Reserve dhahvee currency swap ah faisaa dhehkumun: MMA
image
މަރުކަޒީ ބޭންކް، އެމްއެމްއޭ.-- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

ރިޒާވް ދަށްވީ ކަރަންސީ ސްވޮޕަށް ފައިސާ ދެއްކުމުން: އެމްއެމްއޭ

ރާއްޖޭގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވަށް އެއް މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވަނީ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕްގެ ދަށުން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރު ދެއްކުމުން ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
މީގެ ކުރިންކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ދޫކުރާ 200 މިލިޔަން ޑޮލަރު، ރައީސް އިބްރާހިމް މުހައްމަސު ސޯލިހު މަގާމާއި ހަވާލުވުމަށް ފަހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގެން، ދެ ގައުމުން މަޝްވަރާ ކޮށްގެން ވަނީ 400 މިލިޔަން ޑޮލަރަށް އިތުރު ކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާރްބީއައި އަށް ފައިސާ ދެއްކުމުގެ ކުރިން، ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި 938 މިލިޔަން ޑޮލަރު ހުއްޓެވެ. ނަމަވެސް މާޗް މަހު އެ އަދަދު ވަނީ 17 ޕަސެންޓް ދަށްވެ، 776 މިލިޔަން ޑޮލަރަށް ވެއްޓިފަ އެވެ. އެހެންކަމުން އެއް މަސް ތެރޭގައި ރިޒާވުން 162 މިލިޔަން ޑޮލަރު މަދުވެފައި ވެއެވެ.

އެމްއެމްއޭ އިން ބުނީ ރިޒާވަށް އެފަދަ ބަދަލުތައް އައުމަކީ އާންމުކޮށް ވެސް އަންނާނެ ބަދަލުތަކެވެ. އެގޮތުން ކަރަންސީ ސްވޮޕަށް ފައިސާ ދެއްކުމުގެ އިތުރުން ބޭންކުތަކުން ހިންގާފައިވާ މުއާމަލާތްތަކުގެ އިތުރުން އާންމުންނަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އަދި ސަރުކާރުގެ ހަރަދުތަކަށް ބަލާއިރު ރިޒާވަށް އެފަދަ ބަދަލުތައް އަންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވްގެ އިތުރުން ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ދައުލަތުގެ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ވަނީ 252 މިލިޔަން ޑޮލަރަށް ދަށްވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން މާޗް މަހާއި ހަމަ އަށް ޔޫޒަބަލް ރިޒާވުން ވަނީ 66 މިލިޔަން ޑޮލަރު މަދުވެފަ އެވެ. އެގޮތުން މާޗް މަހު އެ ރިޒާވުގައި 318 މިލިޔަން ޑޮލަރު ހުރި އިރު، ފެބްރުއަރީގައި އެ އަދަދު ހުރީ 295 މިލިޔަން ޑޮލަރެވެ. އަދި މާޗް މަސް ނިމުނު އިރު އެ އަދަދު އިތުރަށް ދަށްވެ، 252 މިލިޔަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.
ހިޔާލު

ކުމް

ކޮންމެވެސް އެއްޗެކޭ ކިޔަން ޖެހޭނެ އޭރުންތާ ރަގަޅުވާނި