Riyaasee inthihaabaa dhimaakoh muvazzafun raheenu kuri, fuluhun biru dhehki: Akram
image
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް -- ފޮޓޯ: ސޯޝަލް މީޑިއާ
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

ރިޔާސީ އިންތިހާބާ ދިމާކޮށް އީސީގެ މެންބަރުންނާއި މުއައްޒަފުންނަށް ފުލުހުން ބިރުދެއްކި

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ފުލުހުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުއައްޒަފުންނަށް ފުރައްސާރަކޮށް ބިރު ދެއްކި ކަމަށް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ތުހުމަތުކުރައްވައިފި އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާންކޮށް ދާއިމީ ނަތީޖާ އިއުލާނު ކުރުމާއި ދެމެދު ކޮމިޝަން ތެރޭގައި ހުންނަ ވަކި ކޮޓަރިއެއްގައި ކޮމިޝަނުގެ މެންބަރުން ހަތަރު ދުވަސް ހޭދަކުރި ކަމަށެވެ.

އޭރު ވޯޓު ކަރުދާސްތައް ހުރީ ކޮމިޝަނުގެ ތެރޭގައި ކަމަށް ވުމުން ފުލުހުން ދިޔެއީ ކޮމިޝަންގައި ފޯރިމަރަމުން ކަމަށާއި، ފުލުހުން ބޭނުން ވަގުތަކު ކޮމިޝަނުގެ ކޮޓަރިތަކަށް ވަދެ ނިކުމެ ހެދި ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެގޮތުން ކޮމިޝަނުގެ މެންބަރުން ތިބި ކޮޓަރި ނޫން އެހެން ހުރިހާ ކޮޓަރިއަކަށް ފުލުހުން "ވަރަށް ބާރަށް ބޫޓު ޖަހާފަ ވަދެ، ހަޑި ބަހުރުވައިން" ކޮމިޝަންގެ މެމްބަރުން ކޮބައިތޯ އަހަމުން ދިޔަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެދުވަސްވަރު ކޮމިޝަންގެ ބައެއް މުވައްޒަފުން "ހައިޖެކް ކޮށްގެން" އެކި ދިމަ ދިމާލަށް ގެންގޮސް ބިރު ދައްކާފައިވާ ކަމަށް ވެސް އަކްރަމް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކޮމިޝަނުން ކަމަށް ބުނެ ގުޅާ ކޮމިޝަން ކައިރިއަށް ގެނެސް، ވަކިން ކާރަކަށް ލައިގެން އެކި ތަންތަނަށް ގެންގޮސްފައި އެބަހުރި. އެބޭފުޅުންގެ މައިންބަފައިން އެބޭފުޅުން ގެއްލިގެން އިލެކްޝަންސް ކޮމިޝަނަށް ގުޅައި، ފަހުން ފެނިގެން އެހީމަ މިބުނަނީ ތިމަންނަމެން ރެސްޓޯރެންޓަކަށް ވައްދާ ބިރުދެއްކުމަށްފަހު ބަޔާންދޭން މަޖުބޫރު ކުރާ ވާހަކަ،" އަކްރަމް ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ބޮޑެތި އަދަދުތަކުން މުވައްޒަފުންނަށް ފައިސާ ހުށަހަޅައިގެން ބަޔާން ނެގުމަށް އުޅުނު ކަމަށާއި، އޭގެ އިތުރުން ކޮމިޝަންގެ ދެ މުވައްޒަފަކަށް މަގުމަތިން ވަޅިން ބިރުދައްކާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިހާތަނަށް ހަޔާތުގައި ކުރިމަތިވި އެންމެ ނާމާން ބިރުވެރި ދުވަސްތައް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އެގޮތުން ސިފައިންގެ އެހީތެރިކަމާއި އެކު ބައެއް ދުވަސް ދުވަހު އުޅެން ޖެހުނު ކަމަށާއި ބައެއް މެމްބަރުން ރާއްޖެއިން ބޭރަށް ފުރައިގެން ދާން ޖެހުނީވެސް ބިރުވެރިކަން އޮތް ވަރުން ކަމަށް ފާހަގަކުރެއްވި އެވެ.

އަކްރަމް ވިދާޅުވީ އެ ވާހަކަތައް އޭރު ނުދެއްކީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިދާނެތީ އެވެ.

"ރައްޔިތުން ލީ ވޯޓުގެ ނަތީޖާ ރައްޔިތުންނާއި ހަމައަށް ގެނެސް ދެވުނީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން އެކައްޗެއް ކިޔާ، އަޅުގަނޑުމެންނާއި އެކު އަޅުގަނޑުމެންގެ މުވައްޒަފުން ތިބީތީވެ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އޭރު ދިމާވި ކަންކަން އިތުރަށް ތަހުޤީޤުކޮށް ބެލުމުގެ ބޭނުމެއް ދެން އޮތް ކަމަށް ނުދެކޭ ކަމަށާއި، އެކަންކަމުން އިބުރަތް ހާސިލުކޮށް މުސްތަޤުބަލަށް ވިސްނުން މާ ބުއްދި ވެރިވާނޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވިއިރު ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާފައެވެ.

އިންތިހާބު ބާތިލް ކުރުމަށް އެދިވެސް ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އިންތިހާބު ބާތިލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހިޔާލު

ސސ

ތިފަދަ ކަންކަން ތަކުރާރު ނުވާނެހެން ތިޔަމައްސަލަ ބަލަން ޖެހޭ ޕީޖީން ތިޔަމައްސަލާއިގެ ތަހުޤީގު ވަގުތުން ފަށަންޖެހޭ ނުންތޯ؟ ތީ ވަރަށް ސީރިޔަސް ކަމެއްގެ ވާހަކަ ތިޔަދެއްކެވީ!

ޙުސެއިން

މިހާރުދެން ކޮން މޮޅު ވާހަކައެއް ކާކު ވެރިކަމެއްގެ ކާކަށް ވައިޖަހައިގެން ހޯދިމަގާމެއް ތިއީ

އާންމުން

ނުވިކޭނެ އެއްވެސް މީހަކު ތިކޮމިސަންގަ ނެތް، މުއްޒަފުން ހިމަނައިގެން

ޞައްދާމު

މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭނެ!