"Siyaasee vaahaka"ige nivalugai rayyithunnah olhuvaalanee
image
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

"ސިޔާސީ ވާހަކައިގެ" ނިވަލުގައި ރައްޔިތުންނަށް އޮޅުވާލަނީ

މިފަހަކުން އިވުނު ވާހަކައެކެވެ. އޭސީސީން ދެ ބޭފުޅަކު ހާޒިރުކޮށް ކުރި ސުވާލުތަކަށް މި ދެބޭފުޅުން ދެއްވި ޖަވާބުތަކުން މި ދެބޭފުޅުންނަކީ ރޯނު އެދުރުން ނޫން ބަޔަކަށް ނުވި ވާހަކައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އަދި ރާއްޖޭގެ ތާރީހުގައިވެސް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ސިޔާސީ ގިނަ ފަރާތްތަކެއް ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ. ސިޔާސީ ގޮތުން ސަރުކާރު ނިސްބަތްވާ ޕާޓީގެ ފަރާތްތަކާއި އިދިކޮޅަށްވެސް މި ތުހުމަތުގެ އިނގިލި ދިއްކުރިއެވެ.

ބައެއް ބޭބޭފުޅުން އަޑަށް ބާރުލާފައި ތިމަންނާމެންނަށް އެފައިސާ ލިބުނު މީހުން އިނގެޔޭ، ލިބުނު ވަރު އިނގެޔޭ ވިދާޅުވަމުން ދިޔައެވެ. ބައެއް ފަރާތްތަކުގެ ނަން ވިދާޅުވެ ރައްޔިތުންގެ ކުރިމަތީގައި އެފަރާތްތަކުގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވަމުންދިޔައެވެ.

މިއަހަރު ބޭއްވި މަޖިލިސް އިންތިހާބާއި ދިމާކޮށްވެސް މިކަންކަން މިމަގުން ހިނގިއެވެ. މިހާރުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އާއްމުކޮށް އަޑުހަރުކޮށް މިފަދަ ވާހަކަތައް ދައްކަވާ ދެ ބޭފުޅަކު، އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުން އިނގޭކަމަށް ވިދާޅުވެ އެވާހަކަ ދެއްކެވިއެވެ. އެންމެ "ކަންކަން އިނގޭ" މީހުންނަށް ވެގެން އެކި ފަރާތްތަކުގެ ނަން ވިދާޅުވެ، އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އޮތް ކަމަށް ވިދާޅުވެ އެތައް ވާހަކައެއް ދެއްކެވިއެވެ.

ދެބޭފުޅުންނަކީވެސް ރައްޔިތުންގެ މަންދޫބުންނަށްވުމުން ބައެއް ރައްޔިތުން މި ވާހަކަތައް ޤަބޫލުކޮށް އެކަންކަމާއި މެދު ސުވާލުއުފެއްދިއެވެ. އަނެއް ބަޔަކު އެކަންކަން އިތުރަށް ބެލުމަށް ގޮވާލިއެވެ.

އެމަގުން އެކަން އިތުރަށް ބެލުމުން "ސޯޓު ބޭލުނީ" މިވާހަކަ ދެއްކެވި ދެ ބޭފުޅުންގެއެވެ. "ރޯނު އެދުރު" ހެދިގެން ހުރިހާ ކަމެއް އެންމެ މޮޅަށް އެނގިގެން ދެއްކި ވާހަކަތައް އެންމެފަހުންވީ ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކި ދޮގު ބުހުތާނަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މެމްބަރުންނާއި ލިބުނު އަދަދު އިނގޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އައި ދެބޭފުޅުން އެންމެ ފަހުން ވިދާޅުވިކަމަށްވަނީ، "އެއްވެސް މީހަކަށް އެ ފައިސާ ލިބުނު ކަމަށް ބުނެ އެއްވެސް މީހަކު ވާހަކަ ދެއްކި އަޑެއް ވެސް އޭނާ ނާހާ" ކަމަށެވެ. ލިސްޓު އޮތް ކަމަށް ބުނަމުން އައި ކަމެއް، އަޑުވެސް ނާހާ ކަމަކަށް އެންމެ ފަހުންވީއެވެ.

ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުން ތަމްސީލު ކުރަން ތިއްބަވާ މެމްބަރުން، "ސިޔާސީ ވާހަކައިގެ" ނަމުގައި ރައްޔިތުންނަށް ދޮގުހަދާ ހަގީގަތާއި ހިލާފު ވާހަކަ ދައްކާ މީހުންގެ އަބުރަށް އަރައިގަތްއިރު، ހަނދާނަށް އަންނަނީ މިބޭފުޅުން 2016 ވަނަ އަހަރު ނިދި ނަގާލައްވާފައި ދުވާލާއި ރޭގަނޑު މަޖިލީހުގައި ހޭދަކުރައްވައިގެން ފާސްކުރި ޤާނޫނެއްގެ މަތީންނެވެ.

މިހާރު އުވާލާފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އެވެ. މި ޤާނޫނު ހަމަ އެމަޖިލީހުގައި ތިއްބަވައިގެން ހަމަ އެބޭފުޅުން ފާސްކުރެއްވީ މީޑިއާތަކުން މީހުންގެ އަބުރަށް އަރައިގަންނަ ކަމަށް ތުހުމުތުކޮށެވެ. ދޮގު ވާހަކަ ދައްކާ ކަމަށް ތުހުމަތުކޮށެވެ. މިބޭފުޅުންގެ މައުސޫމު އަބުރަށް މީޑިއާތަކުން އަރައިގަންނަކަމަށް ބުނެއެވެ.

މީޑިއާގެ އެކިފަރާތްތަކަށް ބޮޑެތި އިލްޒާމުތަކެއް އަޅުވާ މިނިވަން މީޑިއާ ކަތިލުމަށް މިބޭފުޅުން ނިންމެވިއިރު، މިބޭފުޅުންގެ ފަސްބައި މާ ތާހިރެއްވެސް ނޫންތާއެވެ. މިބޭފުޅުން ވިދާޅުވާ ގޮތުންނަމަ، ރައްޔިތުންނަށް އޮޅުވާލާ ދޮގު ވާހަކަދެއްކުމަކީ "ސިޔާސީ ވާހަކަ" އެވެ. މިފަހަރު މިކަން އިނގި މިބޭފުޅުންގެ އިއުތިރާފް މިކަމުގައި ލިބުނީ މިކަމުގައި މިބޭފުޅުންނާ ސުވާލުކުރެވުމުންނެވެ. އެހެންކަމުން މިފަދަ ކިތައް "ސިިޔާސީ ވާހަކަ" މިވޭތުވެ ދިޔަ ތަނުގައި މިބޭފުޅުން ދައްކަވާފައި ހުންނާނެބާއެވެ؟ ރައްޔިތުންގެ ތެރޭގައި އޮތް އަމަން އަމާންކަން ގެއްލުވާލި ކިތައް "ސިޔާސީ ވާހަކަ" އޮންނާނެބާއެވެ؟

އެ ހުރިހާ ކަމަކުން އެނގުނީ ހަމަ އެންމެ ކަމެކެވެ. އެއީ، ރައްޔިތުނަށް އޮޅުވާލާ ބަޔަކީ ނުވަތަ ދޮގު ހަދާ ބަޔަކީ މީޑިއާތައް ނޫން ކަމެވެ. އެހެންނަމަވެސް "ސިޔާސީ ވާހަކައިގެ" ނިވަލުގައި ތިއްބަވައިގެން ބޮޑެތި ދޮގު ހައްދަވާ އަދި އެކަންކަމަށް އިއުތިރާފްވާ މިފަދަ ބޭފުޅުންކަމެވެ.
ސިޔާސީ ޕާޓީ
ހިޔާލު

ރުޅިގަދަމީހާ

އެހެންވީމާ ސިޔާސީ މީހުންނަކީ ދޮގުހަދާ މަކަރުވެރި ވަގުންނޭ ކިޔޭނެތާ ހާއްސަކޮށް ޕީޕީ ކުދިންނަށް