MDP ge membarunge adhadhu bailahkaah, ppm in 8000 membarun vakivehje
image
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
0 ކޮމެންޓް
 

އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް، ޕީޕީއެމުން 8000 މެމްބަރުން ވަކިވެއްޖެ

ރިޔާސީ އިންތިޚާބު ނިމުނުތާ މަހެއް ނުވަނީސް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އަލަށް ގުޅުނު 25000 މެމްބަރުންނާއެކު، އެޕާޓީގެ މެމްބަރުންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް އަރައި، އިދިކޮޅު ޕީޕީއެމުން 8000 މެމްބަރުން ވަކިވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބަށް ބަލާއިރު، އެމްޑީޕީގެ ރަޖިސްޓްރީގައި ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ތިބީ 29،663 މެމްބަރުންނެވެ. އަލަށް ގުޅުނު 25،287 މެމްބަރުންނާއެކު، ހުސްވި އަހަރުގެ ނިޔަލަށް އެޕާޓީގެ ދަފުތަރުގައި މިހާރު ތިބީ 54،950 މެމްބަރުންނެވެ.

އެމްޑީޕީއަށް މެމްބަރުން އިތުރުވިއިރު، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ނިންމި އަނެއް ތިން ޕާޓީން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވަކިވެފައެވެ. އިދިކޮޅު އެންމެ ބޮޑުޕާޓީ ޕީޕީއެމުން 8،013 މެމްބަރުން ވަކިވުމުގެ ކުރިން، އެޕާޓީގެ ދަފްތަރުގައި ތިބީ 48240 މެމްބަރުންނެވެ. މިހާރު ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވަނީ 40227 އަށް ވެއްޓިފައެވެ.

ތިން ވަނައަށް އެންމެ ގިނަ މެމްބަރުން ތިބި، ޖުމްހޫރީ ޕާޓީންވެސް 1551 މެމްބަރުން ވަނީ ހުސްވި އަހަރުގެ ނިޔަލަށް ވަކިވެފައެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށް 10388 މެމްބަރުން ތިބި ޖުމްހޫރީ ޕާޓީން، އެ އަހަރު ނިމުނު އިރު ތިބީ 8837 މެމްބަރުންނެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ދެހާހާ ކައިރިކުރާ އަދަދެއްގެ މެމްބަރުން ވަނީ ހުސްވި އަހަރު ވަކިވެފައެވެ. ހުސްވި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގައި ތިބީ 10672 މެމްބަރުންނެވެ. އަހަރު ނިމުނުއިރު އެ އަދަދު ވަނީ 8716 އަށް ދަށްވެފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރު ކަނޑައަޅާފައިވާ 26.2 މިލިއަން ރުފިޔާގެ ތެެރެއިން ފައިސާ ދޫކުރަން ނިންމި ކޮންމެ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ކޮންމެ މެމްބަރެއްގެ ބޮލަކަށް 233.11 ރުފިޔާ ޖެހެއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމި އަދަދަށް ބަލާއިރު، އެމްޑީޕީއަށް ލިބެނީ 12.8 މިލިއަން ރުފިޔާއެވެ. ޕީޕީއެމަށް 9.3 މިލިއަން ރުފިޔާއެވެ. ޖުމްހޫރީޕާޓީ އާއި އެމްޑީއޭއަށް ލިބެނީ ދެ މިލިއަން ރުފިޔާއެވެ. 13 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ހިޔާލު