Mas market: Bodethi farumas gina, aguves dhashah
image
މިއަދު މަސްމާރުކޭޓްގައި ވިއްކަން ބަހައްޓާފައިހުރި ފަރުމަސްތަކެއް --- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

މަސް މާރުކޭޓް: ބޮޑެތި ފަރުމަސް ގިނަވެ، ފަރުމަހުގެ އަގު ދަށަށް

މި ރޯދަމަހުގެ އެހެން ދުވަސް ދުވަހާ އަޅާބަލާއިރު، މިއަދު މަސްމާރުކޭޓުގައި އަގުތަކުގެ މާބޮޑު ތަފާތެއް ނެތް ނަމަވެސް ފަރުމަސް ގިނަވެފައި، އަގުތައް ވެސް ކުރިއަށްވުރެ ހެޔޮވެއްޖެ އެވެ.
މިއަދު ފަރުމަހުގެ އަގުތަކަށް ބަލާއިރު، އެންމެ އަގު ބޮޑުކޮށް ހުރީ ބޮޑެތި ރަތް މަހެވެ. ބޮޑު ރަތްމަހެއް 300ރ އަށް ލިބޭއިރު، އާދައިގެ ވަރެއްގެ ރަތްމަހެއް 80ރ އާދެމެދުގެ އަގުތަކުގައި ލިބެއެވެ. ބޮޑެތި ގިއުޅާއި ފިލޮޅު އުޅެނީ 200ރ އަށެވެ.

ފިލޮޅާއި ގިޔުޅު 50ރ އާއި 200ރ އާދެމެދުގެ އަގުތަކުގައި ލިބޭއިރު މާނިޔާ މަހާއި އެކި ވައްތަރުގެ ފަރުމަސް 30ރ އާއި 100ރ އާމެދުގެ އަގުތަކުގައި ލިބެން އެބަ ހުއްޓެވެ.

މި ރޯދަމަސް ދެބައިވާއިރު، މަސްމާރުކޭޓުގައި، ކަޅުބިލަމަހާއި (ކަނޑުމަސް)، ކަންނެލީގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިއަދުވެސް ކަނޑުމަސް ކިލޯއެއް 30ރ އަށް ލިބޭއިރު ކަންނެލި ކިލޯއެއް 30ރ އާއި 35ރ އަށް ލިބެއެވެ.

މި ރޯދަމަހު މިހާތަނަށް މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ވިއްކާފައިވަނީ 30ރ އާއި 35ރ އަށެވެ. ކަންނެލި ކިލޯއެއް 30ރ އާއި 40ރ އަށް ވިއްކާފައި ވެއެވެ.

މަސްމާރުކޭޓުގައި ކަނޑުމަހާއި ކަންނެލި، އެވްރެޖްކޮށް ކިލޯއެއް އުޅެނީ 35ރ އަށެވެ. މި ރޯދަމަހު ކަނޑުމަހަށްވުރެ ކަންނެލީގެ އަގު ބޮޑެވެ. އާންމުކޮށް، ކަނޑުމަހަކީ ކަންނެއްޔަށްވުރެ އަގު ބޮޑުކޮށް ވިއްކާ މަހެކެވެ.

ނަމަވެސް މި ރޯދަމަހު މާރުކޭޓުގައި ކަނޑުމަހަށްވުރެ ކަންނެލި ކިލޯއަކުން 5ރ ބޮޑެވެ. ބައެއް ދުވަސް ދުވަހު ކަނޑުމަހާއި ކަންނެލި އެއް އަގެއްގައި ވެސް ވިއްކާފައި ވެއެވެ.

ގިނަ ރޯދަމަސްމަހު ކަނޑުމަހާއި ފަރުމަހުގެ އަގުތައް ވަރަށް ބޮޑަށް ތަފާތުވެ، ވަރަށް ބޮޑަށް އަގުތައް އުފުލޭތަން ފެނެއެވެ. ނަމަވެސް މިރޯދަމަހު މަހުގެ ބާވަތްތައް އެއް އަގެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
ހިޔާލު