Fuluhunnaai sifain gulhigen anehkaa ves thamreenuthakeh
image
ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެކްސަސައިޒްގެ ތެރެއިން.-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ފުލުހުންނާއި ސިފައިން ގުޅިގެން އަނެއްކާ ވެސް ތަމްރީނުތަކެއް

ފުލުހުންނާއި ސިފައިން ގުޅިގެން އަނެއްކާ ވެސް ތިން ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުތައް ކުރިއަށް ގެންދާނީ މާދަމާ 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 6:00 އަށް ކަމަށެވެ. އެ ތަމްރީނުގެ ފަރިތަކުރުންތައް ކުރިއަށް ދާނީ މާލޭގެ އިތުރުން އަތޮޅުތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެގޮތުން ތަމްރީނުގެ ތެރެއިން ސިފައިންނާއި ފުލުހުން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން "އިމަޖެންސީ ރެންޕޮންސް އެކްސަސައިޒް"ގެ ނަމުގައި މި މަހުގެ ފަސް ވަނަ ދުވަހު ވެސް ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ އެވެ. ނުރައްކާތެރި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ސިފައިންނާ އެހެނިހެން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތް ފަރިތަކުރުމަށް ކުރިއަށް ގެންދިޔަ އެ ތަމްރީނުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ބައިވެރިވި އެވެ.

އެ އެކްސަސައިޒްގައި އެމްއެންޑީއެފް މާލެ އޭރިއާގެ ޔުނިޓްތަކުގެ އިތުރުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާއި އެމްއެންޑީއެފްގެ އީއޯޑީ ޓީމްތަކާއި ފުލުހުންނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މޯލްޑިވްސް ރެޑްކްރެސެންޓްގެ އިތުރުން އެމްއެންޑީއެފް ސެނަހިޔާ އިން ބައިވެރިވި އެވެ.
ހިޔާލު