Timeline: Dheebaajaa Massala
image
ސުޕްރީމް ކޯޓް -- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ޓައިމްލައިން: ދީބާޖާ މައްސަލަ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތުން އެކި އަމިއްލަ ފަރާތްތަކަށް ދޭން ޖެހިފައިވާ ފައިސާގެ ވާހަކަ މިހާރު އެބަ ދެކެވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަދަދެއްގެ ފައިސާ ދޭން ޖެހިފައި މިވަނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.
ދީބާޖާ މައްސަލަ މިހާރު ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި އޮތްއިރު، މި މައްސަލަ ފެށިގެން މިއަދާ ހަމައަށް އައި ގޮތަށް ކުރުކޮށް ބަލާލުން މުހިއްމެވެ.

ދީބާޖާ ކުންފުނި އުފެދުނީ 28 ޖެނުއަރީ 2010 ގައެވެ. ކުންފުނީގެ އުފެއްދި އިރު ޝެއާ އޮންނަނީ "ރިނޮސެންސް އިންވެސްޓުމަންޓު ޕްރައިވެޓް ލިމިޓެޑް" އާ "މިލަމަފާ އިންވެސްޓުމަންޓު ޕްރައިވެޓް ލިމިޓެޑް" އަދި އަމިއްލަ މީހަކަށެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހަ ބޭފުޅުން ތިއްބަވާއިރު އެއީ މުޅިންވެސް ދިވެހިންނެވެ.

ފެބްރުއަރީ 2010 ގައި އުތުރުގެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސޮއިކުރި އެވެ. ފެރީގެ ހިދުމަތުގެ ބަދަލުގައި ސަރުކާރުން ދީބާޖާއަށް ރ. ކުޑަކުރަތު ނަމަކަށް ކިޔާ ފަޅު ރަށެއް ދީފައި ވަނީ މޭ 2010 ގައެވެ.

އެއަށްފަހު ފެބްރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވި އެވެ. ދީބާޖާއެކު ވެފައިވާ އެއްބަސްވުން އުވާލީ އެހިސާބުންނެވެ. މޭ 2013 ގައި އެއްބަސްވުން އުވާލީ ހިދުމަތް ނުދެވޭ ކަމަށް ބުނެ އެވެ.

އޭގެ ފަހުން 2013 އިން 2014 އަށް އެއްބަސްވުން ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދީބާޖާއިން ސިވިލް ކޯޓަށް ދިޔަ އެވެ. އެ ފައިސާ އެތައް ގުނައަކުން ކުޑަކޮށް 348 މިލިއަން ދިނުމަށް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 2014 ގައެވެ.

އޭގެ ފަހުން 2018 އާ ހަމައަށް ކުރިއަށް ދިޔެއީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރަން ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާއެވެ. ޖޫން 2018 ގައި ދައުލަތުން ދީބާޖާއަށް 348 މިލިއަން ދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.

އޯގަސްޓް 2018 ގައި އަލްހާން ފަހުމީގެ ހިއްސާ އޮންނަ ގާނޫނީ ކުންފުންޏަށް 174 މިލިއަން ރުފިޔާ ދިނުމަށް ދީބާޖާއިން އެއްބަސްވެ، ސެޕްޓެމްބަރު 2018 ގައި ހައި ކޯޓުގެ ހުކުމް ދީީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އޭޕްރިލް 2019 ގަ އެވެ. އެއަށްފަހު ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކުރަން ޖެހޭނެ ކަމަށް ގާނޫނީ ފަރާތްތަކުން
އަންނަނީ
ވިދާޅުވަމުންނެވެ.

ދީބާޖާ އާއި އަލްހާން ފަހުމީގެ ގާނޫނީ ކުންފުންޏަށް 174 މިލިއަން ރުފިޔާ ދޭން އެއްބަސްވިކަން ހާމަވީ މޭ 8 2019 ގައެވެ. އެއަށްފަހު ޖެހިގެން އައި މޭ 9 ވަނަ ދުވަހު އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ދީބާޖާ މައްސަލާގައި ދެ މިލިއަން ރުފިޔާގެ ރިޝްވަތު ހޯދަށް އުޅުއްވި ކަމަށް އަލްހާން ފަހުމީ ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް މޭ 11 ގައި ރިޝްވަތުގެ ތުހުމަތުތައް އެޓާނީ ޖެނެރަލް ދޮގު ކުރި އެވެ. ޖެހިގެން އައި މޭ 12 ވަނަ ދުވަހު ހުކުމް ތަންފީޒުކުރުމުގެ އަމުރަކަށް އެދި ދީބާޖާ އިން ހުށަހެޅި މައްސަލައެއް ސިވިލް ކޯޓުގައި ތާވަލް ކުރި އެވެ. ހަމަ އެ ދުވަހު މި މައްސަލާގައި ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ގާނޫނީ ފަރާތްތަކުން ކުރުމުން އެކަން ސީއެންއެމް އިން ރިޕޯޓު ކުރި އެވެ.

ޖެހިގެން އައި މޭ 13 ގައި ސިވިލް ކޯޓުގައި އޮތް ދީބާޖާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރު ކުރިއެވެ. އެ މައްސަލަ އުސޫލާ ހިލާފުން ކުރިއަށް ގެންދާތީ ބާތިލް ކުރުމަށް ދައުލަތުން އެދުނުކަން ހާމަކުރީ މޭ 14 ގައެވެ. މޭ 15 ގައި ސީއެންއެމް އިން ގާނޫނީ ފަރާތްތަކުގެ ހިޔާލު ރިޕޯޓު ކުރުމުން އެ މައްސަލަ ތަހުގީގު ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ.

ހަމަ އެދުވަހު ދީބާޖާ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުން ބޭރުން ކަމަށް ދައުލަތުން ބުނުމުން، އެޓާނީ ޖެނެރަލާ ދެކޮޅަށް ގާނޫނީ ފިޔަވަޅުގެ އިންޒާރު ދީބާޖާއިން ދިނެވެ. މިހާރު މައްސަލަ ގޮސްފައިވާ ހިސާބުން މިއަދު ސިވިލް ކޯޓުގައި ދެވަނަ އަޑުއެހުމެއް ކުރިއަށް ދާނެ އެވެ.
ހިޔާލު