Vaahaka: Fahsi
image
ވާހަކަ: ފައްސި
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ފައްސި

ތިންވަނަ ބައި
މަންމަ ވެސް ހުރީ އެކަމާ ހައިރާން ވެފައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ބައްޕައަށް ހެޔޮ ވިސްނުން ލިބުނީތީ އަހަރެން ވަރަށް އުފާވިއެވެ. ދުވަހަކު ވެސް ނުފެންނަ ބައެއް މަންޒަރުތައް ބައްޕަގެ ފަރާތުން ފެނުމުން ހިތްހަމަ ޖެހުނެވެ.

އަހަންނަށް ރޭގަނޑު ސްކޫލަށްދާން ޖެހޭތީ މަންމައާ އެކު ބޭރަށް ނުކުތީމެވެ. އޭރު ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ.
"މަންމަ ގެއަށް ނުގޮސް މަޑުކުރަންވީނު އަހަރެން ނިމެންދެން" ސްކޫލާ ހަމައަށް ދެވުމުން އަހަރެން ހުއްޓެލީމެވެ. އަހަރެން ބޭނުންވީ މަންމަ އެކަނި ގެއަށް ފޮނުވާ ނުލާށެވެ.

ބައްޕައަކީ ހިނދުކޮޅު އަންނަ މީހަކަށްވާތީއެވެ. ހިނދުކޮޅު އަތުވެއްޖެ ނަމަ ކޮށްފަ ނުކުރާނެ ކަމެއް ވެސް ނޭނގެއެވެ. އެހައި ވެސް ރުޅި ގަދަވާނެއެވެ. ރުޅި މައިތިރި ވާނީ ގޯހުން ހޯގެއް ހެދުނީމައެވެ.

"މަންމަ މަޑުކޮށްލާނަން ދޮންތަ މެންގޭގަ. ނިމޭނީ އަށެއް ޖަހާއިރު ދޯ. އަށެއް ޖެހީމަ މަންމަ އަންނާނަން" ލޯބިން ފުރިގެންވާ ރާގަކަށް މަންމަ ބުނެލިއެވެ.

އަހަރެން ސްކޫލުގެ ދޮރާށިން އެތެރެއަށް ވަންނަންދެން މަންމަ ބަލަހައްޓައިގެން ހުއްޓެވެ. އަހަންނަށް ބަލައިލެވުނީ މަންމައާ ދިމާއަށެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ. މަންމަ ދަނީ ގެއަށްތޯއެވެ. ނޫނީ ދޮންތަގެ ގެއަށް ތޯއެވެ. މަންމަ މިސްރާބު ޖެހީ ދޮންތަމެން ގެއާ ދިމާއަށެވެ.

ގައިއެއްހާ އިރު ފަހެވެ.
"ވަރަށް މުހިއްމު މައުލޫމާތު ދިން" މަންމަގެ އަތުގައި އަހަންނަށް ހިފައިލެވުނެވެ. "ވަރަށް ގިނަ ކަންކަން ދަސްވެއްޖެ"
"ދަރިފުޅު އަތް ހާދަ ފިންޏޭ" ސްކޫލުގެ ދޮރާށިން ނުކުމެ މަންމަގެ އަތުގައި ހިފައިލުމުން އަހަންނަށް އައިސްފައިވާ ބަދަލު މަންމަ ވަޒަންކޮށްލިއެވެ.
"އެ ތަން ވަރަށް ފިނި. އޭސީ ހުރީ ވަރަށް ދަށްކޮށްފަ. އެތާނ މާ ގިނަ އިރު އިނީމަ" އަހަރެން ގަސްދުގައި އޮޅުވާލީއެވެ. "މަންމައަށް އެނގޭތަ ކޮން ވާހަކައެއްކަން މިރޭ ދެއްކީ؟"
"މަންމަތަ ކުލާހަށް ވަނީ؟" އަހަރެންގެ އަތުގައި ހިފައިގެން މަންމަ ހިނގައިގަތެވެ.
"އަސްލު ހިނގާބަލަ ގުޅަން. މަންމަ ޖެހޭނެ ވަރަށް ހިތްވަރު ކުރަން. މަންމާ ކެތްތެރިކަމަކީ ހައްލެއް ނޫނޭ" އަހަރެން ބޭނުންވީ އެ ވާހަކަދައްކާށެވެ.

"ކޮން ވާހަކައެއްތަ ތިޔަ ދައްކަނީ؟" މަންމަ ހުއްޓުނެވެ.
"މިރޭ ކުލާސް ނަގައިދިނީ ފުލުހުން. ގާނޫނަށް އަހުލުވެރި ކުރުވީނު. އާއްމުކޮށް ހިނގާ ކަންކަން ކިޔައިދިނީ" އަހަރެން މަންމައަށް އޮޅުން ފިލުވައިދިނީމެވެ. "އެކި ކަހަލަ ކުށުގެ މައުލޫމާތާ އެކަމަށް ގާނޫނުން ކަނޑައަޅާފައި ހުރި އަދަބުތައް ވެސް ކިޔައިދިން"
"ދެން ދަރިފުޅުމެން ގޯސް ކަމެއް ނުކުރީމަ އެ ނިމުނީނު. ގާނޫނުގަ ކަންކަން ލިޔެފަ ނެތީމަތަ މީހުން ގޯސް ކަންކަން ކުރަނީ؟" މަންމަ ހިނގައިގަތެވެ.
"ބައެއް މީހުންނަށް ނޭނގެނީ. ކުށެއް ކުރެވޭއިރު ވެސް. ދެން ކުށުގެ ތެރެއަށް ވަދެވިފަ ތިބޭ އިރު ވެސް" އަހަރެން ބޭނުންވާ ދިމާއަށް މައުޟޫއު އަނބުރައިލީމެވެ. "ކުށް ތަކުރާރުކުރާން މަގު ފަހި ކުރުމަކީ ވެސް ކުށަށް މީހުން އަރައިގަންނަ ސަބަބެކޯ"
"ތިބުނީ؟" މަންމައަށް ފަހުމު ނުވީ ކަމެއް ނުވަތަ ނޭނގޭ ކަމަށް ހެދީ ކަމެއް ނޭނގެއެވެ.

"މީހަކު ކުށެއް ކުރާއިރު، އެކަން ފޮރުވަން މަސައްކަތްކުރުން" އަހަރެން މަންމަގެ އަތުގައި ބާރަށް ހިފައިލީމެވެ. "މި ބުނީ އަނިޔާ ލިބޭ އިރު އަނިޔާ ފޮރުވާ ވާހަކަ"
"މިރަށުގަ އުޅޭތަ އަނިޔާ ކުރާ މީހަކު؟" މަންމަ ގާތަށް ހިނި އައެވެ.
"މަންމާ. އަނިޔާއަކީ މީހަކު މަރައިލުންތަ؟" އަހަރެން ހައިރާންވިއެވެ. "އަނިޔާގަ އެބަ ހުރި އެކި ވައްތަރު. ޖިސްމާނީ އަނިޔާ، ނަފުސާނީ އަނިޔާ ދެން ޖިންސީ އަނިޔާ ވެސް"
"ފުލުހުން އެކަހަލަ ވާހަކަ ވެސް ކުދީންނަށް ކިޔައިދޭތަ؟" މަންމަ ނުރުހުނެވެ.
"ކޮން ކަހަލަ ވާހަކައެއް؟"
"ހަޑި އެއްޗެހި" މަންމަ އަހަރެންގެ އަތުން ދޫކޮށްލިއެވެ. އޭރު އަހަރުމެންނަށް ގެއާ ހަމައަށް އާދެވުނީއެވެ.
"ހަޑިއެއްޗަކީ ކޮބައިތަ؟" އަހަންނަށް ނުވިސްނުނެވެ.
"ތި ކިޔަނީނު ޖިންސީއޭ" މަންމަ އަހަރެން މޫނަށް ބަލައިލީމެވެ.

"އާނ. މަންމައަށް ހާދަ ނޭނގެޔޭ ދޯ. މަންމާ، މި ކިޔަނީ އަނިޔާގަ ހުންނަ ވައްތަރުތައް" އަހަރެންގެ ރާގު ބަދަލުވަމުން ދިޔައެވެ. "އަނިޔާ ލިބޭނެ ގޮތްގޮތް އެ"
"ކައިގެން ނިދާނީ. މަންމަ އެބަ ބަލައިލަން ބައްޕަ ކޮބައިތޯ" ގޭތެރެއަށް ވަންނަމުން މަންމަ ބަލައިލީ މައިގެ ތެރެއަށެވެ.
"މިއަންނަނީ ޔުނީފޯމު ބަދަލުކޮށްލައިގެން. އަދި ޖެހޭ މި ވާހަކަ މަންމައަށް ކިޔައިދޭން"
އަހަރެން ޔުނީފޯމު ބަދަލުކޮށްގެން ނުކުތް އިރު މަންމަ މައިގެ ތެރޭގައި ހުރި ސޯފާގައި އިށީނދެލައިގެން އިނެވެ.
"ބައްޕައެއް ނެތް" އަހަރެން ފެނުމުން މަންމަ ހިނިތުންވެލިއެވެ. "ބައްޕަ އައީމައެއްނު ފެށޭނީ ދޯ. އެހެން ނޫނީ ތަށިތައް ހޮވާން ދެ މައިންނަށް ޖެހޭނެ ދޯ"
އަހަންނަށް ވިސްނުނީ އެއީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ވާހަކަ ދެއްކުމަށެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމުން ކޮޓަރިއާ ދިމާއަށް އަހަރެން ދިޔައީމެވެ.

"އެބަ އަންނަން" މަންމަ ސުވާލު ކުރުމުގެ ކުރީން އަހަރެން ޖަވާބު ދިނީމެވެ.
"މަންމާ މިއޮތީ ނަންބަރު ވެސް. ހިލޭ ގުޅޭނެ ނަންބަރު ވެސް މިއޮތީ. މި ނަންބަރަށް ގުޅައިގެން ރިޕޯޓު ވެސް ކުރެވޭނެ. ބޭނުމިއްޔާ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ވެސް ބެލޭނެ" އަހަރެން ސީދާ މައުޟޫއުގެ ތެރެއަށް ވަނީމެވެ.
"ތި ކިޔަނީ ކީކޭތަ އަޅެ" މަންމަ ވާނުވާ ނޭނގި އިނީއެވެ.

"މި ބުނީ އަސްލު ބައްޕަ، މަންމައަށް އެގޮތަށް ކަންތައް ކުރާތީ އެކަން ފުލުހުންނަށް ނޫނީ ޖެންޑަރއަށް ހުށަހެޅީމަ ބަލާނޭ. އަސްލު ބައްޕަ އެކުރާ ކަންކަން ވަންނާނޭ ގެވެށި އަނިޔާގެ ތެރެއަށް. މިރޭ ކިޔައިދިނީ، އަހަރުމެން އަންހެނުންނަށް ތިބެވެނީއޭ އެއީ ފިރިހެނުން ހެދިހާ ގޮތަކަށް ރުހިގެން. ރާއްޖޭގައި ވެސް މިގޮތަށް އަނިޔާ ލިބޭ އެތައް އަންހެނުންނެއް އެބަތިއްބޭ. އަންހެނުންގެ ތެރެއިން ކޮންމެ ތިން އަންހެކުން އެކަކަށް ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި ކޮންވެސް ކަހަލަ އަނިޔާއެއް ލިބެ ޔޯ. އަންހެނުން މި އަނިޔާތައް ފޮރުވައިގެން އެއީ އާއިލީ ކަމެއްގެ ގޮތުގައި ދެކިގެން ތިބޭތީއޯ މި ކަންކަން ހައްލު ނުވަނީ. ގާނޫނުގައި މިހާރު އަނިޔާ ކުރާ ފިރިންނަށް، އަނބީންނަށް ވެސް އެކަމަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައި އެބަ ހުއްޓޭ ބުނީ"

"ދަރިފުޅު ތިޔަ އުޅެނީ ބައްޕަ ޖަލަށް ނުލެވިގެންތަ؟" މަންމަ ސުވާލުގެ ނަޒަރުން އަހަރެންގެ މޫނަށް ބަލައިލިއެވެ. "ދަރިފުޅާ ދިރިއުޅުމަކީ މިކަހަލަ ކަމެކޭ. ކޮންމެ ދެމަފިރިއެއްގެ ދެމުދުގައި ވެސް މައްސަލަ ޖެހޭނެ. ނުތަނަވަސްކަން ވެސް ހުންނާނެ. އެކަންކަމަކީ ވަގުތީ ކަންކަން. ހިތްހަމަ ނުޖެހުންތައް ބޭރުކޮށްލެވުނީމަ އެހައި ހިސާބުން އެކަން ނިމުނީނު"

"މަންމައަށް އަދި ނުވިސްނެނީ" އަހަރެން ހީކުރީ މަންމަ ވެސް ބޭނުންވާނީ އަހަރެން ބޭނުންވާ ގޮތްކަމަށެވެ. ނަމަވެސް މަންމަގެ ވިސްނުން މުޅީން ތަފާތުކަން އެނގުމުން އަހަރެން ހަތިޔާރު ބެހެއްޓީމެވެ.

(ނުނިމޭ)
ހިޔާލު