Kuru Vaahaka: Rasal
image
ޝަހްޒާ މުހައްމަދު
2 ކޮމެންޓް
 

ކުރު ވާހަކަ: ރަސަލް

ލާފައިހުރި ހުދުކުރުތާގެ ފަސްބައިގައި އަތްކާތާލަމުން، 25 އަހަރުގެ ރަސަލް މިސްރާބުޖެހީ ރެއަށްޓަކައި ތައްޔާރު ކުރެވިފައިވާ އޭނާގެ ހާއްސަ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއެކޭ ބުނާއިރު އެއީ ތިންފަރާތުގައި ގޯނި ދަމާފާއި ފަރުދާކޮށްފައިވާ ހަފޫޓު ހަތަރު ފޫޓުގެ ތަންކޮޅެކެވެ. ފަރުދާގެ ފުރަގަހުގައި އަޅާފައިވާ މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ ތުނިކަފަގޮދަޑީގެ މެދުގައި އޭނާގެ އަލަތު އަނބިމީހާ ރަކިގޮތަކަށް އިސްޖަހާލައިގެން އިނެވެ. ރަސަލް ހުރީ އުފަލުން ފޮޅިފައެވެ. ކިތަންމެ ނިމަކެތި ހާލުގައި އުޅުނަސް މިދުވަހަކީ އޭނާގެ އާއިލާއިން ދެކެމުން އައި ހުވަފެނެކެވެ. އޭނާގެ ކައިވެނި ރަނގަޅު ކުއްޖަކާކުރެވުނީ ވަރަށް ހާލުންނެވެ. ކައިވެނީގެ ރަނަށްދޭނެ އެއްޗެއް އެއްވީއެހާވަރުންނެވެ.
ރަސަލްގެ އާއިލާގައި ހަނގަށް ދެއަންހެންކޮއްކޮ އާއި ފިރިހެންކުއްޖަކު ހުރުމުން، މުޅިއާއިލާ އެންމެން މަސައްކަތް ކުރަނީ ދެއަންހެން ކުދިންގެ ކައިވެނި ކުރެވެންވާއިރަށް ކުރަންޖެހޭނެ ޚަރަދަށްޓަކައި ފަހަށް ރައްކާކުރުމަށެވެ. އެންމެކުޑަ ފިނިރިހެންކުއްޖާ އާއި އަންހެންކުއްޖާ ސްކޫލަށް ވެސް ނުފޮނުވެނީ، އެމީހުންގެ ދަނޑުން ގޮވާމާއި ތަރުކާއި ވިއްކައިގެން ލިބޭއެއްޗަކުން ކިރިޔާ އާއިލާގެ ބަނޑުފުރާނަމުއްތިކޮށްފައި ރައްކާކުރެވެނީ ކުޑައެއްޗެއްކަމަށްވާތީއެވެ. ބައެއްފަހަރު އެއްވެސް އެއްޗެއްނުލިބި އެތައްދުވަހެއްވެސް ހިނގައިދާނެއެވެ. އަވަށަށް އެއްމެފަހުން ކުރި ބޮޑުވިއްސާރައިގައި ވެސް ދަނޑުގައި ފެންބޮޑުވެ މުޅިދަނޑު ހަލާކުވެ އެމީހުން ގެންގުޅު ގެރިވެސް މަރުވެގެންދިޔުމުގެ ސަބަބުން އަހަރަަކަށްވުރެ ގިނަދުވަސް ވަންދެން އެއްވެސް އާމްދަނީއެއް ނުލިބި އުޅެންޖެހުނެވެ. ރައްކާކުރެވުނު އެއްޗެއް ހުސްވެ އަތްމަތި ދަތިވިއެވެ. ކިރިޔާ އެއަޑިގަނޑުން އަރައިގަނެވިގެން ރަސަލްގެ ކައިވެނި އެކުރެވުނީއެވެ.

ދެންހުރީ ނަވާރައަހަރުގެ އަންހެންކޮށްކޮއެވެ. ނަސީބަކުން އެކުއްޖާގެ އެންގޭޖްމަންޓް ކުރުމަށްޓަކައި މިހާރުވަނީ ހަމަ އެމީހުން ދަފަ މުސްލިމް އައިލާއަކުން ފިރިހެންކުއްޖަކު ފެނިފައެވެ. ނަމަވެސް އަދިވެސް އެންގޭޖްމަންޓްގެ ކަންތައްތައް ކުރެވޭވަރު ނުވާތީ އެކަން އޮތީ މަޑުޖައްސާލާފައެވެ. އެކަމާ މަންމައާއި ބައްޕަ އަދި އަންހެން ކޮއްކޮ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ރަސަަލް ވެސް އެކަމާ ވިސްނައެވެ. ކޮންެމެ ގޮަތަކުންވެސް ކޮއްކޮގެ ކައިވެނި އަވަހަށް ކުރުވަން އޭނާވެސް ބޭނުމެވެ. ނަމަވެސް އަދިހަމަ އެވަރަށް އާމްދަނީ ނުލިބެނީއެވެ. ގޭގައި އެންމެ ބޮތްކެއް ދިއްލައިގެން އުޅޭއިރުވެސް ކަރަންޓް ބިލު ނުދެއްކިގެން އުޅޭ މަސްމަސް މަދެއްނޫނެވެ. ފުރާޅުން ފެންފައިބާތީ ޖަހާލާނެ ބާޓިނުގަނޑެއްވެސް ލިބުމަކީ ދަތިކަމެވެ. އެހާލުގައި އަލަތު އަނބިމީހާ ގެއަށް އައުމުން ރަސަލް ބެލީ ވީވަރަކުން އަންހެނުންނަށް ކަންތައްތައް ފުރިހަމަކޮށްދެވެތޯއެވެ. އެކުޑަ ގޭގައި ވަކިން ކޮޓަރިގަނޑެއްހަދާ ގޮދަޑިއެއް ހޯދީ އެހެންވެގެންނެވެ. އެގޭ އެހެންމީހުން ނިދަނީ ބިންމަތީގައި ކުނާފަތުރައިގެން އެންމެން އެއްބަރިއަކަށެވެ.

އެފަދަ ގޮތަކަށް އުޅެމުން އިތުރު އާމްދަނީއެެއްލިބޭނެ މަގެއްފެނޭތޯ ރަސަލް މަސައްކަތްކުރަން ފެށިއެވެ. ބިލާލް އާއި ދިމާވީ ރައްޓެއްސެއްގެ ފަރާތުންނެވެ. ބިލާލް ކިޔައިދިން ވާހަކަތަކުން ރަސަލްއަށް ހީވީ ލޮޓެރީއެއްލިބުނުހެންނެވެ. ނަސީބު އަތުގައި ހިފީކަމުގައި ވިސްނުނެވެ. ބިލާލު ކިޔައިދިނީ ދިވެހި ރާއްޖެ ކިޔާ ވަރަށް ރީތި، މުއްސަދި ގައުމަކުން އެތައް ސަތޭކަ ޑޮލަރު ލިބޭ ވަޒީފާ ފަސޭހަކަމާއިއެކު ލިބެން ހުރިވާހަކައެވެ. ރަސަލް އަކީ ކޮންމެވެސް ވަރަކަށް ކިޔަވައިގެން ހުރި ހިސާބަކަށް އިނގިރޭސިބަސް ވެސް ދަންނަ ޒުވާނަކަށް ވާތި ރަސަލްއަށް އަދި ބޮޑުމުސާރަ ލިބޭ ވަޒީފާއެއް ލިބޭނެކަމުގައި ބިލާލްބުންޏެވެ. ހަމައެކަނި ކުރަންޖެހޭކަމަކީ ވަޒީފާ ހޯދާދޭ އޭޖެންސީއަށް ޑިޕޮސިޓްއެއްދިނުމެވެ. އެއީ ކިތަންމެ ބޮޑު އަދަދެއްނަމަވެސް އެއީ އެންމެފަހަރަކު ދައްކަންޖެހޭ އެއްޗަކަށްވެފައި އޭގެ ފަހުން ކޮންމެ މަހަކު ޑޮލަރު ލިބޭނެތީ ، އެކަން ކޮންމެހެންވެސް ކުރުމަށް ބިލާލު ރަސަލްއަށް ވިސްނައިދިނެވެ. ރަސަލް ގެއައަށްގޮސް އާއިލާގެ މީހުންނާއި އެވާހަކަހިއްސާ ކުރުމުން އެމީހުން ހައްޓަކު ހެޔެއްނެތެވެ. އެންމެން ވެގެން ނިންމީ ދަނޑުބިން ވިއްކަލާފައި ޑިޕޮސިޓްފައިސާ ހޯދުމަށެވެ. އެބިމަށް ފާރަލަމުން ދިޔަ ޑާކާގެ މަހުޖަނަކު ފަސޭހަކަމާއި އެކު ބިންގަނެލީ އޭނާގެ ވިޔަފާރި ފުޅާކުރުމަށްޓަކާ ފެކްޓްރީއެއްގާއިމް ކުރުމަށެވެ.

ބިން ވިއްކާލުމުން ރަސަލްގެ ބައްޕަގެ ހިޔާލު ބަދަލުވާން އުޅުނެވެ. އެއްފަހަރާ އެހާ ބައިވަރު ލާރި ލިބުމުން އެމީހާގެ ހިތައްވަސްވާސްވަނެވެ. ބޭނުންވީ އަވަހަށް އަންހެންދަރިންގެ ކައިވެނިކުރުވާފައި ކުޑަފިރިހެން ދަރިފުޅު މަދަރުސާއަށް ފޮނުވުމަށެވެ. ނަމަވެސް އެއީ ވަގުތީ ކަމެއްކަމާއި، އެލާރި ހުސްވުމުން ދެން ހަދާނެގޮތެއްނެތްކަމުގައި އަދި އޭނާއަށް ބޮޑު މުސާރަލިބޭ ވަޒީފާ ލިބުމުން ކޮންމެ މަހަކު އާއިލާގެ ހުރިހާކަމެއްކުރުމަށް ފުދި އިތުރުވާވަރަށް ފައިސާލިބޭނެކަން ރަސަލް އޭނާގެ ބައްޕައަށް ވިސްނައިދިނެވެ. ބައްޕަ އެއްބަސްވި ނަމަވެސް މަންމަ ހުރީ ދަރިފުޅު ވަކިވާތީ ދެރަވެފައެވެ. ރަަސަލް ފުރަން ތައްޔާރު ވަމުން ދިޔައިރު އެންމެ ހިތާމަކުރީ އޭނާގެ އަަލަތު އަނބިމީހާއެވެ. ކައިވެންޏަށް އަދި މަހެއްވެސް ނުވަނީސް ލޯބިވާ ފިރިމީހާއާއި ވަކިވާންޖެހުމަކީ އެއަންހެން ކުއްޖާއަށް ކެތްނުވާވަރުގެ ހިތާމައެއްލިބުނުކަމެކެވެ.

ރާއްޖޭގެ އޭޖެންސީއަށްދޭންޖެހޭ ތިންސަތޭކަ ހާސް ޓަކާ ބިލާލްބުނި އެކައުންޓަށް ޖަމާކުރުމަށްފަހު ފަންސާސްހާސް ޓަކާ ބިލާލްއަަށްވެސް ދޭންޖެހުނެވެ. ޓިކެޓްގަތުމަށްފަހު ބާކީ ހުރި އެއްޗަކުން ރަސަލް ގަތީ ދެ ސްމާޓްފޯނެވެ. އަންހެނުންއަތަށް އެއްފޯނުދީފައި އަނެެއްްފޯނުއޭނާގެންދިއުމަށެވެ. ވީޑިއޯ ކޯލް ކުރެވޭނެކަމާއި އަބަދުވެސް ވާނުވާ އެނގި ޚަބަރުބެލޭނެކަން ބުނުމުން އަންހެނުން ހިސާބަކަށް ހަމަޔަކަށް އެޅުނެވެ.

ރަސަލްއަށް ދިވެހިރާއްޖޭގެ މަލަމަތި ފެނުމުން އިނީ އަޖައިބުވެ އަންތަރީސްވެފައެެވެ. ބިލާލްބުނިފަދަ ރީތި ހިތްގައިމު މުއްސަދި ގައުމެކެވެ. އެހެންކަމުން ރަސަލްގެ ހިތުގައި ހިނގި ހުރިހާ ނުތަނަވަސްކަމެއްްފިލައިގެން ދިޔައެވެ. ރާއްޖެ އާދެވުމުނުން އެނާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާއަށް ވަޒީފާދީގެން ގެނައީ މާލޭގެ ވިޔަފާރި ކުންފުންޏަކުންނެވެ. މަސައްކަތް ކުރަންޖެހުނީ ފިހާރައެއްގައެވެ. ފުރަތަމަވެސް ސޭޓުކަން ކުރަންޖެހުމުން ރަސަލް ހުރީ ގަބޫލުކުރަންވެސް ތަދިވެފައެވެ. އުއްމީދުކުރިފަދައިން ބޮޑުމުސާރަލިބޭ ވަޒީފާއެކެވެ. ތިންސަތޭކަ ޑޮލަރަކީ އޭނާއަށް ރަނެކެވެ. އެފިހާރައިގައި އުޅޭ ބަންގްލަދޭޝްގެ އެހެންމީހަކާއި އަދިވެސް ކުންފުނިން ގެނެސްފައިތިބި ހަތަރު މީހަކާއި އެކު ދިރިއުޅެން ހަމަޖެހިފައިވަނީ މަލޭގެ ކޮންމެވެސް ހިސާބެއްގައި ހުރި ހަނި ގޯޅިއަކުން ވަދެވޭ ކުޑަކޮޓަރިއެއްގައެވެ. ގޮދަޑިއެޅި ތިން ބަންކް ބެޑާއި ކަބަޑަކާއި ފާޚާނާވެސް ކިތަންމެ ކުޑަނަމަވެސް ކޮޓަރީއާއި ގުޅިފައި ހުރުމުން، ރަސަލްއަށް އެތަންކޮޅުވީ ތަނަވަސްތަނަކަށެވެ.

މަސްނިމިގެން މުސާރަ ލިބުމުން އަވަސް ވެގަތީ ރަށަށް ލާރިކޮޅު ފޮނުވުމަށެވެ. ލާރިކޮޅު ލިބުމުން އާއިލާމީހުން ތިބީ އުފަލުންފޮޅިފައެވެ. މަދުންނަމަވެސް ވީޑިއޯ ކޯލް ކުރެވޭތީއެންމެންގެ ހާލު އަހުވާލު އޮޅުންފިލައެވެ.

ދެވަނަމަހު ލާރި ފޮނުވުމަށްފަހު ކުރި ވީޑިއޯ ކޯލް ވެގެންދިޔައީ ރަސަލް އަށް އެތަކެއް ފުން އިހުސާސްތަކެއް ކުރުވި ކޯލަކަށެވެ. ކުޑަ ފިރިހެން ކޮއްކޮ މަދަރުސާއަށް ފޮނުވަންް ފެށި ހަބަރާއި އަންހެން ކޮއްކޮގެ އެނގޭޖްމަންޓްގެ ތާރީޚެއް ކަނޑައެޅުނު ޚަބަރު ލިބުނެވެ. އެންމެ ފުން އަސަރެއްކުރުވީ އަންހެނުން ބަލިވެއިން ޚަބަރު ލިބުމުންނެވެ. އުފަލުން ގޮސް ރޮވުނެވެ. ދެރަވެގެން ގޮސް އަރުތެރެ ބެދުނެވެ. އެފަދަ އުފާވެރި ވަގުތެއްގައި އާއިލާއާއިއެކު ހުރެވެން ނެތުމުން ލިބުނު ހިތާމަމާބޮޑެެވެ. ނަމަވެސް އެކަން ނުދައްކާވޭތޯ އޭނާ މަަސައްކަތްކުރިއެވެ. އޭނާގެ ބޮޑުމީހާ ބުނެފައި ވާގޮތުގައި އެންމެ އަވަސްވެގެން ވެސް ޗުއްޓީއެއްލިބޭނީ މަސައްކަތް ކުރާތާ އެއްއަހަރު ވުމުންނެވެ. އެވެސް ރަނގަޅަށް މަސައްކަތްކުރާނަމައެވެ. އޭހާތަނަށްދާއިރު އަންހެނުން ވިހާވެސް ވެސްފާނެއެވެ. ހިތުގައި ހިނގި ޖަޒުބާތުތަކުގެ މައްޗަށް ބާރުފޯރުވައި އޭނާ މަސައްކަތްކުރީ ލިބެން އުޅޭ ދަރިފުޅާއި އާއިލާގެ ފާގަތި ކަމަށްޓަކައި ވީއެންމެ ރަނގަޅަކަށް ވަޒީފާއަދާކޮށް، ކެތްކޮށްގެން އުޅުމަށެވެ.

ހުރިހާކަމެއްވެސް ވަރަށް ރަނގަޅަށް ގޮސް ހަމަސްދުވަސް ފާއިތުވިއެވެ. ޖެހިގެން އައި މަހު މުސާރައެއްނުލިބުނެވެ. ބޮޑުމީހާ ބުނިގޮތުގައި ވިޔަފާރިއަށް ބޮޑު ގެއްލުމެއްވެގެން މުސާރަ މަޑު ޖައްސާލީ އެވެ. ދެމަހުގެ މުސާރަ އެއްކޮށް ދޭނެކަމުގައި ވެސް ބުންޏެވެ. ނަމަވެސް ވިދިވިދިގެން ހަތަރު މަސް ފާއިތުވިއިރު ވެސް މުސާރަނުލިބުނެވެ. ކާންބޯން ނިދަން ލިބުނު ނަމަވެސް ރަސަލްގެ އަތުގައި އެންމެ ބައިރުފިޔާއެެއްވެސް ނެތުމުން ފޯނަށް ޓޭޓާ އަޅައި އެހެން ކުދިކުދި ބޭނުންކުރެވޭނެގޮތެއްނެތެވެ. ރަށުގައި ތިބި އާއިލާއިން ކޮއްކޮގެ އެންގޭޖްމަންޓްކޮށް ކައިވެންޏަށް ތައްޔާރުވެ، އަންހެނުން ވިހަންވާއިރަށް ތައްޔާރުވުމަށް ބޮޑެތި ޚަރަދު ކުރަމުން ދާތީ، ޖެހިޖެހިގެން ހަތަރު މަހު ލާރި ނުފޮނުވުމުން އެމީހުންނަށްވެސް ދަަތިވާންފެށިއެވެ.

ބޮޑުމީހާ ގާތު އެވާހަކަ ބުނާކޮންމެ ފަހަރަކު ޝަކުވާ މާގިނަވަންޏާ އަހަރު ވުމުން ޗުއްޓީ ނުލިބޭނެކަމުގައި ބުނެއެވެ. އެކުގައި އުޅޭ އަނެއް ފަސްމީހުނަށްވެސް ޖެހިފައިވަނީ އެހާލެވެ. ކޮންމެމީހަކީ ވެސް މަޖުބޫރީ ހާލަތުގެ ސަބަބުން ރާއްޖެ އައިސް އުޅޭމީހެކެވެ. މުސާރަނުލިބި ގިނަދުވަސް ވުމުން ދަތިވެގެން އެންމެން އެއްބަސްކީ ، ކުންފުނީގެ މަަސައްކަތުގެ އިތުރުން އެހެން މަސައްކަތް ހޯދުމަށެވެ. ހަމީހުން ވެގެން ބަންގަލްދޭޝްގެ އެހެން މީހެއްގެ ދަށުން ކޮންސްޓްރަކްޝަން މަސައްކަތްކުރަން ފެށިއެވެ. ތަންތަން މަރާމާތް ކުރުމުގެ މަސައްކަތެވެ. ފިހާރާގައި ހެނދުނު ހަޔަކުން ފެށިގެން ރޭގަނޑު އެގާރަޔަށް މަސައްކަތް ކުރުމަށްފަހު ދަންވަރު ދަނީ އެކި އިމާރާތްތަކުގެ ކުދިކުދި މަސައްކަތް ކުރާށެވެ. ކުލަލުމާއި މުށިޖެހުމާއި ބައެއް ވަޑާމުގެ މަސައްކަތްތަކެވެވެ. ދުވަހު މުސާރައަށް އެއްޗެއްލިބެއެވެ. ލިބޭއެއްޗެއްރައްކާކުރަމުން ދިޔައީ ރަށަގުގަ ތިބި އާއިލާ އެނާޒުކު ދަނޑިވަޅު ހަލުގައި ނުޖެއްސުމަށްޓަކައެވެ. ރަސަލްމެން އިތުރުމަސައްކަތް ކޮށްގެން ލާރިހޯދާކަން އެނގުމުން ބޮޑުމީހާ އިންތިހާއަށް ރުޅިއައެވެ. ފަހަރުގަ އެމީހުން މުސާރަނުލިބެތީ އެހެން ކުންފުންޏަކަށް ގޮސްދާނެ ކަމުގެ ބިރު ހީވީ ކަންނޭގެއެވެ. ޕާސްޕޯޓާއި ވިސާވެސް އޮތީ ބޮޑުމީހާގެ ބެލުމުގެ ދަށުގައެވެ.

ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ރަސަލްއަަށް ވަރަށް ރަނގަޅަށް އެކީ އުޅޭމީހުންގެ ގޮތް ދަސްވެ ރާއްޖެއަށް ހޭނިއްޖެއެވެ. ދިވެހި ބަސްވެސް ކޮންމެވެސް ވަރަކަށްއެނގެއެވެ. ރާއްޖޭ މީހުން އެމީހުނާއި މެދު ދެކޭގޮތްވެސް އެނގެއެވެ. ވަށައިގެން އުޅެނީ ކެހިވެރިންނެވެ. އެންމެ އެކުގައި އުޅޭމީހާވެސް ލާރިއާއި ހަަމައަށް ދިއުމުން ފަހުވަގުތު ދެނީ ކެއްސެވެ. އެކި މަސައަކަތްކޮށްގެން ލިބޭ ކުޑައާމްދަނީ ރަށަށްފޮނުވިޔަސް އާއިލާގަ ކުރަންޖެހިފަ ހުރި ޚަރަދުތައް ކުރެވޭތޮތް ނުވެއެވެ. އޭނާއަށް ދަރިއަކު ލިބި ދަރިފުޅު ދަނީ ބޮޑުވަމުންނެވެ. ކިތަންމެ ވަރަކަށް ދަރިފުޅު އުރާލަން ބޭނުންވިޔަސް ، އަނބިމީހާއަށް އަޅާލަން ބޭނުންވިޔަސް މުސްކުޅިވެ ބަލިވެފައިވާ މަންމައަށް އެހީވާން ބޭނުންވިޔަސް އެކަންތައްކުރެވޭކަށްނެތެވެ. ހަމަލޮލުން ދަރިފުޅު ފެންނާނެ ދުވަހެއްވެސް ނޭނގެއެވެ.

ވިސާ ހަމަވެއްޖެއެވެ. ޕާސްޕޯޓުވީ ދުނިޔެއެއްވެސް ނޭނގެއެވެ. ބޮޑުމީހާއަކީ ހުރިމީހެއްކަމެއްވެސް ނޭނގެއެވެ. ރަސަލް ރާއްޖެގެނައި ކުންފުނިވެސް ވަނީ އުވާލާފައެވެ. އަނބުރާ ރަށަށްދާންކިތަންމެ ބޭނުންވިޔަސް އެކަން ކުރެވޭނެ އެއްވެސް މަގެއްނެތެވެ. ފިހާރައިން އެއްވެސް މުސާރައެއް ނުލިބޭތީ އެތަނަށް ދިޔުން ހުއްޓާލިއެވެ. އުޅެމުންދިޔަ ކޮޓަރިގަނޑު ކުއްޔަށް ހިފާފައި ހުރި ފަރާތުން ކުލިނުދައްކާތީ، އެތަނުން ނިކުންނަން އަންގައިފިއެވެ. ކުރިން ކާއެއްޗެހި ގެންނަމީހުން އެޚިދުމަތެއްނުދެއެވެ. ރަސަލްއާއި އޭނާގެ އެކުވެރިން މަގުމަތިވީއެވެ. އެމީހުންވެސް ބަލަނީ ކޮންމެމީހަކުވެސް އަމިއްލަފައިދާއަށެވެ. ކިރިޔާ މަސައްކަތެއްލިބުނަސް އެނެކާއަށް ނާންގާ ބަލަނީ ލާރިކޮޅުލިބޭތޯއެވެ. އެތަނުން ތިންމީހުން ވަރަށް ސިއްރުން ފުރައިގެން ކޮންމެވެސް ރަަށަކަށްދިޔައެވެ. އެކަކު މާލެކަރިރީ ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓްއަކަށް މަސައްކަތް ކުރަން ދިޔައީއެވެ. ރަސަލްއާއި ދެންހުރި އެކުވެރިޔާ ތިބީ ގޮތެއްނެތިފައެވެ. މާލޭގެ މަގުތަކުގައި އެކިމަސައްކަތް ލިބޭތޯ ހިނގަނީއެވެ. ރޭގަނޑު ކޮންމެވެސް ތަނެއްގައި ފޫޖައްސާލައިގެން ލޯމަރާލެވުނު ނަމަވެސް ހަމަނިދިން ނުނިދެއެވެ. ބައެއް ރޭރޭ ތޮށިގަނޑުމަތީގައެވެ. އެއްބައިރޭރޭ ގާކޮށީގައެވެ. އަނެއްބައިރޭރޭ ފަޅުގައި ކޮންމެވެސް ދޯންޏެއްގައެވެ. ތަނަކަށް ވަދެއްޖެއްޔާ އެއީ ވައްކަން ކުރަން އުޅޭ ބައެއްކަމަށް ހަދާ، ފައްސާ ފޮނުވާލައެވެ. އެކި ތަންތަނުން އެކި ކަންކަމާއި ދިވާވަމުން ދިޔައެވެ. މީހުން ތަޅާއަނިޔާވެސް ކުރާލެއްމަދެއްނޫނެވެ.

އެހެން އުޅުމުގެ ތެރޭގައި ރެސްޓޯރެންޓެއްގައިމަސައްކަތް ކުރާ، އެމީހުންގެ ގައުމުގެ މީހަކާއި ދިމާވެގެން އެރެސްޓޯރެންޓްގެ ސާފުކުރާ މީހަކަށް އެކަކު ގެންދެވިދާނެކަމަަށްބުންޏެވެ. ރަސަލް އަށް ދިވެހިބަހާއި އިނގިރިރޭސި އަދި ހިންދީ ވެސް އެނގޭތީ އާއި އޭނާގެ ސިފައިގެ ސަބަބުން ހުންނަލެއް ސާފްތާހިރުވައްތަރު ޖަހާތީ އޭނާ ބޭނުންވީ ރަސަލް އެވަޒީފާއަށް ގެންދާށެވެ. އެކަންވީ އިންތިހާއަށް ކެތްތެރިކަން ކޮޅުންލާފައި ހުރި އޭނާގެ އެކުވެރިޔާއަށް ހަޖަމްވާ ވަރުގެ ކަމަކަށްނޫނެވެ. ހަސަދައިގެ އަލިފާނުން އަނދާ، އޭނާ ރުޅިއައިސް ރަތްވިއެވެ. ރުޅިގަނޑު ބިންދާލީ ވަޅީގެ ހަމަލާއަކުން ރަސަލްގެ ކޮނޑުމައްޗަށެވެ. ނަސީބު ކަންދިމާކުރިގޮތުން ވަޅި ދިޔައީ ހުރަސްވެގެން ކޮނޑުކަށިގަނޑުމަތިނެނެވެ. މާ ފުން ޒަޚަމްއެއްނޫން ނަމަވެސް ފައިބައިގަތް ލޭ ފެނުމާއި ވީ ތަދުގެ ސަބަބުން ރަސަލްގެ ހެޔަށް ގޮތްވިއެވެ.

ހޭވެރިކަންވީ އައި.ޖީ.އެމް.އެޗް ގައި އޮއްވައެވެ. އެތަނަށް ގެންދިޔަކަމަށްވަނީ އޭނާ ބާޒާރު ސަރަހައްދު މަގުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު ދިވެއްސެކެވެ. ވިސާއެއް ޕާސްޕޯޓެއް، އޭނާގެ އެއްވެސް މައުލޫމާތެއް އެނގޭމީހެއް އެހީތެރިއެއް ވެސް ނެތުމުން އެތަނުން ޒަޚަމްގައި ބޭސްއެޅުމަށްފަހު ދޫކޮށްލީ ބިލަށް ފައިސާ ދެއްކުމުންނެވެ. ބެލްޓުގައި ބަނދެގެން ގެންގުޅޭ ރުމާލުގައި އޮޅައިގެން ފޮރުވައިގެން ގެންގުޅުނު ހުރިހާ ލާރިއެއްދޭންޖެހުނީ އެތަނަށެވެ. މަގުމައްޗަށް ނިކުމެފައި ފެންފޮދެއްބޯލާނެ އެއްޗެއްވެސް އަތަކުނެތެވެ.

ހާބަރު ކަނޑައިގެ ކެފޭއެއްކައިރީ މަޑުކޮށްލައިގެން ހުއްޓާ ކޮންމެވެސް ވަރަކަށް ދަންނަ އޭނާގެ ގައުމުގެ މީހަކު ދިމާވިއެވެ. އެކެފޭގައި މަސައްކަތްކުރާ މީހެކެވެ. އެމީހާ އަށް ހާލަތު ކިޔައިދިނުމުން އިންސާނިއްޔަތަށްޓަކައި އެހީވާން އެއްބެސްވިއެވެ. އޭނާ ދިރިއުޅޭ ކޮޓަރީގައި އޭނާ ޑިއުޓީގައި ހުންނަވަގުތު ނިދޭނެކަމުގައިބުންޏެވެ. ކާއެއްޗެއްސާއި ބޯފެން ހިލޭދޭނެކަމުގައި ބުންޏެވެ. އަދި އެކެފޭއިން މަސައްކަތްވެސް ހޯދާދޭނަކަމުގައި ބުންޏެވެ. ނަމަވެސް ވަޒީފާ ދެވޭނީ ބަދަލުގައި ލިބޭ މުސާރައިގެ ދެބައިކުޅައެއްބައި އޭނާއަށް ދޭގޮތަށެވެ. އެއްވެސް ގޮތެއްނެތިފައި ހުރި ރަސަލް އެކަމަށް އެއްބަސްވިއެވެ. ސަތޭކަ ޑޮލަރަކީ މިވަގުތު އޭނާއަށް ބޮޑު އެއްޗެކެވެ. މަހު މުސާރަ ލިބެންޏާ ރަށަށް ކޮންމެވެސް އެއްޗެއްފޮނުވޭނެތީއެވެ.

އެތަނުގައި މަސައްކަތް ކުރަން ފެށުމުން އަނެއްކާވެސް ކަންތައްތައް މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ. އެހާމަދުން ލާރި ފޮނުވަނީ ކީއްވެތޯ އާއިލާ މީހުން ސުވާލުކުރުމުން އޭނާދިން ޖަވާބަކީ ފަހަށް ރައްކާކުރަނީ ކަމުގައެވެ. އެހެންކަމުން އެންމެންވެސް ތިބީ ހިންހަމަޖެހިފައެވެ. ނަމަވެސް ކޮއްކޮގެ ކައިވެނި އެއިރުވެސް ނުކުރެވެއެވެ. ފިރިހެން ކުއްޖާގެ އާއިލާއިން އެދޭ އެދުންތައް ގިނަކަމުންނެވެ. ގެ މަރާމާތްކޮށް ފިރިހެންކުއްޖާއަށް ކާރެއް ވެސް ނަގައިދޭން އެދިފައިވެއެވެ. ނަމަވެސް އެންގޭޖްމަންޓްވިފަހުން ގިނަދުވަސްތަކެއް ވެފައިވާތީ އަންހެންކުއްޖާއާއި އެ ފިރިހެން ކުއްޖާގެ ދެމެދުގައި ވަނީ ލޯބީގެ ގުޅުންއުފެދިފައެވެ. އެދެމީހުން ސިއްރުން ބައްދަލުކޮށްހަދައެވެ.

މަސައްކަތުގައި ހުއްޓާ އައި ކުއްލި ފޯނަށް ރަސަލް ޖަވާބުދިނީ ނުތަނަވަސްކަމާއި އެކުގައެވެ. އާންމުކޮށް ރަށަށް ގުޅަނީ ހަފްތާ ބަންދުގައި ކަމަށްވެފައި އެފަދަ ނުވަގުތެއްގައި ރަށުންގުޅުމުންނެވެ. އަންހެނުން ގުޅާފައި ދިން ޚަބަރުގެ ސަބަބުން މުޅިމީހާ ގަނޑުވިއެވެ. ގުޑާލަންވެސް ނޭގިފައި އެތައްއިރަކު ހުރެވުނެވެ. އެކުއްޖެއްގެ ކައިވެއްޏަށްޓަކައި އެހުރިހާ ގުރުބާނީއެއްވަމުންދާ ކޮއްކޮ ދުނިޔެއާއި ވަކިވި ޚަބަރެވެ. އެވެސް އެންމެ ހިތާމަވެރިގޮތަށެވެ. ކޮއްކޮ ބަނޑުބޮޑުވެ އެކަން ފަޅާއެރިއުރު ބަނޑަށް ފަސްމަސްވެއްޖެއެވެ. ފިރިހެން ކުއްޖާއާއި އޭނާގެ އައިލާއިން އެއްބަސްނުވެ ކައިވެއްޏާއިވެސް ދެކޮޅުހެދީއެވެ. މުޅި އަވަށުގައި ފަޟީހަތްވެ އިއްފަތާއި އަބުރު ގެއްލުމުން އަންހެން ކުއްޖާއަށް ކެތްނުވީއެވެ. މައިންބަފައިނާއި އާއިލާމީހުނާއި ކުރިމަތިލާން ނުކެރުނީއެވެ. އުސްތަނަކުން ކޯރަކަށް ފުންމާލީއެވެ. އެފަދަ ކަމެއް އެނާގެ އާއިލާގައި ހިނގާފާނެކަމަކަށް ރަސަލް ދުވަހަކުވެސް ހިއެއްނުކުރެއެވެ. ކޮއްކޮމެން ގެންގުޅުނީ ކިތަންމެ ނިކަމެތި ހާލުގައިވެސް ވަރަށް ލޯބިން ވަރަށް ރައްކާތެރިކޮށްގެނެވެ. ރަސަލްއަށް ކުއްވެރިކުރެވުނީ އޭނާގެ އަމިއްލަ ނަފްސެވެ. އެތައްގޮތަކުން އެއީ އެނާގެ ކުށްކަމުގައި ހީވިއެވެ. ކޮއްކޮގެ ކައިވެނި އަވަހަށް ކޮށްދެވުނުނަމަ އެހެންނުވީހޭ ހިތައްއެރިއެވެ. މަންމައާއި ބައްޕަ ކުރިމަތިލާންޖެހޭނެ ލަދާއި ހާލަތަށް ވިސްނާފައި ރަސަލްގެ ބަޑި ފަޅައިގެންދިޔައެވެ.

ކެފޭއިންނިކުމެގެން ގޮސް ކުރިމަތީގައި ހުރި މިސްކިތުގެ ވުޟޫކުރާތަނަށް ވަދެ ރަސަލް މޫނަށް ފެންޖެހިއެވެ. ނަމަވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައެއް ނުހުއްޓެއެވެ. ރަސަލް ރޮމުން ގިސްލަމުން ބިންމައްޗަށް ވެއްޓުނެވެ. އެހެން އޮވެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. މީހަކު އައިސް އެނާގެ ބޮލުގައި ފިރުމާލާފައި ތެދުކުރަން މަސައްކަތްކުރިއެވެ. ބަލާލި އިރު އެއީ އެމިސްކިތުގައި މަސައްކަތުމީހަކަށްއުޅޭ އޭނާގެ ގައުމުގެ މީހެކެވެ. އުމުރުން ދުވަސްވެފައިވާ އެބޭބެ އަކީ ހިތްހެޔޮ އޯގާތެރި ބޭބެއެވެ. ރަށުގައި އޭނާއަކީ އިމާމެކެވެ. ރާއްޖެއައިސް މަސައްކަތް ކުރަނީ އޭނާ ހުޅުވާފައިވާ ޔަތީމުކުދިންބަލަހަށްޓާ ޔަތީމުޚާނާއަށް ލާރިހޯދުމަށެވެ. ދަރިއަކު އަންބަކު ނެތަސް އެ ޔަތީމުޚާނާއަކީ އޭނާގެ އާއިލާއެވެ. މަލޭގައި ދޭތެރެއަކުން ބަންގްލަދޭޝް މީހުން އެއްކޮށްގެން އެމީހުނަށް ހިތްވަރުދީ ދީނީ ނަސޭހަތްދީ ހަދާ އެންމެނަށްވެސް އެހީތެރިވާ މީހެކެވެ. ރަސަލް ވެސް ފެނިދެނިވެ އުޅުނަސް ރަސަލްގެ އަސްލު ހާލެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ސުވާލު ކުރުމުން ރަަސަލް ވަރަށް ހިތްވަރި ކޮށްފައި ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. އަދި އޭނާގެ ލޮލަށް ވެސް ނުދެކޭ ދެއަހަރުގެ ދަތިއަކު ހުރިކަމާއި ރަށަށް ޗުއްޓީއަކަށްވެސް ގޮސްލެވޭނެ ގޮތެއްނެތްކަމުގައި ބުންޏެވެ.

އެކަހަލަ ކިތައްރަސަލް މިރާއްޖޭގައި އެބައުޅޭހެއްޔެވެ. ބައެއްމީހުންގެ އާއިލާ މެމްބަރުން އެމީހުން ފޮނުވަނީ ބޮޑެތި ލޯނުނަގައިގެން އޭޖެންސީ ތަކަށް ނުވަތަ ގެންނަމީހުނަށް ބޮޑެތިއަދަދުން ލާރިދައްކާފައެވެ. މުސާރަ ނުލިބި ލޯނު ނުދެއްކި އެންމެ ފަހުން އެކަހަލަ އެތައް ހިތާމަވެރި ހާދިސާއެއް ކުރިމަތިވެއެވެ. ބައެއްމީހުންގެ އަނބިން އެމީހުން ނެތީސް ބަނޑުބޮޑުވެ ދަރިންވިހައެވެ. ބައެއްމީހުންގެ މުޅިއާއިލާ ބަނޑަށްޖެހި ނެތިގެންދެއެވެ. ވިސާގެއްލި، އެއްވެސް މަގެއް ނެތިފައި ތިބޭ ކިތައްމީހުންއުޅޭހެއްޔެވެ. ކުއްވެރިވަނީ އެމީހުންނެވެ. އެމީހުން ގެންނަ އޭޖެންސީތަކާއި މީސްމީހުންގެ ޒިންމާއަކީ ކޮބާހެއްޔެވެ. ލަގަބު ލިބެނީ ފިލައިގެން އުޅޭ މީހުންގެ ގޮތުގައެވެ. ދިވެހިން މުޚާތަބު ކުރަނީ ކުރާނެކޮތަކަށެވެ. އެމީހުންނަށް ދެނީ މަގުމަތީގައި ހުންނަ ކުންޏަށްވެސް ނުދޭހާ ދަށުދަރަޖައެވެ. އެއީ ވެސް ހަމަ އިނސާނުންކަމުގައިނުދެއެވެ.

ރަށަށް ބަދަލު ނުވެވުނަސް، ކިތަންމެ ކުޑައާމްދަނީއެއް ލިބުނަސް، ކިތަންމެ ދަތި ހާލުގައި އުޅުނަސް ރަސަލް ބޭނުންވަނީ އާއިލާއަށްޓަކައި ދެން ތިބި ދެކޮއްކޮއާއި ދަރިފުޅަށްޓަކައި ރަނގަޅު އާމްދަނީއެއް ހޯދަން ގަދައަޅައި މަަސއްކަތް ކުރާށެވެ. ނަމަވެސް އާއިލާއާއި ބައްދަލުކޮށްލަން ދާން އިންތިހާއަށް ބޭނުމެވެ. ވިސާލިބޭނެ ގޮތެއް އޮތީ އެހެން ކުންފުންޏެއް ނުވަަތަ މީހެއްގެ ނަންމައްޗަށް ބަދަލު ވެވުމުން ކަމުގައާއި އެކަންވާނީ ކުރީގެ ބޮޑުމީހާ ހޯދިގެންކަމުގައާއި، އެބޭބެ ދަންނަ ވަރަށް ގިނަ އޭޖެންސީ ތަކާއި މީހުން އުޅޭތީ އެކަމުގައި އެހީތެރިވެދޭނެކަމުގައި އެމީހާބުންޏެވެ. ރަސަލްގެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ދުނިޔެއަށް އުންމީދުގެ އަލިކަމެއް ފާޅުވިކަހަލައެވެ.

– ނިމުނީ -
ހިޔާލު

މީމަ

ވަރައް ރީތި މީ އަންދާޒާކޮއްލެވޭ ކަހަލަ ވާހަކައް

ޅަވިޔަނި

ވާވް މީ އަސްލު ތަ ސޯޓަޗިން