Japanun Bike Maldives ah 200 bicycle hadhiya kuran nimmaifi
image
ޖަޕާނުގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ:ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޖަޕާނުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލް ހަދިޔާކުރަނީ

ޖަޕާނުގެ "ބައިސިކަލް ޕާކިން ފެސިލިޓީޒް ޕްރޮވިޝަން ފައުންޑޭޝަން" ގެ ފަރާތުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވެއްޖެ އެވެ.
ޖަޕާނުގެ ސަފީރު އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އެބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ޖަޕާނާ ދޭތެރޭ ގާއިމުވެފައިވާ ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، އެކި ދާއިރާތަކުން ދެޤައުމުގެ ދޭތެރޭގައި ބަދަހިވެފައިވާ ގުޅުންތަކަށްވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

އެގޮތުން، ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޖަޕާނާ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އުމްރާނީ ތަރައްގީއާ އެއްވަރަށް އިޖުތިމާއީ ދުޅަހެޔޮ ކަމާއި، މުނިފޫހިފިލުވުމުގެ ދާއިރާވެސް ކުރިއަރުވަންޖެހޭކަން ޖަޕާންގެ ސަފީރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޖަޕާނުގެ "ބައިސިކަލް ޕާކިން ފެސިލިޓީޒް ޕްރޮވިޝަން ފައުންޑޭޝަން" ގެ ފަރާތުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުންވެސް އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށާއި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކަރާޓީގެ ޕްރޮގްރާމްތައް ހިންގުމަށާއި، އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް އަމާޒުކޮށްގެން ރާއްޖޭގެ ފެތުންތެރިން ތަމްރީނުކުރުމަށްވެސް ޖަޕާނުން ޝައުގުވެރިކަން ހުރިކަން ސަފީރު ހާމަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރަށާއި ދުޅަހެޔޮ ދިރިއުޅުމަށް އެކަމަނާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، ޖަޕާނު ސަރުކާރުގެ ހުށަހެޅުއްވުންތަކަށް މަރުހަބާ ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެކަން ފާހަގަ ކުރައްވައި، ހާއްސަ ގޮތެއްގައި ސްކޫލް ދަރިވަރުން ކުޅިވަރާއެކު ކުރިއަށް ދިއުމަކީ އިޖުތިމާއީ މުހިންމު ސިފަތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެކަމަނާ ތައުލީމީ ދާއިރާގައި ހޭދަ ކުރައްވާފައިވާ 20 އަހަރުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވައި، ހެދިބޮޑުވަމުން އަންނަ ކުދިންނަށް މިފަދަ ފުރުސަތުތައް ތަނަވަސްވެގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ހިޔާލު