Vaahaka: Fahsi
image
ވާހަކަ: ފައްސި--
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވާހަކަ: ފައްސި

ކަންފަތުގައި އަތްއެޅީމެވެ. އަޑެއް ބަޑެއް ނީވޭ ވަރަށެވެ. ނަމަވެސް އަޑު އިވެމުން ދިޔައެވެ. ބޯދަށުގައި އޮތް ބަލީސް ނަގައި ކަންފަތްމަތީގައި ބޭއްވީމެވެ. އަހަރެން އެ އަޑުތައް އަހާކަށް ބޭނުމެއް ނޫނެނެވެ. އެ އަޑުތައް އިވުނަސް މޭ ބޮޑުވާގޮތްވެއެވެ. ހޮޑުލަވައެވެ. އިވެމުން ދިޔަ އަޑުތައް މަޑުވިއެވެ. ކަންފަތުން ބާލީސް ހިއްލައިލީމެވެ. ހީވީ ރަނގަޅަށެވެ. މުޅި ގޭތެރެވަނީ އަމާންވެފައެވެ. ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހިމޭންކަމެވެ. ދޭތެރެދޭތެރެއިން ފަނިފަކުސާގެ މިޔުޒިކީ އަޑުން ހިމޭންކަން ފޫ އަޅުވާލައެވެ.
"އައްދޯތް. ތިހެން ނުހަދާށޭ. ތަދުވެޔޭ. އަހަންނަށް ތިހެން ނުހަދާށޭ. އަހަންނަށް ހަމްދަރުދީވާށޭ" އިވެމުން ދިޔައީ ބައްޕަގެ ރަސްމީ އަޑެވެ.

އެއީ ފަހަކަށް އައިސް ބައްޕަގެ އާދައެވެ. ކިތައްމެ ކުޑަކަމެއް ކުރި ނަމަވެސް އެކަމެއް ކުރާނީ އެވަރަށް ހަޅޭއްލަވާފައެވެ. ހަޅޭއްލަވަން ގަޑިއެއް ގަޑިއެއް ނޯވެއެވެ. މިއޮށް މެންދުރު ގަޑީގައި ވެސް ހަޅޭއްލަވަނީއެވެ. އަވަށްޓެރިން ވެސް މިހާރު ބައްޕަގެ މިޔުޒިކަށް ހޭނިއްޖެއެވެ. ނުހޭނިގެން މިއުޅެނީ އަހަންނެވެ. އަހަންނަށް އެ އަޑުތައް ކަންފަތަށް ފުރޭނެނީ އެހެން ގޮތަކަށެވެ. އެ އަޑުތަކުން އަހަންނަށް ސިފަވަނީ އެހެން ދުނިޔެއެކެވެ. މަންމަގެ ނިކަމެތި ކަމެވެ. އެފަކީރުގެ ނިކަމެތި ހާލެވެ. މަންމަގެ ގިސްލުމުގެ އަޑެވެ. ރުއިމުގައި ހޭދަކުރި ދުވަސްތަކެވެ. އަހަންނަށް ސިފަވަމުން ދަނީ ކަރުނުން ފުރިފައިވާ މަންމަގެ ދެ ލޮލެވެ.

ބައްޕަގެ އަޑު ޖެހޭ ކޮންމެ ދަނޑިވަޅެއްގައި އަހަންނަށް އެ ހަނދާންތަކަށް ފީނެއެވެ. ވޭނީ އެ އިހުސާސްތައް އާވެ އާލާވެއެވެ. މަންމަ ނިޔާވިތާ މިއަދަށް ފަސްއަހަރާއި ތިންމަސް ހަމަވީއެވެ. އެއީ ވެސް މިކަހަލަ ރޯދަ މަހެކެވެ. ހޫނުގަދަ ރޯދަ މަހެކެވެ. މަންމައަކީ ރަށު އިންޖީނުގޭގެ މަސައްކަތު މީހަކަށް އުޅުނު ފިސާރި އަންހެނެކެވެ. ވަޒީފާއަށް މަންމަ ދާން ފެށީ މަޖުބޫރުގެ ހަންދަރެއް ބުރަކަށި މަތީ އެލުވައިގެންނެވެ.

ބައްޕައަކީ ވަރަށް ތަފާތު މީހެކެވެ. ބައްޕައަކީ ރާނާ، ސިމެންތި ޖެހުމުގެ މަސައްކަތް ކުރާ މީހެކެވެ. ދުވަހު މުސާރައަށް މީހުންނަށް މަސައްކަތްކޮށްދީ އުޅޭ މީހެކެވެ. އަހަންނަކީ އާއިލާގެ އެންމެ ހަގުމީހާއެވެ. ދޮށްޓަށް ތިބި ދެ ދައްތައިން ވެސް އޯލެވެލު ނިމުނުހެން ހީނުވެ ދިރިއުޅުން ފަށައިގެން ފިރީންގެ ގެއަށް ބަދަލުވީއެވެ. ގޭގައި އެކަނިވީ އަހަރެންނެވެ.

ބައްޕަގެ ބަދަލުނުވާ ޝަކުވާއަކީ ހުސް އަންހެން ދަރީން މަންމަ އުފަންކުރުވުމެވެ. ބައްޕައަށް ވިސްނައި ދެވޭތޯ މަންމަ އަބަދުމެ މަސައްކަތް ކުރިއެވެ. ކާވެނީގެ ގޮށުގައި ރިހިޔޫބީލް އެޅުވީ ވެސް އެ ޝަކުވާތަކުގައި ދެމި ތިއްބައެވެ. މަންމަގެ ކެތްތެރިކަމަށް ކުރުނީސް ކުރާހާވެއެވެ. ބައްޕަގެ ރުންކުރުކަމާއި މަންމަގެ ކެތްތެރިކަމަކީ އެއް ކައްޓާއަކުން ކިރޭނެ ދެ ކަމެއް ނޫނެވެ. ބައްޕަގެ އަތް އިސްކުރުމާއި މަންމަގެ ނިޔަނެތި ކަމަކީ އެއް ދުލަކުން ސިފަކޮށްދެވޭނެ ކަމެއް ވެސް ނޫނެވެ.

މަންމަ ކެތް ގަދައެވެ. ބައްޕައަށް ލިބޭ އެއްޗެއް މަންމައަކަށް ނޭނގެއެވެ. ގޭތެރެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ވެސް ގަންނާނީ މަންމަ އާދޭސްކުރީމައެވެ. ބައްޕަގެ މަސައްކަތުން ހޯދާ ފައިސާގެ ކުލަ މަންމައަށް ދުވަހަކު ވެސް ނުފެންނާނެއެވެ. އެއްޗެއް ބޭނުންވިޔަސް މަންމަ ޖެހޭނީ ސަލާންޖަހާށެވެ. އާދޭސްކުރާށެވެ.

ކުއްލިއަކަށް ބައްޕަގެ އަޑު ހިނދުނެވެ. ތަނަށް ވެރިވެގެން ދިޔަ ހިމޭންކަމާއެކު އަހަރެންގެ ދުނިޔެއަށް އެނބުރި ދެވުނެވެ. އެއީ މަންމައާއެކު އުޅެވުނު އުފާވެރި ދުވަސްތަކެވެ. އެ ނިޔަނެތި ފިރުމުންތަކުން ހިތް އުފާކޮށްދިން ހަނދާންތަކެވެ.
"ފާތުމަ ގާތު ބުނެފިން ލާރި ބޭނުމިއްޔާ އަމިއްލައަށް މަސައްކަތް ކުރާށޭ" ބައްޕަގެ ރުންކުރު ޖުމުލަ އިވިފައި މަންމަގެ ފަސްބައިގެ ތެރޭގައި އަހަރެން ފިލީމެވެ.

"އަހަރެން ލާރިއަކަށް މި އެދެނީ އަމިއްލަ ބޭނުމަކަށް ނޫނޭ. ދަރީންގެ ސުކޫލުގެ ކަންކަމަށް ހަރަދު ކުރަން. އެކުދީން ބޭނުންވާ އެއްޗެހި ގަނެދޭން. ޔޫސުފު ބުނެބަލަ ތިމަންނާ ކުރާ މަސައްކަތުން ފައިސާއެއް ނުދޭނަމޭ. ބުނެބަލަ އެއްފަހަރު ވެސް. އޭރުން ދުވަހަކު ވެސް... ދުވަހަކު ވެސް ނުބުނާނަން" މަންމައަށް ރޮވެންފެށުނެވެ.

"ކާވެންޏަށް ފަނަރައަހަރު ވެގެން މިދިޔައީ ބުނެބަލަ އަހަންނަށޭ ކިޔައިފަ ޔޫސުފު ގަނެދިން އެއްޗެއް. ކުޑަމިނުން ގަޔަށްލާނެ ހެދުން ގަނޑެއްހާ ހިސާބު ވެސް އަހަންނަށް ހޯދައި ދިނިންތަ؟ އަހަންނަށޭ ކިޔައިފަ އެއްވެސް އެއްޗެއް ދިނިންތަ؟ ކޮންމެ ފަހަރަކު ވެސް އެއްޗެއް ނެތުނީމަ އަވަށްޓެރިންނަށް ސަލާން ޖަހައިގެން މި ޖެހެނީ ހޯދަން. މީހުންލައި ބައިވެފަ ހުންނަ އަންނައުނު މި ލަނީ. މި ވެސް އިންސާނެއް ނޫންތަ؟"

"އަހަރެން ބުނާހެން ކަންތައް ކުރާ ނަމަ ތިޔަ ޝަކުވާ ކުރާކަށް ނުޖެހޭނެ. އަހަރެން ފާތުމަ ގާތު އެދުނީ އެންމެ ކަމެއް. ހަމަ އެންމެ ކަމެއް.. ތިން ފަހަރު މަތިން ވެސް އެދުނީ އެކަމަށް އެކަމެއް ކޮށް ނުދެވުނު" ބައްޕަ ރުޅިއައިސް މަންމައަށް ފުރަގަސް ދިނެވެ.

"ދެން އަހަރެން އުއްމީދެއް ނުކުރަން. އެއްވެސް އުއްމީދެއް ނުކުރަން. އެއީ ފާތުމަ އަހަންނަށް ދިން ލަނޑެއް. ދެރައެއް"

"އަހަރެން ކިހިނެއްތަ؟" މަންމަ ހުއްޓުން އެރިއެވެ. "ދަރިފުޅު ދޭ އިހަށް ބޭރަށް"

މަންމަ އަހަރެން ކޮޓަރިން ބޭރަށް ފޮނުވައިލީ އެ އަޑުތައް އިއްވަން ބޭނުން ނުވާތީކަން އަހަންނަށް އެނގުނެވެ. މަންމައާއި ބައްޕަ އެ ދެއްކީ ކޮން ވާހަކައެއްތޯ އަހަންނަށް ވިސްނަން މަޖުބޫރުވިއެވެ. އެކި ތަނުން އެކި ޖުމުލަ ނަގައިގެން ޖުމުލަތައް ކޮށައިގެން ވިޔަސް އެ ބުނި ވާހަކަތަކެއް ދޭހަ ކުރަން އަހަރެން ވަރަށް ވިސްނީމެވެ. ނަމަވެސް ވިސްނުމުގެ ތެތްކަމަށް އެއްވެސް ކަމެއް ތިލައެއް ނުވިއެވެ.

އެހެން ދުވަހެކެވެ. ބައްޕަ އުޅުނީ ބައްޕަގެ ރަސްމީ ބޮޑު ފޮށި ހުޅުވައިގެންނެވެ. އެ ފޮށްޓާ މެދު އަހަރެންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދޭ ފޮށްޓެކެވެ. އެކި ގޮތްގޮތަށް ސުވާލުތައް އެމުނޭ ފޮށްޓެކެވެ. އެއީ ގަދަ ނޫކުލައި ބޮޑު ފޮށްޓެކެވެ. ދަގަނޑު ފޮށްޓެކެވެ. ހަތަރަވަރަކަށް ފޫޓު ދިގު ފޮށްޓެކެވެ.

"މަންމާ، ބައްޕަ އެބައިން އެއްކަލަ ބޮޑު ފޮށި ހުޅުވައިގެން" ސިއްރުސިއްރުން އަހަރެން ވާހަކަދެއްކީ މަންމައާއެވެ.

"ދަރިފުޅު އަނެއްކާ އެ ފޮށްޓަށް ކަމެއް ކުރީތަ؟" ހުނިގޮނޑި މަތީ އިށީނދެގެން ދެ އަތަށް ކާށި ކިބައެއް ލައިގެން ތިލައިގެ ކޮށިކަން އިހުސާސްކުރަން އިން މަންމަ ވެސް ވާހަކަދެއްކީ ވައި އަޑުންނެވެ.

"ނޫން" މަންމަގެ މޫނަށް އަހަރެން ބަލައިލީމެވެ. "އެ ކޮން ފޮށްޓެއްތަ؟"

"މަންމައަކަށް ނޭނގެ. ނަމަނަމަ ދަރިފުޅު އެ ފޮށްޓާ ކައިރި ނުވާތި!" މަންމަ އަހަންނަށް އިންޒާރުދިނެވެ.

"ދޮންތަ ކުޑައިރު އެ ފޮށީގަ އެއްޗަކުން ތެޅީމަ އެ އެތިން ދޮންތަގެ ގައިގަ ބައްޕަ ތެޅި. އެހާ ވެސް ބައްޕަ ލޯބިވާ ފޮށްޓެއް އެ"

"މަންމާ" އަހަރެން މަންމައަށް ގޮވާލުމުން މަންމަ ވެސް ބަލައިލިއެވެ. "ބައްޕަ ބޭރަށްދާ ދުވަހަކުން އެ ފޮށި ބަލަންވާނެ"
"ދަރިފުޅަށް އެނގޭނެ ބައްޕަގެ ގޮތް. ބައްޕައަކީ ވަކި ގޮތަކަށް އުޅެން އާދަވެފައި ހުންނަ މީހެއް. ފައިވާން ބަހައްޓަން ޖެހޭނީ ވަކި ތަރުތީބަކުން. ކައިމޭޒުގައި ތަށި އަތުރަން ޖެހޭނީ ވަކި މިސްރާބަކުން، ވަކި ތަރުތީބަކުން. ކައިގެއަށް ވަދެ އެންމެ ފުރަތަމަ ކުރާން ޖެހޭނެ ކަމަކީ އަތްދޮވުން. އެއް ސައިބޯނި ފުޅިއަކުން ނުވާނެ. ތިން ފުޅިން އަތް ދޮވެގެން ނޫނީ ބައްޕައަކަށް ނުފުދޭނެ. އަތްފޮހެން ހުންނަން ޖެހޭނީ ހުދު ތުވާލި. ދެ ތުވާލިން އަތްފޮހެ، އެންމެ ފަހުން ޓިޝޫން އަތް ފޮހެން ޖެހޭނެ. ކައިމޭޒު ކައިރީ ތިބޭއިރު އެކަކު އަނެއްކަކަށް ބެލުން މަނާ ވާނެ. އެކަމަކު ވާހަކަދައްކަން ޖެހޭނެ" މަންމަ ފުން ނޭވާއެއް ލިއެވެ. "މި މަންމަ ކިޔައި ނުދިނަސް ދަރިފުޅު ވެސް ކޮންމެ ދުވަހަކު ކުރާ ކަމެއްނު. މާނައަކީ ބައްޕައަކީ ވަރަށް ތަފާތު މީހެކޭ. ބައްޕައަކީ ސާފުތާހިރުކަމަށް ވަރަށް ބަލާ މީހެކޭ"

"އެކަމަކު މަންމާ" ސުވާލުގެ ނަޒަރުން އަހަރެން ބަލައިލީ މަންމަގެ މޫނަށެވެ.

"މިހާރު ކިހިނެއްވީ؟" މަންމަ ކުރާން އިން މަސައްކަތް ހުއްޓައިލަމުން އަހަރެން މޫނަށް ބަލައިލިއެވެ.

"ސާފުތާހިރު ނަމަ މަންމައަށް ރީތި ހެދުން ބައްޕަ ދޭނެއްނު. މަންމަ ތި ލަނީ ކިހާ ހަޑިވެ، ހަލާކު ވެފަ ހުންނަ ހެދުން" އަހަރެން ވިސްނުމެއް ނެތި މަންމައަށް ޖަވާބު ދިނީމެވެ.

ހައިރާންކަމާއެކު މަންމަ އަހަރެން މޫނަށް ބަލައިލިއެވެ. މަންމަ އެސްފިޔަ ވެސް ޖަހައިނުލާ އަހަންނާ ދިމާއަށް ނަޒަރު ހުއްޓައިލައިގެން އިނީއެވެ. އޭރު މަންމަގެ ލޮލުގެ ތެރެއިން ކަރުނަތައް ނީރެމުން އަންނަ މަންޒަރު އަހަންނަށް ފެނުނެވެ. އެންމެ ފަހުން މަންމައަށް ގިސްލެވެން ފެށުނެވެ. މަންމަގެ ބަޑިފަޅައިގެން ދިޔައެވެ.

(ނުނިމޭ)
ހިޔާލު

ފައްކާ

ވަރަށް ސަޅި... ފަތޫގެ ކޮންމެ ވާހަކައެއް ނިންމާނީ ވަރަށް ގިނަ ވާހަކަތައް ބުނެދީފަ. ވަރަށް ގިނަ ކަންކަން ކިޔައިދީފަ. މައުލޫމާތު އެހައި މުއްސަނދިވާނެ. ބަސްކޮށާރު އެހައި ފަށުވި ވާނެ. ތިއީ ހަމަ ދެވަނަ ބިންމާ

ދޮން

މިގޮތް ވަރަށް ކަމުދޭ... ސާދާ ސިފަކުރުން..ރީތި ފަތޫ!