Vaahaka: Fahsi
image
ވާހަކަ: ފައްސި
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވާހަކަ: ފައްސި

"ދަރިފުޅާ!" މަންމަ އަހަންނާ ދިމާއަށް އަތްދިއްކޮށްލިއެވެ. އަހަރެން މަންމައާ ދިމާއަށް ދުއްވާ ގަތީމެވެ. މަންމަ ހުނިގާނަން އިން ހުނި ގޮނޑި ކައިރިއަށް ހުއްޓުނީމެވެ. އުމުރުން ބާރަ އަހަރު ވެފައި ވީނަމަވެސް އަހަންނަށް މާ ގިނަ ކަންކަމެއް ނުވިސްނެއެވެ. މަންމަ އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އަޑުން އަޑުނަގާ ރޯން ފެށިއެވެ. ވާނުވާ އަހަންނަށް ފަހުމެއް ނުވިއެވެ.

"މަންމާ ކިހިނެއްވީ؟" މަންމަގެ މޫނުގައި ދެ އަތުން ފިރުމައިލަމުން އަހައިލީމެވެ. "ކީއްވެ ތި ރޮނީ؟ ބުނެބަލަ. ކީއްވެތަ ރޮނީ؟"
މަންމަގެ ގިސްލުން އިތުރުވިއެވެ. އަނެއްކާ ވެސް އަހަރެންގެ މޭގައި ބޯ އަޅައިގެން އޮވެ ރޮމުން ދިޔައެވެ. ކުއްލިއަކަށް މަންމަގެ އަޑު ފަނޑުވިއެވެ.
"ދަރިފުޅާ... ދަރިފުޅާ" ގަދަކަމުން ކަހަލަ ގޮތަކަށް މަންމަ ބުނެލިއެވެ.
"ކިހިނެއްވީ މަންމާ؟" އަހަންނަށް ވެސް ރޮވޭ ގޮތް ވިއެވެ.
"ކީއްވެ މަންމައަށް އިހުސާސްކޮށްދިނީ. މަންމަގެ ނިކަމެތި ހާލު މަންމައަށް ބުނެދިނީ ކީއްވެ؟" މަންމަ ކުރާން ފެށީ ޝަކުވާތަކެކެވެ. "ކީއްވެ މަންމައަކީ އެހާ ދަށް މީހެއް ކަން މަންމައަށް ވިސްނައިދިނީ"
"އަހަރެން ނުބުނަން އެހެންނެއް" އަހަރެންގެ ޅަ ސިކުނޑިއަކަށް އަސްލު މަންޒަރެއް ސިފައެއް ނުވެއެވެ.

"މަންމައަކީ ނިކަމެއްޗެއް ނޫން. މަންމައަކީ ފަގީރެއް ނޫން. މަންމައަކީ ހިތްހަމަ ޖެހިގެން އުޅޭ މީހެއް. މަންމަގެ އެއްވެސް ޝަކުވާއެއް ނެތް. މަންމައަކީ މަންމައަށް މަތި ކުރެވިފައިވާ ޒިންމާތަކަށް ރައްކާތެރިވެވޭތޯ ގަދަ އަޅާ މަސައްކަތް ކުރާ މީހެއް" ހުއްޓަމުން ހުއްޓަމުން މަންމަ ވާހަކަދެއްކިއެވެ. "ކޮންމެ ހާލެއްގައި ވެސް މަންމަ މި ގުރުބާން ވަނީ މަންމަގެ ދަރީންނަށް ޓަކައި. މަންމަގެ ބަނޑުން ތިން އަންހެން ދަރީން އުފަންވީތީ އެ ދަރީންނަށް ޓަކައި. އެ ތިބީ ދެ ދައްތައިން ފުރިހަމައަށް ތަރުބިއްޔަތު ކޮށްފަ. ދެން ހުރީ ދަރިފުޅު އެކަނި. މަންމައަށް ތިން ދަރީން އެއްފަހަރާ ބެލުމަށް ވުރެ ދަރިފުޅު ބަލާން ފަސޭހަވާނެ. ދަރިފުޅު ވެސް ތި ހުރީ ބޮޑުވަންވެފަ. އޯލެވެލް ނިންމާ ހަރުދަނާ މީހަކަށް ވީމަ މަންމަގެ މި މަސައްކަތް ފުރިހަމަވީ"
އެ ދުވަސް ނިމިގެން ދިޔައީ މަންމަގެ ކަރުނުތަކުން އަހަރެންގެ ހިތް ވެސް ރޮއްވާފައެވެ. މަންމަގެ އުއްމީދުތަކާއި މަންމަގެ ތަސައްވަރާ މެދު އަހަރެންގެ ހިތުގައި އުއްމީދީ ހުޅު ކޮޅެއް ވެސް ދިއްލާފައެވެ.

ދުވަސްތައް ޒަމާނުގެ ތެރެއަށް ފޭދެމުން ދިޔައެވެ. ޒަމާނުގެ ހުޅި ނަގައި ރާޅުތައް އަމާޒު ހިފައިފައި ހުރީ އަހަންނަށް އެންމެ މުހިއްމު ދުވަސްކޮޅަށެވެ. އޯލެވެލްގެ ވަރުގަދަ ވިލާގަނޑު ބޮލަށް ލައިގެން އަހަރެންގެ ހުރިހާކަމެއް ތަރުތީބުކުރަމުން ދިޔަ ދުވަސްވަރެވެ. މަންމަ ވެސް އޭރު ރަށުގެ އިންޖީނުގޭ ވަޒީފާގައި އުޅޭތާ ތިން މަސް ހަމަވަނީއެވެ. ވަޒީފާއަށް ދާން ފެށިފަހުން މަންމަގެ ހަރަކާތްތައް އާދަޔާ ޚިލާފަށް އަވަސްކަން ފާހަގަވެއެވެ. ކުރިއަށް ވުރެ މީހާ ތާޒާވެ، ހިތްހަމަ ޖެހިފައި ހުންނަ ކަމުގެ އިހުސާސް ވެސް ކުރެވެމުން ދިޔައެވެ. މަންމަގެ ފަރިކަން ހާމަވާން ފެށިކަން ވެސް އަހަންނަށް ފާހަގަވިއެވެ. މައްސަލައެއް ފުންމާލީ އަހަރެންގެ ހިތަކުން ނޫނެވެ. މައްސަލަތައް ފުންމަން ފެށީ ބައްޕަގެ ބޮލަށެވެ.

"ފާތުމާ މިހާރު ބުނެފިން ވަޒީފާއަކީ އިންޖީނުގެއަށް ދިޔުމޭ. އަހަރެން ފާތުމަ އިންޖީނުގެއަށް ވަޒީފާއަށް ފޮނުވީ ހޮޓާތަކުގެ ކޮފީގެ ރަހަ ބަލާކަށް ނޫން" ރުޅިއައިސް ފުފިފައިވާ ބައްޕަގެ މޫނު ފެނިފައި އަހަރެން ވެސް ބިރުގަތެވެ.
"ކިހިނެއްވީ؟" ނިޔަނެތި ރާގެއްގައި މަންމަ ބުނެލިއެވެ.
"އަދި މަ ކުރިމަތީ ޒުވާބު ކުރަން އެބަ ވިސްނައެއްނު. މި ބުނީ ކަލޭ އެ ހަސަންމަނިކުމެން ގުރޫޕާއެކު ތިއްތި ދެއްކެން ހޮޓާތަކަށް ދާވާހަކަ" ބައްޕަގެ ރުޅިގަނޑު އިތުރުވަމުން ދިޔައެވެ. "މުޅި ރަށުތެރޭގައި އެ ވާހަކަ. ދެ މީހަކު އެއްވެއްޖެނަމަ ޔޫސުފުގެ އަނބި ފާތުމަ މިވެނި ހޮޓަލެއްގަ. އެވެނި ހޮޓަލެއްގަ. މަށަށް ކިހާ ރީތި"
މަންމަ އަނގައި ވެސް ނުބުނެއެވެ. މަންމަގެ ސަމާލުކަން ހުއްޓިފައިވަނީ ހުދުހަމުގެ މެދުން އެމުނެމުން ވެށެމުންދާ ރޯނާ ދިމާއަށެވެ. އަހަރެން އިނީ މަންމަ ވަށައިފައިވާ ރޯނުތަކުން ރޯނު ބޮނޑިއަށް ބައިކޮށްދޭށެވެ.
"ފާތުމައަށް އަޑު އިވޭހޭ މިދައްކާ ވާހަކައެއް؟" ބައްޕަ ފުންމައިގަތީ މަންމައާ ދިމާއަށެވެ. "މަ ދައްކާ ވާހަކަ އަޑު ނީވެންޏާ މަށަށް ވެސް ގޮތް ދެއްކިދާނެ"

ބައްޕަ ރުޅި ކޮންޓުރޯލުން ނެއްޓުނެވެ. މަންމަ ރޯށުވަށަން ބިމަށް ހަރައިފައިވާ ކަނި ނަގައި ހޫރައިލިއެވެ. މަންމަ ވަށަމުން ދިޔަ ރޯނުތައް ނަގައި އުކައިލިއެވެ. މަންމައަށް ލިބުނު ސިހުމާއެކު މަންމަ ވެސް ކޮޅަށް ތެދުވެ ފަހަތަށް ޖެހިލިއެވެ. ބިރުން ވިރިވިރި ހުރެއެވެ. އަހަންނަށް ވެސް ވީ އެވަރެވެ.

"އަހަރެން މި އަހަނީ ފާތުމަ ހޮޓަލަށް ދިޔައިންހޭ؟" މަންމަގެ ކޯތާފަތަށް ބައްޕަގެ ދެ އިނގިލިން ފިތައިލިއެވެ.
"އާނ ދިޔައިން" އަތުންނާއި ބޮލުގެ ހަރަކާތާއެކު މަންމަންއަށް ބުނެވުނީ އެވަރަށެވެ.
"އޭނ ދިޔައީމޭ. ކަލޭ ހީކުރީ ކަލޭ ބޭނުންހާ ތަނަކަށް ދެވޭނެ ކަމަށްތަ؟ އަހަރެން ކަލޭއަށް އޮފީހަށްދާން ހުއްދަ ދިނީ ހޮޓާތަކުން ކޮފީބޮއެ ހިލޭމީހުންނަށް ކަޅުހެދުމުގެ ދަޅަދައްކަންތަ؟" މަންމަގެ އިސްތަށިގަނޑު ބައްޕަގެ އަތަށް އޮޅައިލިއެވެ. "ކަލޭ އެތަނަށް ފޮނުވަނީ ލާރި ހޯދަން. ލާރި ބޭނުންވާތީ"

މަންމަގެ އިސްތަށިގަނޑަށް ތަދުވާތީ ތެޅެން ފެށިއެވެ. ދެ ފަހަރަކު ބައްޕަގެ އަތުގައި ހިފައިލިއެވެ. ބައްޕަ ގާތަށް އައި ރުޅީގައި މަންމަ ކޮށްޕާލިއެވެ. ނުވިސްނާ ހުއްޓާ ބައްޕަ ކޮށްޕާލުމުން މަންމަ ބިންމައްޗަށް ވެއްޓުނެވެ. ބާރުބާރަށެވެ. މަންމަގެ މޫނު ޖެހުނީ ބިންގަނޑުގައެވެ. ޖެހުނުހެން ހީނުވެ މަންމަ ބޯ ހިއްލައިލިއެވެ. މަޑުމަޑުންނެވެ. އަހަންނަށް އެ މަންޒަރު ފެންނަމުން ދިޔައީ ރޯލް ލަސްވެފައިވާ ފިލްމެއް ފަދައިންނެވެ.

އަހަންނަށް ރޮވެން ފެށުނެވެ. މަންމަ ބަލައިލީ އަހަންނާ ދިމާއަށެވެ. އެމޫނު މަތީގައި ވަނީ ހިރަފުހާއި ކަޅުވެއްޔެވެ. މަންމަގެ މޫނަށް ބަލައިލެވުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އޭރު މަންމަގެ މޫނުމަތިން ދެ ތަނަކުން ލޭ ހިލެމުން ދިޔައެވެ. މަތީ ތުންފަތާއި ތިރީ ތުންފަތާ ދިމާއިން ލޭތައް ބޮކި ޖަހަމުން ދިޔައެވެ. ހިރަފުސްތަކާއެކު ކަޅު ލޭތަކުން މޫނުގެ ސިފަބަދަލުވަމުން ދިޔައެވެ. މަންމަ ވެއްޓި ޖެހުނު ގޮތުން ދަތްޕިލަ ތުންފަތަށް ވަނީއެވެ. ބަލަން ނުހުރެ އަހަންނަށް ދުއްވައި ގަނެވުނެވެ. އޭރު ވެސް ބައްޕަގެ ރުޅި މައިތިރިއެއް ނުވެއެވެ. އެންމެ ފަހުން އަހަރެން ގޮސް މަންމަގެ ގައިގައި އޮޅުލައި ގަތީމެވެ. ބައްޕަ އައިސް އަހަރެން ދުރަށް ކޮށްޕާލިއެވެ. އަހަރެން ވެސް އިދިފުށަށް ވެއްޓުނެވެ. ޖެހުނު ގޮތުން އުނަގަނޑަށް ތަދެއް އިހުސާސްވިއެވެ. އެއަށް ވުރެ ބޮޑަށް އަހަންނަށް ކަންބޮޑު ވެވުނީ މަންމައާ މެދުގައެވެ. މަންމަގެ ހާލާ މެދުގައެވެ.

އޭރު ވެސް ބައްޕައަށް ނުފުދިގެން މަންމައާ ކުރިމަތި ލަނީއެވެ. ކުއްލިއަކަށް ބޮލު ތެރެއަށް މޮޅު ހިޔާލެއް ފުންމައިލިއެވެ.
"ނަމަ ނަމަ މި ތަށްޓަށް ގެއްލުމެއް ނުދޭތި" ސިކުނޑީގައި ކުޅެލީ ކުރީން ދުވަހު މަންމަ ބުނެލި ޖުމުލައެކެވެ.
ދުވެފައި ގޮސް ބަދިގެއަށް ވަނީމެވެ. ބަދިގެއަށް ވަދެ ދެ ތިން ތަށި ހިފައިގެން އައިސް ގޭގެ ބޭރު ފާރާ ދިމާއަށް ހޫރައިލީމެވެ. ފާރުގައި ތަށި ޖެހުނު އަޑަށް ބައްޕަ ހިމޭންވިއެވެ. މަންމަގެ ގައިން އަތްދޫކޮށްލުމަށް ފަހު އަހަންނާ ދިމާއަށް ބަލައިލިއެވެ.
"ހުއްޓާ ނުލަންޏާ ހުރިހާ ތަށްޓެއް ތަޅާނަން. ފޮށި ވެސް ހަލާކު ކުރާނަން" އަހަރެން ވެސް ހުރީ ހަމައިން ނައްޓާފައެވެ. "މަންމައަށް އަނިޔާ ކުރާކަށް ނުޖެހޭނެ. މަންމައަށް އަނިޔާ ކުރުން ހުއްޓާ ނުލަންޏާ މި ހުރިހާ ތަށްޓެއް ތަޅާނަން"
ކުއްލިއަކަށް ބައްޕަ ދުއްވާ ގަތީ އަހަންނާ ދިމާއަށެވެ. އޭރު އަހަރެންގެ އަތަށް ހެޔޮ ކޮށްލާ އެއްލަން ތައްޔާރުކޮށްގެން ހުރީ ބައްޕަ އެންމެ ގަޔާވާ ބަތްކައި ތަށްޓެވެ.
"ނޫން. ނޫން ތި އަށް ގެއްލުމެއް ނުދޭތި. ތިކަހަލަ ތަށްޓެއް ދެން ނުވެސް ލިބޭނެ. ތި ނޭއްލާ" ބައްޕަ އަހަންނާ ދިމާއަށް އެނބުރިލިއެވެ.
"މަންމަ ނަގައި މަންމަގެ ގައިން ވެލި ފޮޅާ. މަންމަގެ މޫނުގައި ހުރި ލޭތައް ފޮޅާ. ލޭތައް ސާފުކުރޭ" އަހަރެން އަމުރުކުރީ ބައްޕައަށެވެ. "އެހެންނޫނީ މި ތަށީގެ ދުވަސްދާނެ"

ކުއްލިއަކަށް ބައްޕަގެ މިޒާޖަށް އައިބަދަލު ފެނިފައި އަހަންނަށް ހައިރާންކަން ލިބުނެވެ. އެހާ ރުޅި ގަދަވެ އަނިޔާވެރިކަން އިސްކުރި މީހަކަށް ކުއްލި ބަދަލެއް އައީމައެވެ. އަހަރެން ބޭނުންވީ އަތުގައި އޮތް ތަށިން މަންމައަށް ހިމާޔަތް ހޯދާ ދޭށެވެ. މަންމަގެ ހައްގު މަގާމު މަންމައަށް ހޯދައިދޭށެވެ. އެކަން ވެދާނެތޯ ހިތުގައި ސުވާލު ވެސް އުފެދެމުން ދިޔައެވެ. ބޭނުންވަނީ މި ތަޖުރިބާ ވެސް ކުރާށެވެ. މިކަން ވެސް ދެނެގަންނާށެވެ.

އެ ދުވަހުގެ ހުރިހާ މަންޒަރު ތަކެއް ނިމިގެން ދިޔައީ އަހަރެން ބޭނުންވި ގޮތަށެވެ. ގަދަފަދަ ކަނޑުގެ ރާޅު ބާނިތަކަށް ނިމުން އައީ އަހަންނަށް ކޮށްލެވުނު ގޮތް ނޭނގޭ ހަރަކާތް ތަކަކުންނެވެ. މަންމަ ޒަހަމު ވެފައިވާ ތަންތަނުގައި ބޭސް އަޅައިދީ، މަލަން އަޅައިދީ ތަށިން ބިރު ދައްކައިގެންނެވެ. އައްޑަނައަކަށް ބަތްކައި ތަށްޓެއް ހަދައިގެންނެވެ. މިއީ ކިހައި އަޖައިބު ކުރުވަނިވި ކަމެއް ހެއްޔެވެ؟ މި ކުރެވުނީ މުޅީން ތަފާތު ތަޖުރިބާއެކެވެ. މިއީ ގަބޫލުކުރާން ވެސް ދަތި ކަމެކެވެ. އެހެނަސް މިއީ ހަމަ ހަގީގަތެވެ.

(ނުނިމޭ)
ހިޔާލު

ހާދަ މޮޅޭ

ހާދަ ސަޅިއޭ

ދަރިވަރަކީމެވެ.

މި ވާހަކަ އަކީ ވެސް ވ.ރީތި ވާހަކައެއް....
ވ.އުފާވެ ސަރ ގެ ވާހަކަތައް ކިޔާލަން ލިބޭތީ..😊😊😊