New Radiant indha jehifa, chairman Ziyad isthiufaa dheefi
image
ނިއު ރޭޑިއަންޓުން 2014 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް އުފާފާޅު ކުރަނީ -- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ނިއުރޭޑިއަންޓް އިނދަ ޖެހިފައި، ޗެއާމަން ޒިޔާދު އިސްތިއުފާ ދީފި!

ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މާލީ ގޮތުން އިނދަ ޖެހި، ކުޅުންތެރިންނަށް މުސާރަ ނުދެވިގެން ފުޓްބޯޅައިން ސަސްޕެންޑްކޮށްފައި ވަނިކޮށް ކްލަބުގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު އިސްތިޢުފާ ދެއްވައިދފިއެވެ.
އިސްތިޢުފާ ދެއްވި އިރު، އާ ސީޒަން ފެށެން މިވަނީ ކުޑަތައް ވެފައެވެ. އަދި އާ ސީޒަންގައި ނިއުރޭޑިއަންޓް ފެނިދާނެތޯވެސް ވަނީ ސުވާލު އުފެދިފައެވެ. ނިއުރޭޑިއަންޓް ނެތި ފުޓްބޯޅަ ސީޒަން ފެށިއްޖެ ނަމަ އެކަން ވެގެންދާނީ، 1979 ވަނަ އަހަރު ނިއުރޭޑިއަންޓް އުފެދުނު ފަހުން އެ ކްލަބު ނެތި ފުޓްބޯޅަ ސީޒަން އޮންނަ ފުރަތަމަ ފަހަރަށެވެ.

ނިއުރޭޑިއަންޓް އިނދަ ޖެހި، ކުޅުންތެރިންނަށް މުސާރަ ނުދެވި އަދި ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންނާ މައްސަލަ ޖެހި ނިއު ފުން ވަޅުގަނޑަކަށް ވެއްޓިފައި ވަނިކޮށް ޒިޔާދު އިސްތިޢުފާ ދެއްވީ ރާއްޖޭން ބޭރުގައި ހުންނަވައިގެންނެވެ. ދިވެހި ކުޅުންތެރިންނަށް އެތައް މިލިއަން ރުފިޔާއަކުން ނިއުރޭޑިއަންޓް ދަރާފައިވާއިރު، ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީގެން ފީފާގައިވެސް ނިއުގެ މައްސަލަތައް އެބަ ހިނގައެވެ. ޒިޔާދުގެ ދައުރުގެ މެދުތެރެއިން މި ފަދަ ހާލަތަކަށް ނިއު ވެއްޓުނު އިރު މީގެ ކުރިން ނިއުގެ އެއްވެސް ކުޅުންތެރިއަކަށް މުސާރަ ނުދީގެން ދުނިޔާގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާ ހިސާބަށް ގޮސްފައެއް ނުވެއެވެ.

"މި ފުރުސަތުގައި އަޅުގަނޑާ އެކު މަސައްކަތްކުރެއްވި ހުރިހާ ބޯޑް މެމްބަރުންނަށާއި ހުރިހާ ކުޅުންތެރިންނަށާއި ކްލަބުގެ އޮފިޝަލުންނަށާއި އަދި ކްލަބުގެ އެންމެހާ ސަޕޯޓަރުންނަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ. އަދި ކުރިމަގުގައި ވެސް އަޅުގަނޑުގެ ގާބިލްކަން ހުރި ވަރަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެހީވުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަމެވެ،" ނިއުގެ ޗެއާމަންކަމުން އިސްތިޢުފާ ދެއްވުމަށް ޒިޔާދު ފޮނުއްވި ސިޓީގައިވެ އެވެ.

2018 ވަނަ އަހަރުން ފެށިގެން ނިއުގެ ބައެއް ކުޅުންތެރިންނަށް ވަނީ މުސާރަ ނުލިބިގެން އެ މައްސަލަ ފުޓްބޯޅަ އެސޯސިއޭޝަނަށް ހުށަހަޅާފައެވެ. އެފްއޭއެމުން ޖެނުއަރީ މަހު ކުއްލި އަކަށް ނިންމީ ނިއު ސަސްޕެންޑް ކުރާށެވެ. ނިއު ސަސްޕެންޑްކުރީ، އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއު އިން އެދެން ތައްޔާރުވެފައި ވަނިކޮށެވެ. އެހެންވެ ނިއު އިން ތުހުމަތު ކުރަނީ، އެއީ އެކަމާ ގުޅިގެން އެޅި ޒާތީ ފިޔަވަޅެއް ކަމަށެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ.
ހިޔާލު