Jaluthakuge library ah foiy hadhiyaa kurumuge furusathu hulhuvaalaifi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފޮތް ހަދިޔާ ކުރައްވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޖަލުތަކުގެ ލައިބްރަރީ އަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޖަލުތަކުގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލުގައެވެ. މިއަދު ހެނދުނު އެ ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި ޖަލުތަކުގެ ލައިބްރަރީ އަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމު ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ލައިބްރަރީ އަށް ފޮތް ހަދިޔާކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މައުލޫމާތާއި އިލްމު ލިބުމުގެ އެންމެ ބޮޑު އެއް ވަސީލަތަކީ ފޮތް ކިޔުން ކަމުން ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޮތް ކިޔުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފޮތްތައް ހަދިޔާ ކުރުމުން ނިމުނީ ނޫން ކަމަށާއި އެ ފޮތްތައް ގައިދީންނާއި ހަމައަށް ފޯރުކޮށްދީ ފޮތް ކިޔުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެކަމަށް ވަގުތާއި ސެކިއުރިޓީ ހަމަޖެއްސުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމު އާންމުކޮށް މި ހުޅުވާލަނީ ޖަކުތަކުގެ ލައިބްރަރީ އިތުރަށް ހަރުދަނާ ކުރުމަކީ އެކަމަށް ގިނަ ފޮތްތަކެއް ބޭނުންވާ ކަމެއް، އަޅުގަނޑު އުއްމީދު މި ކުރަނީ ހުރިހާ ޖަލުތަކެއްގައި ވެސް އެކަށީގެންވާ ލައިބްރަރީ ހުރުން،" އިމްރާން ވިދާޅުވިއެވެ.

އެކަން ކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގެ ބައިވެރިވުމާއެކު އެ ޕްރޮގްރާމު ކުރިއަށް ގެންދެވިއްޖެނަމަ ޖަލުތަކުގެ ލައިބްރަރީ އެކަށީގެންވާ ވަރަކަށް މުއްސަނދި ކުރެވިދާނެ ކަމަށެވެ.

އެ މަސައްކަތުގެ ސަބަބުން ގައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު މުޖުތަމައުގެ ތެރެއިން ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެޕްރޮގްރާމާއި ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ، ފޮތް ކިޔުމުގެ ޝައުގުވެރިކަން ޖަލުތަކުގައި އުފައްދާ، އާންމު މައުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށްދޭ މައުލޫމާތު ހުންނަ ފޮތްތައް ކިޔުމުގެ ފުރުސަތު ހޯދައި ދީގެން ކުށުގެ ވެށިން ގިނަ ރައްޔިތުންތަކެއް ދުރުކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފޮތް ހަދިޔާކުރުމުގެ ފުރުސަތު އާންމުންނާއި މުއައްސަސާތަކަށް ވެސް އޮންނާނެއެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން 15:00 އަށް އަދި 21:00 އިން 23:00 އަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ލިބިފައިވާއިރު މާދަމާ ފޮތް ހަދިޔާ ކުރެވޭނީ ހެނދުނު 9:00 އިން 15:00 އަށް އަދި 21:00 އިން 23:00 އަށެވެ. މިމަހުގެ 24 ގައި ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އޮތީ ރޭގަނޑު 21:00 އިން 23:00 އަށެވެ. އަދި 25 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 15:00 އަށް އަދި 21:00 އިން 23:00 ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ހިޔާލު