Hamalaa akaai gulhuvaigen dhogu mauloomathu nufethurumah fuluhun ilthimaas koffi
image
ފުލުހުން މިރޭ މަގުތަކުގައި ހަރަކާތްތެރިވަނީ: ފޮޓޯ ޕޮލިސް
އަހުމަދު
0 ކޮމެންޓް
 

ހަމަލާއަކާއި ގުޅުވައިގެން ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ރާއްޖެއަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ އިތުބާރު ނުހިފޭ ދޮގު މައުލޫމާތުތައް ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންނާއި ސިފައިން މިހާރު ކުރިއަށްގެންދާ ތަމްރީންތަކާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެ ތަމްރީންތަކަކީ ޓެރަރިސްޓް ހަމަލާތަކެއްގެ އިންޒާރާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކެއްކަމަށް ބުނަމުންނެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައިވަނީ އެކަންކަން ދޮގުކޮށްފައެވެ. ފުލުހުންވަނީ އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ، ތެދުނޫން މައުލޫމާތު ނުފެތުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ މިހާރު ކުރިއަށްގެންދާ ތަމްރީންތަކަކީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން ކަމުގައެވެ.
ފުލުހުން މިފަދަ ބަޔާނެއް ނެރުނުއިރު އެމްއެންޑީއެފުންވެސްވަނީ ހަމަ މިމޭރުމުން މިރޭ ބަޔާނެއް ނެރެފައެވެ.

"މި ފަރިތަކުރުންތަކުގެ މަގްޞަދަކީ ކުއްލި ޙާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި "މަލްޓި އޭޖެންސީ ކޯރޑިނޭޝަން" ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން" ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މި ތަމްރީންތަކަކީ ފުލުހުންގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ "އޮޕަރޭޝަނަލް ރެޑީނެސް" ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ހިޔާލު