Internet ge agu kuda kuran "competition" ah jaaga dheyn thayyaru: Maleeh
image
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު -- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

އިންޓަނެޓުގެ އަގު ކުޑަ ކުރަން "ކޮމްޕެޓިޝަނަށް" ޖާގަ ދޭން ތައްޔާރު: މަލީހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އިންޓަނެޓުގެ އަގު ތިރި ކުރުމަށް "ކޮމްޕެޓިޝަން އަށް އިތުރު ޖާގަ ދޭން" ތައްޔާރު ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ކުރަމުންދާ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ދިނުމަށް ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި މަލީހު ވިދާޅުވީ އެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

"ސަރުކާރުން މިވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައި. އެ ހުށަހެޅުންތައް ހުށަހެޅުމުގައި އަޅުގަނޑުމެން ރިއާޔަތްކޮށްފައި ވާނީ މިނިސްޓްރީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ހެދި ދިރާސާއެއްގެ މައްޗަށް،" މަލީހު ވިދާޅުވި އެވެ.

މިނިސްޓްރީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީން އެކުގައި ކުރި ދިރާސާގައި ބަލާފައިވަނީ ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓް ހިދުމަތަށެވެ. އެ ދިރާސާއިން ވެސް "ނިސްބަތުން ރާއްޖޭގައި ދޭ އިންޓަނެޓުގެ އަގު ބޮޑުކަން" އެނގިފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި، އުރީދޫ އަދި ރާއްޖެ އޮންލައިން (އާރްއޯއެލް) އެވެ.

އެކަމަށް ރިއާޔަތް ކުރައްވާ މަލީހު ވިދާޅުވީ "ކޮމްޕެޓިޝަން އަށް އިތުރަށް ޖާގަ ދޭން ޖެހޭ ކަމަށް ވަންޏާ އެކަމަށް ވެސް އަޅުގަނޑުމެން ފަސް ނުޖެހޭނެ" ކަމަށެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ތިން ކުންފުންޏާއެކު މަޝްވަރާތައް ކުރަމުންދާއިރު، މަލީހު ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ މިހާރު ހުށަހަޅާފައިވާ ހުށަހެޅުންތައް އެ ކުންފުނިތަކުން ގަބޫލުކުރުން ކަމަށެވެ.

ހިޔާލު

ޖައުފަރު

މަލީހޫ ކީކޭތަތިޔަކިޔަނީ...އެބަބުނޭ އިންޓަރނެޓް ހިދުމަތްދޭ ކުންފުނިތަކުން އަގުކުޑަކުރަން ތައްޔާރޭ..މިނިސްޓްރީން ތައްޔާރޭ، ބަލަ އަހަރެމެން ރައްޔިތުންވެސް ތިޔަ އަގުކުޑަކޮށް ބޭނުންކުރަން ތައްޔާރަށޭމިތިބެނީ....ކޮބާތަ މައްސަލައަކީދެން، މޮޅުވާހަކަދެއްކިޔަކަސް ކަމަކުނުދާނެ.