Mi mahuge 31 inn feshigen vakin cigarette nuvihkeyne
image
ސިނގިރޭޓުތަކެއް--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

މިމަހުގެ 31 އިން ފެށިގެން ވަކިން ސިނގިރޭޓު ނުވިއްކޭނެ

މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް ނުވިއްކޭ ގޮތަށް ގަވާއިދު އެކުލަވާލާފައިވާތީ އެކަމާއި ގުޅޭ މައުލޫމާތު ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓުތަކުގެ ވެރިފަރާތްތަކަށް ހިއްސާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ ހެނދުނު 10:00 އިން 11:00 އަށް ވަކިން ސިނގިރޭޓް ނުވިއްކޭ ގޮތަށް ގަވާއިދު އެކުލަވާލާފައިވާތީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރުން ރޯޝަނީ ބިލްޑިންގެ އަށް ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޗްޕީއޭއަށް ގުޅައި ނަން ނޯޓު ކުރުމަށް ވެސް އިއުލާނުގައި އެދެއެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" އަށް މިމަހުގެ 31 ގައި އަމަލުކުރަން ފަށާއިރު ވަކިން ސިނގިރޭޓް ނުވިއްކުމުގެ އިތުރުން ދުންފަތާއި ބެހޭ އިތުރު ކަންތައްތަކެއް ތަންފީޒް ކުރަން ޖެހެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެކުލަވައިލި، ގަވައިދުގައި ބުނެފައިވާ ގޮތުން ވަކިން ސިނގިރޭޓް ވިއްކުން މަނާވުމުގެ އިތުރުން 31 މެއިގެ ފަހުން ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ވިއްކޭނީ ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމަނައިގެންނެވެ. އަދި އެ ފޮޓޯ ނުވަތަ މަންޒަރާއި އެކު އިންޒާރުގެ ނޯޓިސް ވެސް ލިޔެގެންނެވެ.

މިހާރު އަމަލުކުރަމުންދާ ގަވާއިދުގައިވާ ގޮތުން އިންޒާރުގެ ނޯޓިސް ހަމައެކަނި ދިވެހިބަހުން ލޭބަލް ކުރުމުން ފުދެއެވެ. އެއާއިއެކު ފޮޓޯ ނުވަތަ މަންޒަރު ހިމެނުން ލާޒިމެއް ނުކުރެއެވެ.

އަލަށް އަމަލުކުރަން ފަށައި ގަވާއިދު ބުނާ ގޮތުން ސިނގިރޭޓް ފޮއްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ވެގެން ނުވާނެއެެވެ.

ސިނގިރޭޓްގެ އިތުރުން ބިޑި ވެސް ބަންދުކޮށްފައި ހުންނަން ވާނީ ޕެކެޓެއްގައި މަދުވެގެން 50 ބިޑިއަށް ވުރެ މަދުނުވާ ގޮތަށް ކަމަށާއި ބިޑި ގޮށި ހުންނަން ވާނީ އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށްވެސް އާ ގަވާއިދުގައި ބުނެއެވެ. އަދި ސިނގިރޭޓާއި ބިޑީގެ އިތުރުން ދުންފަތް ޕެކެޓް ކޮށްފައި ހުންނަންވާނީ ޕެކެޓެއްގައި މަދުވެގެން 30 ގުރާމަށްވުރެ މަދުނުވާ ގޮތަށް ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

އަލަށް އަމަލުކުރަން ފަށާ ގަވާއިދާ ފުރަތަމަ ފަހަރަށް ހިލާފުވެއްޖެ ނަމަ އެ މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ދެ ވަނަ ފަހަރަށް އިތުރަށް 5000 ރުފިޔާ ތިން ވަނަ ފަހަރަށް އިތުރަށް 10000 ރުފިޔާ އަދި ހަތަރު ވަނަ ފަހަރަށް 20000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.
ހިޔާލު

ކަލޯ

ވިއްކާނެ ، ނުހުއްޓުވޭނެ ، އެއްކަމެއްވެސް ނުކުރެވޭނެ.

ާއިލްމުވެރިޔާ

ޥޯކެށް ނުކުރާނެ ތިޔެށް، ފެގުވިއްކުމުގެ ވަގު މާރުކޭޓެށް ހުޅުވިގެންދާނެ