PNC in Afeef ah thaa'eedhu kuran ninmi iru PPM in gotheh nununma
image
އިދިކޮޅު ދެޕާޓީން މިރޭ ބޭއްވި ނިއުސް ކޮންފަރެންސް
އަހުމަދު
1 ކޮމެންޓް
 

ޕީއެންސީން އަފީފަށް ތާއީދުކުރަން ނިންމިއިރު، ޕީޕީއެމުން ގޮތެއް ނުނިންމާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ގެނައުމަށް ތާއީދުކުރުމަށް ޕީއެންސީން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަހުމަދު ނިހާން ވިދާޅުވީ މަޖިލިސް ރައީސްކަމަށް އަފީފް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުން ޕީއެންސީންވެސް އެކަމަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމުގައެވެ. އަދި ރައީސް ސޯލިހްގެ ނިންމެވުމަކީ އެންމެ ރަނގަޅު ނިންމެވުންކަމަށް ގަބޫލުކުރާކަމަށްވެސް ނިހާން ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވަނީ ޕީއެންސީގެ އެންމެ ތިން ކެންޑިޑޭޓުންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލިސް ރައީސްކަމަށް ބޭފުޅަކު ގެނައުމާއި ގުޅޭގޮތުން ޕީޕީއެމްގެ ތެރޭގައި އަދި މަޝްވަރާ ނުކުރެވޭ ކަމުގައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވަނީ ޕީޕީއެމްގެ ފަސް ކެންޑިޑޭޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު ހުންނެވި މަގާމުގެ ހައިސިއްޔަތުން، މަޖިލިސް ރައީސް ކަމަށް ވަކި ބޭފުޅެއްގެ ނަން ވިދާޅުވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.

ނަމަވެސް ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަކީ އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށާއި މަޖިލީހުގެ ރިޔާސަތަށް އެންމެ އެކަށީގެންވާ ބޭޅަކީވެސް އަފީފްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

މަޖިލީހުގެ ރައީސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށެވެ.

މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފްއާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވަނީ މަޖިލިސް ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ހިޔާލު

ރައްޔިތުމީހާ

ތިމީހުން ގޮތެއް ނިންމިޔަސް ނިންމިޔަސް ރައްޔިތުން އަޅައެއްނުލާ.