STO in hissaa akah RF 58 Bahan faaskohfi
image
އެސްޓީއޯ އެމްޑީ އަމްރު، ކުންފުނީގެ ޕާފޯމަންސް ރިޕޯޓް ހުށަހަޅައިދެއްވަނީ.-- ފޮޓޯ: އެސްޓީއޯ
0 ކޮމެންޓް
 

އެސްޓީއޯގެ ހިއްސާ އަކަށް 58ރ. ބަހަން ފާސްކޮށްފި

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން އެ ކުންފުނީގެ ކޮންމެ ހިއްސާ އަކަށް 58ރ. ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި ގޮތަށް، މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކުންފުނިން ދަރުބާރުގޭގައި، 504 ހިއްސާދާރުންނާ އެކު ބޭއްވި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާ ބަހަން ފާސްކުރުމުގެ އިތުރުން، ކުންފުނީގެ ޕާފޯމަންސް ރިޕޯޓް ހިއްސާދާރުންނަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، މިދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ ހިސާބުތައް ވެސް ވަނީ ފާސްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް އެސްޓީއޯ އަށް ވަނީ ބޮޑު ފައިދާއެއް ލިބިފަ އެވެ. އެގޮތުން 224 މިލިޔަން ރުފިޔާގެ ސާފު ފައިދާ އާ އެކު އެސްޓީއޯ އިން މިދިޔަ އަހަރު ނިންމާލި އިރު، މި އަހަރު ހިއްސާ ދާރުންނަށް ބަހަން ފާސްކުރި އަދަދު ވެސް ކުރީ އަހަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފަ އެވެ. އެސްޓީއޯ އަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 211 މިލިޔަން ރުފިޔާ ލިބުނު އިރު ހިއްސާދާރުންނަށް ބެހީ، ހިއްސާ އަކަށް 55ރ. އެވެ.

ހިއްސާ ދާރުންނަށް ފައިދާ ބެހުމުގެ އިތުރުން މިރޭގެ ޖަލްސާގައި އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ވެސް އަލުން އެކުލަވާލައިފަ އެވެ. އެގޮތުން އެސްޓީއޯގެ ޗެއާމަންގެ މަގާމަށް ހާމިދު ނަޝީދު މުހައްމަދު އައްޔަން ކުރި އިރު، ސަރުކާރުގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް އައްޔަން ކޮށްފައިވަނީ ގައިސް އިސްމާއިލް، ޝިމާދު އިބްރާހީމް އަދި އިސްމާއިލް ޖުމައިލް ރަޝީދެވެ.

އެސްޓީއޯގައި 4،045 ހިއްސާދާރުން ތިބި އިރު، އެ ކުންފުނީގެ 83.6 ޕަސެންޓަކީ ސަރުކާރުގެ ހިއްސާ އެވެ. ބާކީ ހިއްސާ އަކީ އަމިއްލަ ހިއްސާދާރުންގެ ހިއްސާ އެވެ. 

އެސްޓީއޯގެ މި އަހަރުގެ އޮޑިޓަރުންގެ ގޮތުގައި އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފައިވަނީ ކޭޕީއެމްޖީ އެވެ. އަދި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ  49،820 ޑޮލަރުގެ އުޖޫރައަކަށެވެ.
އެސްޓީއޯ
ހިޔާލު