MMPRC ge faisaa aa gulhey gothun dhogu vaahaka dhehki kamah Adhurey aai Arif ebbasvejje
image
ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް --
7 ކޮމެންޓް
 

އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭ ގޮތުން ދޮގު ވާހަކަ ދެއްކި ކަމަށް އަދުރޭ އާއި އާރިފް އެއްބަސްވެއްޖެ

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިދިކޮޅު ޕީޕިއެމާއި ޕީއެންސީން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްއެމްޕީއާރްސީގެ ފައިސާތަކާ ގުޅޭ ގޮތުން ދެއްކި ބައެއް ވާހަކަތަކަކި ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެއްބަސްވެއްޖެ އެވެ.
ފެބްރުއަރީ 18 ވަނަ ދުވަހު ޓީވީތަކުން ވަގުތުން ދެއްކި އެ ޕްރެސް ކޮންފެރެންސްގައި އާރިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެދުވަހު އަބްދުއްރަހީމް ވަނީ ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުން އެނގިވަޑައިގަންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ މައްސަލަ އޭސީސީން ތަހުގީގު ކުރުމަށްފަހު މިއަދު ނެރުނު ބަޔާނެއްގައި އަބްދުއްރަހީމާއި އާރިފްގެ ނަން ހާމަނުކޮށް ބުނީ "ދެ މެންބަރަކު އޭސީސީއަށް ހާޒިރުކޮށް" ބަޔާންނަގާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ފަރާތަކުން އެ ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކާފައިވަނީ "ސިޔާސީ ގޮތުން" ކަމަށާއި، އެއީ ހަގީގަތް އޮޅުންފިލުވައިގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށް ވަނީ އޭސީސީއަށް މައުލޫމާތު ދީފަ އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށް ކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނު ކަމެއް ވެސް އެ ފަރާތަށް ނޭނގޭ ކަމަށާއި، އެއީ، ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށާއި، އާންމުކޮށް ސިޔާސީ މަޝްރަޙުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ޙަޤީޤަތް ބަލައިގެން ނޫން ކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެ ކަމަށް،" އެއް މެމްބަރަކު ވިދާޅުވި ކަމަށް އޭސީސީން ބުންޏެވެ.

އެމައްސަލައިގައި އޭސީސީއަށް ހާޒިރުކުރި ދެވަނަ މެމްބަރު، އެދުވަހު (18 ފެބުރުއަރީ 2019) ދެއްކި ވާހަކަތަކަކީ، އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންނާއި ލިބުނު ވަރެއް އެނގިގެން ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި މީހަކަށް އެފަދަ ފައިސާއެއް ލިބުނު ކަމަށް ބުނެ ދެއްކި ވާހަކައެއްވެސް އަޑު ނާހާކަމަށް އެމެމްބަރު ބުނި ކަމަށް ވެއެވެ.

"އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މެންބަރުންނަން ވެސް ލިބުނު ކަމަށާއި، ލިބުނީ ކިހާވަރެއްކަމާއި އެ ފަރާތްތައް އެނގޭ ކަމަށް ދޭހަވާ މޭރުމުން އޭނާ ދައްކާފައިވާ ވާހަކަތަކަކީ އެ ފައިސާ ލިބުނު މީހުންނާއި އެ ފަރާތްތަކަށް ލިބުނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގިގެން އޭނާ ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އޭނާ ސިޔާސީގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް" ދެވަނަ މެމްބަރު އޭސީސީއަށް ހާޒިރު ކުރުމުން ވިދާޅުވި އެވެ.

އޭސީސީން ބުނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ބައެއް ފަރާތްތަކުން އެކަށީގެންވާ މައުލޫމާތު ނެތި ރައްޔިތުންނަށް ހަޤީޤަތް އޮޅޭގޮތަށް ވާހަކަ ދައްކާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރު ހިފޭ މަޤާމުތަކުގައި ތިބޭ ފަރާތްތަކުން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށް ސިޔާސީ ގޮތުން މަންފާ ހޯދުމަށް އަދި ރައްޔިތުންނަށް ހަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އޭސީސީން ވަނީ އެދިފަ އެވެ.
ހިޔާލު

އަޒީމް

ސިޔާސީ ބޭނުމަށް ދޮގުހެހަދާ، އޮލުވާލާ، ހިޔާނަތްތެރިވެ، ވައަކަންކޮއް ހުއްދަވީ ކޮންގާނޫނަކުންތޯ.
ވަގަށް ޓިނުނެއްގެވީވެސް ސިޔާސީ ބޭނުމައްބާ؟

އަހުމަދު

އެހެންވީމާ ފައިސާގޯނި އުފުލިމިހާ އެވާހަކަދެއްކިއިރުވެސް އަޅާނުލި ދެން މިމީހުން ކޮބާ މައްސަލައެއް.

މެސީ

ކޮންމެ ވާހަކައެއް ދައްކާފަވެސް ބުނަންވީ އެއީ ސިޔާސި ގޮތުން ދެއްކި ވާހަކައެކޭ އެ ނިމުނީ ދެއްތޯ

މެސީ

ކޮންމެ ވާހަކައެއް ދައްކާފަވެސް ބުނަންވީ އެއީ ސިޔާސި ގޮތުން ދެއްކި ވާހަކައެކޭ އެ ނިމުނީ ދެއްތޯ

ކޮއްކޯ

އެފަދަ ފަރާތްތަކަށް ވެސް އަދަބު ދެވެންޖެހޭނެ. އެއީ މުޅި މުޅިމުޖުތަމައުގެ ހައްގުގައި. ގައުމުގެ ކުރިމަގުގެ އިސްލާހަށްޓަކައި.

އަހުންމާ

އޭރުވެސް އޮޅުވާލުމާއި މަކަރާއި ހީލަތް ހެދިކަން ސާބިތުވާ ވަރުގެ ކަމެއް ތިޔައީވެސް. ދައްކާވާހަކައާއި ކުރާހާކަމެއް ކޮށްފަ ސިޔާސީ ގޮތުންނޭ ބުނީމަ ނިމުނީތަ؟ އިސްލާމް ދީނުގަ ދޮގު ހެކިދޭ މީހުނަށް އަދަބު ނުދެވޭބާ؟

ގާދިރު

ސިޔާސީ ގޮތުންވެސް ދޮގެއްނުހެދޭނެ ހުކުމް އަންނަން ޖެހޭނެ .... ދީނުގަ ހަރާމް ކަންތައް ފާޅުގަ ކޮށްފަ ސިޔާސީ ބޮލުގަ ...