Goiy neyngey bahyehge shikaara akah Ahmed, edhenee ehee akah
image
އަހުމަދު ސުޖާއު ޔަހްޔާ--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ޒުވާނެއްގެ އާދޭސް

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ކ. މާލެއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަހުމަދު ސުޖާއު ޔަހްޔާ ޑޮކްޓަރަށް ދައްކަން ފެށީ ގައިގެ ތަންތަން އައްސިވެ ތަފާތު އުނދަގޫތައް ކުރިމަތިވާން ފެށުމުންނެވެ. ލޭގައި އިންފެކްޝަނެއް އުފެދިފައިވާކަން އެނގުނަސް މިއަދާއި ހަމައަަށްވެސް އޭނާއަށް ޖެހިފައިވާ ބަލި ދެނެ ގަނެވިފައި ނުވާތީ އަހުމަދުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށް ވަމުންނެވެ.
ޝަރުމީލާ އާދަމް އޭނާގެ ފިރިމީހާގެ ބަލި ހާލަތު ސީއެންއެމްއަށް ކިޔައިދެމުން ބުނީ، ދުވަހެއް ދުވަހަކަށް އަހުމަދުގެ ބަލި ހާލަތު ދަށްވާތީ އޭނާއަށް މިހާރު މަސައްކަތް ވެސް ނުކުރެވޭ ކަމަށެވެ. ކުރިން އަހުމަދަކީ އެއާޕޯޓުގައި ބަސް ޑްރައިވަރެއްގެ އިތުރުން ޓެކްސީ ކުރުމުގައި ވެސް ހަރަކާތްތެރިވެ އުޅުނު މީހެކެވެ. އެކަމަކު ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށްވެ މިހާރު އޭނާ ވަޒީފާއަކަށް ނުދެއެވެ. އޮންނަން ޖެހެނީ ގޭގައެވެ.

ލޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ލިވާ ވެސް ދުޅަވެފައިވާއިރު ކިޑްނީގައި ވެސް ވަނީ ހިލަ އުފެދިފައެވެ. އަދި މޭގައި ރިއްސުމާއި ގައި އައްސިވުމުގެ އިތުރުން އަނގައިންނާއި ނޭފަތުން ލޭއައުން ފަދަ ކަންކަން ވެސް ކޮންމެ ދުވަހަކު އަހުމަދަށް ކުރިމަތިވާ ކަމަށް އޭނާގެ އަންހެނުން ބުނެއެވެ.

ޝަރުމީލާ ބުނީ، ރާއްޖޭން އަހުމަދު ބެލި ބައެއް ޑޮކްޓަރުންގެ ލަފަޔަށް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ އިންޑިއާގެ ކޮޗިންއަށް ވެސް ގޮސް އަހުމަދުގެ ބަލި ދެނެގަތުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެފަހަރު އާސަންދައިގެ ދަށުން އެކޮޅަށް ގޮސް ފަރުވާ ހޯދިނަމަވެސް ޓެސްޓުތައް ހަދައި ނަތީޖާ ނުލިބެނީސް އާސަންދަ ހުސްވެގެން އަންނަން ޖެހުނީ އަނބުރާ ރާއްޖެއަށެވެ.

"އެކޮޅުން ހެދި ބައެއް ޓެސްޓުތަކުގެ ނަތީޖާ ނުލިބޭ. އެކޮޅުން ޑޮކްޓަރުން ބުނީ ހީވަނީ ލޭގައި ނުބައި މާއްދާއެއް އެކުލެވެނީ ކަންނޭނގެއޭ. އެކަމަކު ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް އަންނަން ޖެހިފަ އަނެއްކާ ތިން މަސް ފަހުން އެކޮޅަށް ދާން ވެސް ޖެހޭ."

އެނބުރި ރާއްޖެ އައި ފަހުން މާބޮޑަށް ބޮލުގައި ރިއްސާތީ މިދިޔަ ހަފުތާގެ ތެރޭގައި އަހުމަދު ވަނީ އެމްއާރުއައި ސްކޭނެއް ވެސް ހަދާފައެވެ. އެ ސްކޭންގެ ނަތީޖާ ދައްކާ ގޮތުން އޭނާގެ ސިކުނޑީގައި ގަނޑު ލޭކޮޅެއް އެބައިނެވެ.

ރާއްޖެއިން ބޭރަށް ގޮސް އަހުމަދަށް ޖެހިފައިވާ ބަލި ދެނެގަނެ އެބައްޔަށް ފަރުވާ ކުރުމަށް އާއިލާއިން ކިތަންމެ ބޭނުންވި ނަމަވެސް އާއިލާގައި އެހާ ތަނަވަސްކަމެއް ނެތެވެ. އެހެންވެ އަހުމަދަށް ޖެހިފައިވާ ބައްޔަށް ފަރުވާ ހޯދުމަށް އާއިލާއިން މިއަދު މިވަނީ އާންމުންގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7704441020101 (ޝަރުމީލާ އާދަމް - އަހުމަދުގެ އަންހެނުން)
ފޯނު ނަމްބަރު: 9818778 - ޝަރުމީލާ އާދަމް

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ރަހޫ

ކ. މާލެ އެއް ނުކިޔޭނެ! މާލެ ސިޓީ ކިޔާ!