި ގޮތް ދިމާވާނީ. އަދި އުނދަގޫ އިހުސާސް ކުރެވޭނީ ސިލްސިލާއެއް ގޮތަށް. މި ބުނީ އެޕިސޯޑެއް ގޮތުގައޭ" އިރުފާނު އަނެއްކާ ވެސް ފަހަތް ބަލައިލިއެވެ. "ބައެއް މީހުންނަށް އިހުސާސްވާނެ އޭނާއާއެކު އޭނާގެ ނަކަލެއް ނޫނީ އޭނާގެ 'އަސޫރަ' އުޅޭކަމުގެ އިހުސާސް. އެފަދަ ހާލަތްތަކުގައި އެމީހާ ވަށައިގެން ހިނގާ ހުރިހާ ކަމެއް ބިނާ ވެފައިވާނީ މި ދެންނެވި އަސޫރައިގެ އަމަލުތަކަށް ބިނާކޮށް"

"އަސޫރައޭ؟" ޔަލްވީ ހައިރާންކަމާއެކު އަހައިލިއެވެ.

"އިއްސެ ވެސް އެބަ ބުނެއެއްނު އޭނާއާ ވައްތަރު މީހަކު އެބަ އުޅެޔޭ މިތަނުގައި ވެސް. އަހަރުމެންނަށް ނުފެނުނަސް އޭނާއަށް އެބަ ފެނެއެއްނު އެހެން މީހަކު. އިއްސެ ބުނާ ގޮތުން އެއީ އޭނާގެ އަމިއްލަ ސޫރަ. އެހެންވެ ކުރުކޮށް މި ބުނީ އަސޫރައޭ" އިރުފާނު އޮޅުން ފިލުވައިދިނެވެ.

"މިކަމުން އަހަންނަށް ސަލާމަތް ވެވިދާނެތަ؟" ސުވާލުން ފުރިގެންވާ ހިތް އިސްމާއިލް ހުޅުވާލިއެވެ.

"ވެވިދާނެ. އެކަމަކު ވަގުތު ނަގާނެ. މިކަމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ހަމަ މީހާގެ ވިސްނުން. ވިސްނަން ނުޖެހޭ ކަންކަމުގައި ނުވިސްނުން. ފިކުރު ނުކުރުން. ޑޮކުޓަރުންނަށް ދެވޭނެ ހަމައެކަނި ފަރުވާއަކީ ސައިކޯތެރަޕީ ދިނުން. އާއްމުކޮށް ދީ މިއުޅެނީ ކޮގްނެޓިވް ބިހޭވިއަރަލް ތެރަޕީ. އެއީ ބޭކާރު ކަންކަމާ ދުރުކޮށްދީ މީހާގެ ވިސްނުން ކުރިއަރުވަން އެހީވެދޭ ކަމެއް" އިރުފާނު ބަލައިލީ އިސްމާއިލްގެ މޫނަށެވެ. "މިހާރު އިއްސެ ތި ހުރި ހާލަތުން މާ އުނދަގުލަކާ ނުލައި މިކަމުން ސަލާމަތް ވެވިދާނެ. އިހަށް މި ވަގުތަށް ކުރަންވީ އެންމެ ކަމެއް"

"ކޮންކަމެއް؟" ޔަލްވީ ސުވާލުކޮށްލިއެވެ.

"ޔަލްވީއަކީ އަދި މިދާއިރާއިން ކިޔަވާ ކުއްޖަކަށް ވާތީއާއެކު، މިތަނުގައި މި ވޭދަނައާ ހަވާލުވެ ހުރި ދަރިވަރަކަށް ވާތީ ދޯ މާ ގިނައިން ތިޔަ ސުވާލު ކުރަނީ؟" އިރުފާނު ހިނިތުންވެލިއެވެ. "ތި ވަރަށް ރަނގަޅު ސިފައެއް. ކަންކަން ދަސްވާނީ ގިނަގިނައިން ސުވާލުކޮށްގެން"

"ނޫނޭ. އަސްލު އަހަންނަށް ހަމްދަރުދީ ވެވެނީ. އިއްސެގެ ހާލަތާ މެދު ވިސްނެނީ. ހަގީގަތުގައި އިއްސެގެ ހަޔާތުގައި ދިމާވެފައި އެވަނީ ވަރަށް ހިތި ކަންކަން. މީހަކު ގަބޫލު ވެސް ނުކުރާނެ ފަދަ ކަންކަން. ދިވެހި ރާއްޖޭގައި މިކަން ހިނގައިފިއޭ ބުނުމުން މީހުން ޖަހާނީ ވެސް ޖޯކު. މީހުންނަށް ގަބޫލެއް ވެސް ނުކުރެވޭނެ މިއީ ހަގީގަތެއް ކަމަކަށް. މިކަމާ ވިސްނައިލީމަ ހާދަ ކަންކަމެއް އެބަ އެނގެޔޭ. ނިކަން ބަލައިބަލަ، އިއްސެގެ ފުށުން އެހެން މީހުން ނާޖާއިޒު ފައިދާތަކެއް ނަގައިގެން އެމީހުން އުފަލުގައި އެ އުޅެނީ. ހަގީގަތުގައި އިއްސެ ބުނާހެން ހަނދުވަރުގެ އަލިކަން ލިބެންޖެހޭ މީހާ މިވަނީ ފަޅު ރަށަކަށް ވެފަ" ޔަލްވީ ލޮލުން ކަރުނަ ނިރައިލިއެވެ.

"އޯކޭ. މާ ޖަޒުބާތީ ނުވޭ. މިހާރު އިއްސެ ކުރާންވީ ކަމަކީ ތި ބުނާ މިވާދެއް ފެނުނަސް ނުފެންނަ ކަމަށް ހަދަންވީ. އެއީ އަސްލެއް ނޫންކަން ގަބޫލު ކުރަންވީ. އެއީ މާބޮޑަށް ވިސްނޭތީ ކުރެވޭ އިހުސާސެއް. ސިކުނޑިއަށް ބާރު ބޮޑުވުމުން މީހާ ހަމައިން ނެއްޓޭތީ އަސޫރަ ފެންނަ ހެން ހީވނީ. އެހެންވެ އެގޮތަށް ދިމާވާކަމެއް" އިރުފާނު ލަފާދިނެވެ.

"ވަރަށް މަސައްކަތް ކުރާނަން" އިސްމާއިލް އަހަރެން ފެނޭތޯ ބަލައިލި ކަހަލައެވެ.

ދެފަހަރަކު އޭނާ އެސްފިޔަ ޖަހައިލިއެވެ. ނަމަވެސް ތިންވަނަ ފަހަރު އޭނާ އިސްޖަހައިލިއެވެ. އަހަންނަށް ޔަގީންވި ކަމަކީ އޭނާއަށް އަހަރެން ފެނުނު ކަމެވެ.

"އަހަރެން ދެން ދުވަހަކު ވެސް މިވާދަށް ނުބަލާނަން. އެއީ އަސްލެއް ނޫން. އެއީ ހިޔާލުތަކެއް. އެއީ ފިކުރުތަކެއް. އެއީ އަހަރެންނަށް ކުރިމަތިވި ދަތި ދަނޑިވަޅުތަކުން އުފަންވި އަހަރެންގެ ހިޔާލީ ދުނިޔެއެއް. ތިބުނާ ކަހަލަ އަސޫރައެއް" އިސްމާއިލް އިސްޖަހައިގެން އިނދެ އަމުނައިލިއެވެ. "އަހަރެން ބޭނުންވަނީ ރަނގަޅުވާން. ހަމަޖެހޭ ދިރިއުޅުމަކަށްދާން. އުމުރުގެ ބާކީ މި އޮތް ދުވަސްތައް އުފަލުގައި އުޅެން. އަހަރެންގެ ދަރިފުޅު ވެސް މިހާރު ހުންނާނީ ބޮޑުވެފަ. އޭނާއަށް އަހަރެން މުހިއްމެއް ނުވާނެ. އެހެންނަމަވެސް އަހަރެން އެ ދަރިފުޅު ދެކިލަން ބޭނުން. އޭނާއަށް އޭނާގެ ބައްޕައަކީ ކާކުކަން ކިޔައިދޭން ބޭނުން. އެ ދަރިފުޅުގެ ހަނދާނުގައި މި ބައްޕަ އުފުލިވޭނާއި މި ބައްޕައަށް ޖެހުނު ހާލު ކިޔައިދޭން ބޭނުން. މި ބައްޕަގެ މަޖުބޫރީ ހާލަތު ބުނެދޭން ބޭނުން"

"ނުރޮއި ހުއްޓައިލާ އިއްސޭ. އަހަރެން ތިޔަ ހުރިހާ ކަމަކާ ހަވާލު. އިއްސެ މަސައްކަތް ކުރަމުންދާ ވަރަކަށް އަދި ކުރިއެރުން ލިބެމުންދާ ވަރަކުން ތިޔަ އުއްމީދުގައި ކުލަ ޖެއްސުމަށް ވަރަށް މަސައްކަތް ކޮށްދޭނަން" އިރުފާނު އިސްމާއިލްގެ އަތުގައި ހިފައިލިއެވެ.

"އަހަރެން އެބައޮތޭ އިސްމާއިލް ބެއަށް ސުވާލެއް؟" ޔަލްވީ އަހައިލިއެވެ.

"ކޮން؟" އިސްމާއިލް ބަލައިލީ ޔަލްވީގެ މޫނަށެވެ.

"ވަރަށް ގިނައިން ލިޔަމެއްނު ކޮންމެ ވެސް ތިން އަކުރެއް. ސީނަކާ ޔާއަކާ ނޫނަކާ. އެ ކޮން އަކުރުތަކެއްތަ؟ އިސްމާއިލްބޭ އެކަނި އިނދެ އެކި ތަންތަނުގައި އެހެން ވަރަށް ލިޔާނެ" ޔަލްވީ ސުވާލުން ފުރިގެންވާ ގޮތަކަށް އިސްމާއިލަށް ބަލައިލިއެވެ.

"އެއީ ސަޔާނާ. ސަޔާނާ އެ ނަން. ރީތިތަ އެ ނަން" އިސްމާއިލް ގަދަކަމުން ހިނިތުންވެލިއެވެ.

"އެ ކާކު؟" އިރުފާނު ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"އެއީ ދަރިފުޅަށް ކިޔަން އަހަރެން ހޯދި ނަން" އިސްމާއިލްގެ ލޮލުން ކަރުނަ ނީރައިލިއެވެ.

ދެން ދެމިގެން ދިޔައީ ހިމޭން ކަމުގެ ދިގު ސިކުންތެކެވެ. އިވޭހާ ވެސް އަޑަކީ އިސްމާއިލްގެ ގިސްލުމުގެ އަޑެވެ. އޭނާގެ ވޭނީ ކެކުޅުންތަކުން އުފަންވާ ވޭނީ ނޭވާތަކުގެ އަޑެވެ. އިސްމާއިލް ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަރެން ވެސް އިސްމާއިލްގެ މޫނަށް ބަލައިލީމެވެ. ފެންކަޅިވެފައިވާ ހަތަރުކަޅި ހަމަވިއެވެ. އިސްމާއިލްގެ އިހުސާސްތައް އަހަންނަށް ވަޒަންކުރެވުނެވެ. އޭނާގެ ހިތުގެ ރިހުންތައް އަހަންނަށް އިހުސާސްކުރެވުނެވެ.

"އޯކޭ. ވަރަށް އަމާން ބާއްޖަ ވެރި ދިރިއުޅުމަކަށް އެދެން. އަހަރެން ދަނީ. ވަރަށް ބޮޑަށް މައާފަށް އެދެން" އަހަރެން އިސްމާއިލަށް އިވޭވަރަށް ބުނެލީމެވެ.

ނަމަވެސް އިސްމާއިލް އަހަންނާ ދިމާއަށް ބަލައި ވެސް ނުލިއެވެ. އަޒުމާއެކު އޭނާ ކޮޅަށް ތެދުވިއެވެ. އޭނާ ބުނާކަހަލައެވެ. މިލަހަނދުވަރުގެ އަލީން އޭނާ ފެންވެރުން ނިމުނީއެވެ. ދެން އޭނާ ފެންވަރާނީ ނަލަ ހަނދުވަރުގެ ނަލަނަލަ އަލީންނެވެ. އެއީ ވެސް އަހަންނާ ނުލައެވެ. މިއަދު އަހަރެން ބާކީ ވީއެވެ. އަހަރެންގެ ވާހަކަ ވެސް ނިމުނީއެވެ.

(ނިމުނީ) 
ހިޔާލު

އަޅޭ

ނިމުނީތަ
އަދި ކިރިޔާ މި އެނގުނީ ވާނުވާ... ވަރަށް ްިބްރަތްތތެރި