އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުންހުރި ފޮތެއް ފެނުމުން ސްރީލަންކާއިން ހައްޔަރު ކުރި ދެ ދިވެހިންގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 21 ވަނަ ދުވަހު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ސީއެންއެމް އަށް ވިދާޅުވީ އައިއެސްގެ މައުލޫމާތު އެކުލެވޭ ފޮތެއް ފެނިގެން ހައްޔަރު ކުރި ދެ ދިވެހިންގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހު 21 ވަނަ ދުވަހު އޮންނާނޭ ކަމަށެވެ.
"އަޅުގަނޑުމެން އިލްތިމާސް ކުރަނީ ލަންކާގައި ދިރިއުޅުއްވާ ހުރިހާ ދިވެހިންވެސް އެޤައުމުގެ ސަރުކާރުގެ އިރުޝާދުތަކާއި އެއް ގޮތަށް އަދި ޤާނޫނާއި ގަވާއިދު ތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް،" މިއުވާން ވިދާޅުވިއެވެ.
އެދެމީހުން މީގެ ކުރިން ޝަރީއަތުގެ މަޖިލިހަށް ހާޒިރުކޮށް ވަނީ ބަންދުގެ މުއްދަތު އިތުރު ކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އަދި އެމީހުންގެ ބަންދަށް އެދުވަހު ވަނީ އިތުރު ތިން ދުވަސް ޖަހާފައެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީ ކަންކަން އިތުރުކޮށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ދިވެހިންތަކެއް ހައްޔަރުކުރި އިރު، އޭގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ޖުމްލަ ފަސް މީހެކެވެ.
އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. މިހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއްކަމަށްވާ އައިއެސް އިންނެވެ.