10 Minute: Hassan Afeef
image
ފޮޓޯ: ޓްވިޓާ/ ހަސަން އަފީފް
1 ކޮމެންޓް
 

10 މިނެޓު: ހަސަން އަފީފް

މިފަހްތާގެ ސީއެންއެމް "10 މިނެޓު" ހާއްސަކޮށްފައި މިވަނީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަށެވެ.


ސީއެންއެމް: ރޯދަމަހުގެ އެންމެ ދުރު ހަނދާނަކީ ކޮބައިތޯ؟

އަފީފް: އަޅުގަނޑުގެ އުފަން ރަށް ތ. އަތޮޅު ވިލުފުށި. އޭރުގަ އޮންނަ ގޮތަކީ ހާރުކާން ގޮވީމާ ބައެއް ފަހަރު ނުތެދުވަންވެސް އުޅޭނެ. ހާރުކާން ނަގާނެ މަންމަމެން. އޭރުގަ އޮންނަ ގޮތަކީ ނަމާދު ކުރަންޖެހޭނެ. ނަމާދުކޮށްގެން ނިދޭނީ ވެސް. ނަމަދުކޮށްގެން އިރުއޮއްސެންދެން އޭރު ހުންނާނީ ނުނިދާ. ކުޑައިރުވީމަ އަޅުގަނޑުމެންނަށް ވަރަށް ވަރުބަލިކޮށް އަޅުގަނޑުމެންނަށް ފީލުވާނީ. ދެން ކުރާ މަސައްކަތަކީ ރޯދަ ވިއްލަން ބޭނުންވާތަކެތި ހޯދުން. ކުޑަކުދިން ބޭނުންވާނެ ކުންނާރާ ކުރުނބަޔާ މިކަހަލަ އެއްޗެހި ހޯދައިގެން ރޯދަވިއްލާ ވަގުތަށް އެއްޗެހި އެއްކުރެވޭތޯ އަޅުގަނޑުމެން ބަލާނީ. އެއީ އެންމެ ދުރު ހަނދާނަކަށް ވާހަނދާނަކީ.

ސީއެންއެމް: މިހާރު ރޯދަ މަހުގެ އެއް ދުވަސް ހޭދަކުރައްވާގޮތް ވިދާޅުވެވިދާނެތޯ؟

އަފީފް: އަޅުގަނޑު ފަތިސް ނަމާދުކޮށް ނިމިގެން މި ނިދަނީ. އެކަމަކު އަޅުގަނޑު ބަލަން ދިހައެއް ޖަހާކައްހާއިރު ތެދުވެވޭތޯ. ތެދުވެގެން އަޅުގަނޑު އޮފީހަށް ގޮސްލާފަ އެތާގަ އުޅެލާފަ ދެން މެންދުރު ނަމާދުކޮށް ނިމިގެން އަޅުގަނޑު ގުރުއާން ކިޔަވަން. ދެން ގެއަށް އައިސް އަނެއްކާ އަސުރު ނަމާދަށް ދަނީ. ގޭތެރޭގަ ވެސް ގޭގެ ކަންކަމުގަ ކޮންމެވެސް ވަރަށް އެހީތެރިވެ ދެން އަޅުގަނޑު. އެއްޗެހި ތައްޔާރުކޮށް ހެދުމުގަ އެހީތެރިވެދީ ހަދަން. ކައްކާއިރު އެއްޗެހި އަތްގާތްކޮށްދީ ހަދަން. ރޯދަ ވިއްލުމަށްފަހު ދެން މަގުރިބް ނަމާދަށްފަހު އިޝާ ނަމާދަށް ދަނީ ދެން ތަރާވިސް ނިމިގެން އަޅުގަނޑު ގެއަށް އަންނަނީ. ވަރަށް ގިނައިރު އަޅުގަނޑު ގުރުއާން ކިޔަވަން އިންނަން. މަސައްކަތް މި ކުރަނީ ރޯދަމަސް ނިމޭއިރު ދެ ހަތިމުވަރު ކުރެވޭތޯ.

ސީއެންއެމް: މަޖިލީސް ރައީސްކަމަށް ވަޑައިގަނެވިއްޖެނަމަ މަޖިލީހަށް ގެންނަވާނެ ބަދަލުތަކަކީ ކޮބައިތޯ؟

އަފީފް: މަޖިލީސްގެ ރައީސް ވެސް މަސައްކަތް ކުރައްވަން ޖެހޭ ގޮތްތަކެއް އޮންނާނެ މަޖިލީހުގެ ގަވާއިދުގަ ކަނޑައެޅިފަ. ދެން ހުންނާނީ އިދާރީ ގޮތުން ކަންތައްތައް ފަސޭހަކުރުމަށް ކުރަންޖެހޭ ކަންތައްތައް. މަޖިލީހުގެ ރައީސް ވަރަށް ހާއްސަކޮށް ބައްލަވަން ޖެހޭނެ ކޮމިޓީތައް މަސައްކަތް ކުރޭތޯ. މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލަކަށް ޑިބޭޓަށް ފުރިހަމަ ވަގުތު ދެން ޖެހޭނެ. ޕާޓީތަކުން ނަގާނެ ކޮންމެ ބިލަކާ ގުޅޭގޮތުން ވާހަކަ ދައްކަވާނެ ބޭފުޅުން. އާންމުކޮށް މިހާރު ކޮންމެ މެމްބަރަކަށް ލިބި ވަޑައިގަންނަވަނީ ތިން މިނެޓު ވަރު. ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލިސް ހިންގާފައިވަނީ އެވަގުތު އެބޭފުޅުންނަށް ފެންނަ ގޮތަކަށް، ކަންތައްތައް އަވަސްކޮށްލާފަ ނިންމާލަނީ. މަޖިލީހަށް ހުށަހެޅޭ ބިލުތަކަކީ އެހާ އަވަހަށް ފާސްކުރަން ޖެހޭ ބިލުތަކެއް ނޫން. ގާނޫނެއް މިވަނީ އޭގެ މައްޗަށް ރައްޔިތުން އަމަލުކުރަން މަޖުބޫރުކުރާ ކަމަކަށް. އެހެންވީމާ ބިލު ފާސް ކުރީމާ ރައްޔިތުންނަށް ލިބޭނެ ފައިދާތަކަކީ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލަން ޖެހޭނެ. މި ހުރިހާ ކަމަކަށް ޑިބޭޓުކޮށްފަ. އަދި އެއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ކޮމެޓީއަށް ފޮނުވާފަ ދެން ގެނެސް އެ ބިލު ފާސް ކޮށްގެން ގާނޫނަކަށް ހަދާނީ. އެ ޕްރޮސެސް އެންމެ ބޮޑަށް ކުރިއަށް ގެންދަން އަޅުގަނޑު މަސައްކަތް ކުރާނީ. މަޖިލިސްގެ ކޮމެޓީތައް ފުރިހަމަށް އެކްޓިވޭޓުކޮށްގެން ކުރިއަށް ގެންދާނީ. އަދި ކޮމެޓީތަކުގައި ކުރާ މަސައްކަތްތަކަކީ އާންމުކޮށް ހުރިހާ ރައްޔިތުންނަށް އެނގިގެން ދާނެ މަަސައްކަތްތަކަކަށް ހަދައިދިނުން. ރައްޔިތުންނަށް އެކަންތައް ފޯރުކޮށްދޭ ފަރާތަކީ މީޑިއާ. އަދި މީޑިއާއަށް ފުރިހަމަ އެކްސެސް މަޖިލީހުގެ މަސައްކަތުގައި ދިނުން މިއީ އަޅުގަނޑު ކުރާނެ ކަމެއް.

ސީއެންއެމް: ކައްކަން އެނގި ވަޑައިގަންނަވާތޯ؟

އަފީފް: އަޅުގަނޑަށް އަނެއްހެން ކައްކާކަން ނޭނގެ އިނގޭތޯ. އެކަމަކު ކިޔަވަން އުޅުނު އިރުގަ ކޮންމެވެސް ވަރަކަށް ބަތް ކައްކާ، އެކަހަލަ ކަންތައްތައް ކުރަން ދެން. އެއް ފަހަރު ރިހައެއްވެސް ކެއްކިން. އޭރުގަ ވަކި އެއްޗެއް އެނގިގެންނެއް ނޫން. ދެން ހަވާދު އަޅާފަ، ޕްރޯންސް ރިހައެކޭ އަޅުގަނޑު ހަނދާންވަނީ. ހަވާދާ ޕްރޯންސް އެއްކޮށްފަ އަދި އޭގެ ތެރެއަށް ކުޑަ ހަކުރުކޮޅެއްވެސް އަޅާފަ. ޓޮމާޓޯ ޕޭސްޓު އަޅައިގެން ކައްކާލީމަ ފުދޭވަރަކަށް ރަނގަޅު ރަހައެއް އަޅުގަނޑުމެންނަށް ދެނީ. ބަތްކައްކަން އިނގޭ. ބިސްގަނޑު އެއްޗެހި އަޅާ ހަދަން. އެވަރަށް ކައްކަން އިނގެނީ ދެން މާބޮޑަށް ކައްކަން އިނގޭ މީހެއް ނޫން އަޅުގަނޑަކީ.

ސީއެންއެމް: މަޖިލީހަށް ކުރިއަށް އޮތް ތަސައްވަރަކީ ކޮބައިތޯ؟

އަފީފް: މަޖިލީހަށް އަޅުގަނޑުގެ ތަސައްވަރަކީ. މަޖިލީހަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ ތަނެއްގެ ގޮތުގަ އެތަން ހެދުން. ރައްޔިތުންނަށްޓަކާ މަސައްކަތް ކުރާ ތަނަކަށް މަޖިލިސް ހެދުން. މަޖިލީހުން ބަލަން ޖެހޭނެ ހަގީގަތުގަ ސަރުކާރުން ކަންތައްތައް ހިންގާ ގޮތްވެސް. ދައުލަތުގެ އެހެން މުއައްސަސާތަކުގެ ކަންތައްތައް ހިނގާ ގޮތްވެސް. މަޖިލީހުން ހަދާފަ ދޭ ގާނޫނުތަކެއްގެ ދަށުން ކޮންމެ މުއައްސަސާއެއްވެސް މި މަސައްކަތް ކުރަނީ. މަޖިލީހަކީ ރައްޔިތުން އެއްތަނަކަށް ހާޒިރުވެ ކަންކަން ނުނިންމޭތީވެ ރައްޔިތުންގެ މަންދޫބުން ގޮތުގަަ އެތަނަށް ފޮނުވާފަ ތިބި ބަޔަކު މަސައްކަތް ކުރަމުންދާތަނެއް. ކުރިއަށް އޮތް ފަސް އަހަރުގަ އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުށަހެޅި އެޖެންޑާ 19 އާ ގުޅޭ ގާނޫނުތަކާ ގާނޫނީ އޮނިގަނޑުތައް ތައްޔާރުކޮށް ސަރުކާރާ މަޝްވަރާ ކޮށްގެން އެ ގާނޫނުތައް ވުޖޫދަށް ގެނެސް އޭގެ ފައިދާ ރައްޔިތުންނަށް ހޯދައި ދިނުން. އޭގެ އިތުރުން އަޅުގަނޑު ދެކެން ބޭނުން މަޖިލިސް ޕްރޯ އެކްޓިވްކޮށް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވުން. އޮޑިޓް ރިޕޯޓަކަށް ބަލައިގެން ކަންކަން ކުރުމުގެ ބަދަލުގަ ސަރުކާރު ހިނގަމުންދާ ވަގުތު އެކިތަންތަނުން ކުރާ މަސައްކަތް ބަލައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުރިތޯ ބަލައި. އެކަންކަން ހުއްޓުވާ ތަނަކަށް މަޖިލިސް ވުން. އަދި ސަރުކާރުން ބޭނުންވާ ބިލުތައްވެސް މަޖިލީހުން ޑްރާފްޓްކޮށްދިނުން އެއީ ކޮށްދޭން ބޭނުންވާ ކަމެއް. އަދި މަޖިލިސް މެމްބަރަކު ގާނޫނެއް ހަދަން ބޭނުންވިއަސް މަޖިލީހުން އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުން. މިކަންކަން މަޖިލީހުގެ ތެރޭގަ ގާއިމްވެގެން ދިއުމަކީ އަޅުގަނޑުގެ ތަސައްވަރެއް.
ހިޔާލު

ބަތަލް.

ބާރު ލިބިގެން މިރާއްޖޭގެ ރައްޔަތުން އުދުހޭތަން ވަރަށް ބަލާހިތުން މިހުރީ،