ލަންކާ ހަމަލާ: ރާއްޖޭގެ ސުލްހައަށް ސަރަހައްދީ ސުލްހަ މުހިއްމު ކަމުގެ ހެއްކެއް
image
ލަންކާ ސިފައިންތަކެއް ހަތިޔާރާއެކު ހަރަކާތްތެރިވަނީ---
ސާޔާ އަހްމަދު
0 ކޮމެންޓް
 

ލަންކާ ހަމަލާ: ރާއްޖޭގެ ސުލްހައަށް ދެކުނު އޭޝިއާ އަދި އިންޑިއާ ކަނޑުގެ ސުލްހަ މުހިއްމުކަމުގެ ހެއްކެއް

ބޭރު ގައުމެއްގައި ދޭ ހަމަލާއެއް ނުވަތަ ހިނގާ ދާހިލީ ހަމަނުޖެހުންތަކެއްގެ ސީދާ އަސަރު ރާއްޖެއަށް ކުރަނީ މަދު ފަހަރަކު އެވެ. އެކަމަކު އަވައްޓެރި ސްރީލަންކާގައި އޭޕްރިލް 21 ވަނަ ދުވަހު ދިން ހަމަލާ އާއި އޭގެ ފަހުން ހިނގަމުންދާ ކަންކަމުން ރާއްޖެއަށް ރެކެވޭކަށް ނެތެވެ.
"އީސްޓަ ސަންޑޭ (ނަސާރާ ދީނުގައި ފާހަގަކުރާ ދުވަހެއް) ގައި ޓެރަރިސްޓުން އަވައްޓެރި ސްރީލަންކާގައި ބޮން ގޮއްވާ އެތައް ބަޔަކު މަރައިފި. ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފި. ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާ އިން އެޑްވައިޒަރީ ނެރެފި! އެކަމަކު ރާއްޖޭގެ ސުލްހަ އާއި ސަލާމަތާއި ކުރިއެރުން ބިނާވަނީ ސަރަހައްދުގެ ސުލްހައިގެ މައްޗަށް ކަމަށް ގަބޫލު ކުރަން ބޭނުން ނުވާ ބަޔަކު އަދިވެސް އެބަ އުޅޭ،" ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މޭ 3 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވެއެވެ.

ލަންކާގައި ދިން ހަމަލާތަކުގައި 250 އެތައް ބަޔަކު މަރުވެ، 500 އެތައް ބަޔަކަށް ބޮޑެތި އަނިޔާވި އެވެ. އެކަމުގެ ހިތާމަ ދިވެހިންވެސް ކުރި އެވެ. އެކަމަކު އޭގެ ސީދާ އަސަރު ދިވެހިންނަށް ކުރަން ފެށި ހިސާބަކީ ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ހިންގާ ސަލާމަތީ އޮޕަރޭޝަން ފެށި ހިސާބުންނެވެ.

އެ އޮޕަރޭޝަނުގައި އަށް ދިވެހިން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ކުރިން ދޫކުރި އިރު، އިއްޔެ ވަނީ އިތުރު ދެ ދިވެއްސަކު ދޫކޮށްފަ އެވެ. އެކަމަކު އަދިވެސް ތިން ދިވެއްސަކު ތިބީ ބަންދުގަ އެވެ. އެއަށްވުރެ ބޮޑަށް ފާހަގަވި ކަމަކީ ލަންކާގައި 15،000 ދިވެހިން އުޅޭއިރު ގިނަ ބައެއްގެ އަތުގައި ވިސާ ނެތް ކަމެވެ.

ހައްޔަރު ކުރި ދިވެހިން ދޫކުރުން

ހައްޔަރު ކުރި ދިވެހިންގެ ތެރެއިން ފުރަތަމަ ދެ މީހުން މިނިވަން ކުރީ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީގެ މަސައްކަތުންނެވެ. އައިއެސް ފޮތާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުން މިނިވަން ކުރަން ވެސް ސަރުކާރުން ބުރަކޮށް މަސައްކަތް ކުރި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އިއްޔެ އެދެމީހުން މިނިވަން ކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންކާގެ ފޮރިން މިނިސްޓަރު ތިލަކް މަރަޕަނަ އަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަތަކަށް ފަހު ކަމަށެވެ.

ވިސާ ނެތް ދިވެހިންގެ މައްސަލަ ހައްލު ކުރުން

ވިސާ ނެތި ލަންކާގައި އުޅެމުންދާ ދިވެހިންގެ ކަންކަން ވެސް ފޮރިން މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. ޝާހިދާއި މަރަޕަނަ ފޯނުން ދެއްކެވި ވާހަކައިގައި ވިސާ ނެތް ދިވެހިންގެ މައްސަލަ ހައްލު ކުރުމާ މެދުވެސް މަޝްވަރާ ކުރެއްވި އެވެ. އެކަމަކު އެ މައްސަލަ އަށް އަދި ހައްލެއް ނުލިބެ އެވެ.

ކުރިން ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ވިސާ ހަމަވެފައި ތިބި ދިވެހިން ރާއްޖެ ނައިސް ލަންކާގައި ތިބެގެން ވިސާ އާކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އޭގެ ތެރޭގައި ވިސާ ހަމަވިތާ އެއް އަހަރު އަދި ދެ އަހަރު ވެފައިވާ މީހުން ވެސް ހިމެނެ އެވެ.

ލަންކާ މަގުން ދިވެހިން ސީރިއާއަށް ދާ ކަމުގެ ތުހުމަތު

ލަންކާ މަގުން ދިވެހިން ސީރިއާއަށްދާ ކަމަށް ބުނެ ވާހަކަތަކެއް ދައްކަވާފައި ވަނީ ލަންކާ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކެ އެވެ. އެކަމާ ގުޅޭ ގޮތުން ވެސް ޝާހިދު ވަނީ މަރަޕަނަ އާ ވާހަކަދައްކަވާފަ އެވެ. ދިވެހި ސަރުކާރުން ވަނީ އެ ތުހުމަތުތައް ސާފުކޮށްދިނުމަށް ވެސް ލަންކާގައި އެދިފަ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ދިވެހިންގެ ބައިވެރިވުމެއް ލަންކާ ހަމަލާގައި އޮތް ކަމުގެ އެއްވެސް ހެއްކެއް ނެތްއިރު، ހަގީގަތް އޮޅޭ ގޮތަށް ވާހަކަދެއްކެވުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ވާހަކަތަކަކީ ނަފުރަތު އުފެދުމުގެ ފުރުސަތު ފަހިވެގެންދާ ވާހަކަތަކެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ސަރަހައްދުގެ އަމަންއަމާންކަން ދެމެހެއްޓުން

ލަންކާ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުން އޭގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަން ސާފެވެ. އެކަމުން އެނގެނީ ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހައަށް ސަރަހައްދުގެ އަމަންއަމާންކަމާއި ސުލްހަ މުހިއްމު ކަމެވެ. އެ ސަބަބަށްޓަކައި ސަރަހައްދުގެ ގައުމުތަކާއެކު ރަނގަޅު ގުޅުމެއް އޮންނަން ޖެހެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދިވެހި ސަރުކާރުން ފުރިހަމަ އަށް ބައިވެރިވާނެ ކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ލަންކާ އަށް ދީފަ އެވެ. ދާދި ފަހުން އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި މާރިޔާ ވެސް އެކަން ފާހަގަކުރެއްވި އެވެ.

"ހައްދުފަހަނަ އަޅާފައިވާ ފިކުރުތަކާއި އޭގެން ނިކުންނަ ޓެރަރިޒަމުގެ ބިރުވެރިވެރިކަން މި ސަރަހައްދުގައި ފެތުރުމަކީ ސަރަހައްދީ ގުޅުން ވަރުގަދަ ކުރަން ޖެހޭ ސަބަބެއް. މި ބިރުވެރިކަމުން ސްޕިލް-އޯވާ އިފެކްޓެއް (އެއް ގައުމެއްގައި ހިނގާ ކަންތަކުގެ އަސަރު އަނެއް ގައުމަށް ކުރުން) އަންނާނެ،" މާރިޔާ ވިދާޅުވި އެވެ.

"އެހެންވެ، ސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން މިއޮތީ ބޮޑުވެފައި. ގުޅިގެން ކުރާ މަސައްކަތުގެ އެންމެ ކުރީގައި ވާން ޖެހޭނީ އިންޓެލިޖެންސާއި މައުލޫމާތު ހިއްސާ ކުރުމާއި، ގުޅިގެން ތަމްރީން ހިންގުމާއި، ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އެހީވެ، ސަޕޯޓު ދިނުން،" އެކަމަނާ ފާހަގަކުރެއްވި އެވެ.
ހިޔާލު