Madhiri control kurumuge gavaidheh AG offeehah fonuvumah thayyaaru vejje
image
މަދިރިއެއް މީހެއްގެ ގައިގައި ޖައްސާފައި -- ފޮޓޯ: ބީބީސީ
ސާޔާ އަހްމަދު
0 ކޮމެންޓް
 

މަދިރި ކޮންޓްރޯލް ކުރުމުގެ ގަވާއިދެއް އޭޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުވެއްޖެ

ނުރައްކާތެރި ބަލި ފަތުރާ މަދިރި ފަތަ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދުގެ ޑްރާފްޓް ވަނީ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެ ގަވައިދު ވަރަށް އަވަހަށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އިސް އޮފިޝަލަކު ސީއެންއެމް އަށް މިއަދު ވިދާޅުވީ ނުރައްކާތެރި ބަލި ފަތުރާ މަދިރި އާއި އެހެނިހެން ދިރޭ ތަކެތި ނައްތާލުން ނުވަތަ ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް ޑްރާފްޓްކޮށް، އެ ގަވައިދު ވަރަށް އަވަހަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށެވެ.

"ގަވައިދު އިނީ ޑްރާފްޓް ސްޓޭޖުގައި ވަރަށް ބޮޑަށް ފައިނަލް ވެފައި. ކުދި ކުދި ބައެއް ބަދަލުތައް ގެނައުމަށްފަހު، އޭޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން މިހާރު ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ގަވައިދަކީ އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ހެދި ގަވައިދެކެވެ. ފާއިތުވި އަހަރުތަކާ އަޅާ ބަލާއިރު، މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް މިއަހަރު ރާއްޖޭގައި ވަރަށް ގިނަވެފައިވާއިރު، މި ގަވައިދުގެ ސަބަބުން މަދިރި ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ގޮތް ސާފުވެގެން ދާނެ އެވެ.

މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް 1912 ޑެންގީ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭޕްރިލް މަހު އެކަނިވެސް 506 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 539 މައްސަލަ އިތުރު އަދަދެކެވެ. 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ހުށަހެޅީ 441 މައްސަލަ އެވެ.

ޑެންގީގެ އިތުރުން ޗިކުންގުންޔާގެ މައްސަލަތައް ވެސް މިއަހަރު ވަނީ އިތުރުވެފަ އެވެ. އެ ބަލީގެ ސަބަބުން ސިކުނޑި އިންފެކްޓްވި ދެ ކުއްޖަކަށް މިހާރުވެސް އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ. މިއަހަރުގެ މިހާތަނަށް 926 މީހުންނަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރި އެވެ.
ޑެންގޫ އެޗްޕީއޭ
ހިޔާލު