Emme nufooz gadha Islaamee leaderunge thereinn Urudhunge Abdulla Rasgefaanu
image
އުރުދުންގެ ރަސްގެފާނު އަބްދުﷲ އިބްން އަލް ހުސޭން (މ)، ކާފާފުޅު ކުރީގެ ރަސްގެފާނު އަބްދުﷲ ގެ ހަނދާނުގައި ބޭއްވި ހަފްލާއެއްގައި -- ފޮޓޯ: ޖޯޑަން ޓައިމްސް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

އެންމެ ނުފޫޒު ގަދަ އިސްލާމީ ލީޑަރުންގެ ތެރެއިން: އުރުދުންގެ ރަސްގެފާނު އަބްދުﷲ އިބްން އަލް ހުސޭން

އުރުދުންގެ ރަސްގެފާނު އަބްދުﷲ އިބްން އަލް ހުސޭން އުފަންވީ 30 ޖެނުއަރީ 1962 ގަ އެވެ.
މި ރަސްގެފާނަކީ ކީރިތި ރަސޫލާ މުހައްމަދު (ސއވ) އާއި ލޭގެ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ. އަދި މި ރަސްގެފާނު ނިސްބަތް ވަނީ ހާޝިމީ ދަރިކޮޅަށެވެ. މި ދަރިކޮޅަކީ މިއަދު ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ ދެވަނައަށް އެންމެ ގިނަ ދުވަސްވީ ދަރިކޮޅުވެސްމެއެވެ. އަބްދުﷲ ރަސްގެފާނަކީ ހާއްސަ ޝަރަފެއް އިސްލާމީ ދަރިކޮޅުގައި ލިބިފައިވާ ބޭފުޅެކެވެ.

އާއިލާ އަދި ކުރީގެ ދިރިޅުން:

އަބްދުﷲ ރަސްގެފާނުގެ މަންމާ ފުޅަކީ އިނގިރޭސި ވިލާތުގެ ބޭފުޅެކެވެ. ބައްޕާ ފުޅަކީ އުރުދުންގެ ކުރީގެ ރަސްގެފާނު ހުސޭނެވެ. އަބްދުﷲ ރަސްގެފާނަނަށް ނަން ދީފައިވަނީ އެމަނިކުފާނުގެ މުނިކާފާފުޅު، ރަސްގެފާނު އަބްދުﷲ ގެ ނަމުންނެވެ. އަބްދުﷲ ރަސްގެފާނުގެ މުނިކާފާފުޅު އަބްދުﷲ އަކީ މިއަދު މި ދެކޭ ޒަމާނީ އުރުދުންގެ ބާނީ އެވެ.

އަބްދުﷲ ރަސްގެފާނު ނިސްބަތްވާ ހާޝިމީ ދަރިކޮޅުން 700 އަހަރު ވަންދެން މައްކާ ބެލެހެއްޓިއެވެ. ނަމަވެސް ފަހުން ސައުދުގެ ދަރިކޮޅުން މައްކާ ހިފައި ފަތަހަ ކުރީއެވެ. އަދި ސައުދީ އަރަބިއްޔާ އުފެއްދީއެވެ.

އިސްލާމީ ދުނިޔޭގައި އޮތް އެންމެ ޒަމާންވީ ރަސް ދަރިކޮޅަށްވީއިރު، އަބްދުﷲ ރަސްގެފާނުގެ އާއިލާއަކީ ކީރިތިރަސޫލާގެ ދަރިކަލުން ފާތިމަތުގެފާނާއި އަލީގެފާނަށް ލިބިވަޑައިގަތް ދަރިކަލުންގެ އާއިލާއެވެ.

އަބްދުﷲ ރަސްގެފާނުގެ އެއްބަނޑު އެއްބަފާ ހަތަރު ފިރިހެން ބޭފުޅުންނާއި ހަ އަންހެން ބޭފުޅުން ތިއްބަވައެވެ.  އަބްދުﷲ ރަސްގެފާނު ކިޔަވާ ވިދާޅުވީ އުރުދުން، އިނގިރޭސި ވިލާތް އަދި އެމެރިކާއިންނެވެ.

އަބްދުﷲ ރަސްގެފާނު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރާނިއާ އަލް ޔަސިން އާއެވެ. އެކަމަނާއަކީ ކުރިން އެޕަލް ކުންފުނީގެ މާކެޓިން ޓީމުގައި މަސައްކަތް  ކުރެއްވި ބޭފުޅެކެވެ.

އަސްކަރީ ހަޔާތް:

އަބްދުﷲ ރަސްގެފާނަކީ އިގިރޭސިވިލާތުގެ އަސްކަރިއްޔާގެ އިތުރުން އުރުދުންގެ އަސްކަރިއްޔާ އަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ޓްރޫޕް ކޮމާނޑަރުކަން 1980 ވަނަ އަހަރު ކުރެއްވިއެވެ. އަދި އެދުވަސްވަރު އިގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން މެދުއިރުމަތީގެ ހަމަޖެހުމާ ގުޅޭގޮތުން ކިޔަވައި ވިދާޅުވިއެވެ.

އެނބުރި ގައުމަށް ވަޑައިގެން އުރުދުންގެ ރޯޔަލް އާމީ އާ ގުޅިވަޑައިގެން ހެލިކޮޕްޓަރު ދުއްވުމާއި، ޖައްވުގެ ތެރެއަށް ވައި ކުޑަ އަޅައިގެން ފުންމާލުން ފަދަ ކަންކަން ދަސްކުރެއްވިއެވެ. އުރުދުންގެ ރޯޔަލް އާމީގެ ކެޕްޓަންކަމާ ކޮމާންޑަރުކަން އެމަނިކުފާނު ކުރެއްވިއެވެ.

މިހާރު އަބްދުﷲ ރަސްގެފާނަކީ އުރުދުންގެ ރޯޔަލް އާމީގެ އެންމެ އިސްވެރިއާއެވެ. އަދި އިސްލާމީ ދުނިޔޭގައި އޮތް އެންމެ ބޮޑު ލަޝްކަރު ވެސް އޮތީ އުރުދުންގައެވެ.

ގާނޫނީ އޮނިގަނޑު:

އަބްދުﷲ ރަސްގެފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތީ 1999 ވަނަ އަހަރުއެވެ. އޭރުން ފެށިގެން އަބްދުﷲ ރަސްގެފާނު ގެންދެވީ އުރުދުންގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.

މިގޮތުން މުޅި ގާނޫނު އަސާސީގެ ތިންބައި ކުޅަ އެއްބައި ބަދަލުކުރައްވައި، ވެރިކަމުގެ ބާރުން ކުރާ ހަރަދުތަކާއި، ނިންމާ ނިންމުންތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އާންމުންނަށް ފެންނާނެ ގޮތަށް ބަދަލުކުރެއްވިއެވެ.

އުރުދުންގެ ގާނޫނީ އޮނިގަނޑު ވާރުތަވެފައިވަނީ އުސްމާނީ ހިލާފަތުންނެވެ. ހަނަފީ މަޒުހަބުގެ ޝަރިއާ އަކީ ގާނޫނުގެ މަސްދަރެވެ. އެހެން ނަމަވެސް، އުރުދުންއަކީ އެހެން ދީންތަކުގެ ރައްޔިތުންނަށްވެސް އެމީހުންގެ ގާނޫނު ތަންފީޒު ކުރުމަށް ފުރުސަތު ދޭ ގައުމެކެވެ. މިގޮތުން އުރުދުންގައި ދރިއުޅޭ ކްރިސްޓިއަނުންނަށް ހާއްސަކޮށް ކޯޓުތަކާއި، މަޖިލިސް ގޮނޑިތައް ހުރެއެވެ. އަދި އެހެން މަޒުހަބުތަކާއި ދީންތަކުގެ މީހުންނަށް އޮންނަނީ އެމީހުން ގަބޫލުކުރާ ގާނޫނުތަކެވެ.

ދީންތަކުގެ އެއްބައިވަންތަ ކަމުގެ ލީޑަރު:

އަބްދުﷲ ރަސްގެފާނު ނަން މަޝްހޫރު ވެފައިވަނީ ދީނީ އެއްބައިވަންތަކަމުގެ ލީޑަރުގެ ގޮތުގައެވެ. ސަބަބަކީ 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ދީންތަކާއި، މަޒުހަބުތަކާއި ސަގާފަތް ތަކުގެ މެދުގައި ޖެހޭ ހަމަނުޖެހުންތައް ކުޑަކުރުމަށް އެމަނިކުފާނު ގެންދަވަނީ ނުހަނު ބުރަ މިންނެތް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިސްލާމީ ތާރީހީ ތަރިކައާއި، ކްރިސްޓިއަނުންގެ ތާރީހީ އެތައް ތަރިކައެއް ހިމާޔަތް ކުރުމަށް އުރުދުން އިން މަސައްކަތްވެސް ކުރެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އުރުދުންގައި ހުންނަ އީސާގެފާނު ހިނައިގަތުމަށް ބޭނުންކުރެއްވި ކޯރެއް އުދުންއިން ވަނީ ޔުނެސްކޯގެ ދާއިމީ ތަރިކައިގެ ލިސްޓަށް ލާފައެވެ. އަދި ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާ ހިމާޔާތްކޮށް ބެލެހެއްޓުމަށް އުރުދުން އިން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މިސްކިތުގެ ވަގުފް ފަންޑަކީ އުރުދުން އިން ބަލަހައްޓާ ފަންޑެކެވެ. އަދި އެންމެ ފަހުންވެސް އަބްދުﷲ ރަސްގެފާނުގެ އިސް ނެންގެވުމުގެ މަތިން އެ ފަންޑަށް 1.4 މިލިއަން ޑޮލަރު ހަދިޔާ ކުރެއްވިއެވެ.

މުސްލިނު ދުނިޔެއަށް ފޯރުކޮށްދޭ އެހީތެރިކަން:

އުރުދުންގައި ރެފިއުޖީންގެ ގޮތުގައި 4 މިލިއަން އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ރެފިއުޖީންގެ ތެރޭގައި ގިނައީ އިސްލާމީ ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކުން ސަލާމަތްވާން ހިޖުރަކޮށްފައި ތިބި މީހުންނެވެ. އެގޮތުން ސައުދީން ޔަމަނުގައި ހިންގާ ގަތުލް އާންމުން ސަލާމަތް ވާން ހިޖުރަކޮށްފައި ތިބި މީހުންނާއި، ސީރިއާ ހަނގުރާމައިން ސަލާމަތްވާން ހިޖުރަކޮށްފައި ތިބި މީހުންނާއި، ފަސަލްތީނުގައި އިޒްރޭލުން ހިންގާ އުދުވާންތަކުން ސަލަމަތް ވާން ހިޖުރަކޮށްފައި ތިބި މީހުން ހިމެނެއެވެ.

މިހާ ގިނަ އަދަދެއްގެ ރެފިއުޖީންނާއެކު ވެސް، އުރުދުންގެ އިގްތިސާދަކީ މެދު އިރުމަތީގައި އެންމެ ހަމަޖެހޭ އެއް އިގްތިސާދެވެ. އެ ގައުމުގެ އިގްތިސާދީ މާހިރަކީވެސް އެގައުމުގެ ރަސްގެފާނު އަބްދުﷲ އެވެ.
މީހުން ރޯދަމަސް ފޭޑި
ހިޔާލު