Kuru Vaahaka: Alaniya
image
ޝަހްޒާ މުހައްމަދު
0 ކޮމެންޓް
 

ކުރު ވާހަކަ: އަލަނިޔާ

އެކުވެނި ޓްރެކްގެ ގަހެއްގެ ދަށުގައި އަލާނިޔާ ފަސޭހަކަމާއި އެކު ކޮޅުކޮޅަށް ލެނބި ސްޓްރެޗް ހަދަމުން ދިޔައިރު އޭނާގެ ކަސްރަތީ ހަށިގަނޑުގައި ކަށްޓެއްވެސް ނެތްކަހަލައެވެ. ސްޓްރެޗްކޮށް ނިމުމަށްފަހު ވިނަގަނޑުމަތީގައި އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަައިގެން ފެންފުޅިން ފެން ބޮމުން، ބޮޑުތަކުރުފާނު މަގަށް ހުރި ދޮރާށިން ނިކުންނަށް ހިނގައިގަތެވެ. ކޮންމެ ރެއަކުވެސް ޕްރެކްޓިސް ނިންމުމަށް ފަހު އޭނާ ޔޯގާގެ ވަގުތުކޮޅެއް އެތަނުގައި ހޭދަކޮށްލަނީ ޕްރެކްޓިސްގެ ބައެއްގޮތުގައެއްނޫނެވެ. އެއީ ވެސް އޭނާ ޝައުގުވެރިވާ އެކަމުގެ ސަބަބުން ހިތާއި ހަށިގަނޑާއި ސިކުނޑިއަށް އަރާމު ލިއްބައިދޭ ކަމަކަށްވާތީއެވެ. އަލާނިޔާ އަކީ ގައުމީ އެތްލެޓިކްސް ޓީމުގެ މުހިންމު މެމްބަރެކެވެ. އެތައް ކުޅިވަރެއްގެ ހުނަރުވެރި މާހިރެކެވެ. ކުޅިވަރުގެ މައިދާނުގެ މެދުއުޑުގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރިއެކެވެ.
އަލާނިޔާ ދޮރާށިން ނިކުން ވަގުތު ކުރިމަތިން ފެނުނު މަންޒަރެއްގެ ސަބަބުން ހުއްޓުން އެރިއެވެ. ދެލޯ ބޮޑުވެގެންދިޔައެވެ. މުޅިމީހާ ފިނިވެ ދެފައިން ވާގި ދޫވިހަކަލައެވެ. ދަތްކުޑިވިކާލެވުނުވަރުން ދަތްދޮޅިއާއި އެކު ތުންފަތް ތުރުތުރުލައިގެން ދިޔައެވެ. އޭނާގެ ހިތް ހީވީ މޭ ކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ. ކުރިމަތިން ޒޫމްކަޑާފައި ދިޔަ ދެ ޖީއެން ސައިކަލުގެ ތެރެއިން އެއްސައިކަލުގައި ތިބި ދެމީހުން ފެނިފަވީގޮތެކެވެ. ސިކުންތު ކޮޅަކަށް ފެނުނަސް އެއީ އެދެމީހުން ކަން އަލާނިޔާއަށް ޔަގީންވިއެވެ. އެތަށް އަހަރުތަކަކަށް ފަހު ފެނުނަސް އެސިފަ ހަނދާނުން ނުފޮހެވޭނެއެވެ. ސައިކަލު ފަހަތުގައި އިނީ އޭނާއާއި ދެބެއިންގެ ދެދަރި، ނަމަވެސް މިހާރު ދުރުހިލޭ މީހަކަށްވުރެވެސް ދުރު، ރޫމާ އެެވެ. އެސައިކަލު ދުއްވަން އިނީ އެއްއިރެއްގައި އެމީހަކަށް އޭނާގެ ހިތްދެވުނު އަކްމަލްއެވެ. އެންމެ ހަިރާންކަމެއް ލިބުނީ އަދިވެސް އެދެމީހުންގެ ގުޅުންއޮތުމުންނެވެ. ރޫމާ އާއި އަކްމަލް މިއަދު އެގޮތަށް މިނިވަނުންގެ ގޮތުގައި އުޅުނަސް އެއީ ދެކުއްވެރިންނެވެ. މުޅިދުނިޔެ އެމީހުނަށް މައާފް ކުރިޔަސް އަލާނިޔާއަށް އެއީ ވާނެކަމެއްނޫނެވެ. އަލާނިޔާގެ ހިޔާލު ފޮރުވި ވަޅުޖެހިފައިވާ މާޒީގެ ތެރެއަށް ގެނބިގެންދިޔައެވެ.

އެއީ މީގެ ފަސްއަހަރު ކުރިއެވެ. އެއިރު އަލާނިޔާ ތައުލީމު ހާސިލްކުރަމުން ދިޔައީ ރަށު އިސްކޫލު ގްރޭގް ނުވައެއްގައެވެ. ރޫމާ ވެސް އުޅުނީ ހަމައެކަލާހުގައެވެ. އެންމެ ކުޑައިރުންސުރެ ރޫމާއާއި އަލާނިޔާ އުޅެމުންދިޔައީ އެކުގައެވެ. ދެގެއެއްގައި އުޅުނަސް އެއީ ދެބެއިންފަދައެވެ. ބޮޑުވެގެން އައީ އެންމެގާތް ދެއެކުވެރިންގެ ގޮތުގައެވެ. ނަމަވެސް ރޫމާގެ ހިތުގައު އަލާނިޔާގެ މައްޗަށް ހަސަދަވެރިކަން އުފެދެމުން ދިޔައެވެ. އަލާނިޔާ އޭނާއަށް ވުރެ އިސްކޮޅުން ދިގުވެފައި ރީތިވީމައެވެ. އޭނާ ކިރިޔާ ފާސްވާއިރު އަލާނިޔާއަށް ކުލާހުން އަބަދުސް އެއްވަނަލިބޭތީއެވެ. ހުރިހާ ކުޅިވަރަކުން އަލާނިޔާއަށް އެއްވަނަލިބޭތީއެެވެ. އެންމެ ބޮޑަށް އަލާނިޔާއާއި މެދު ހަސަދަވެރިވާން ފެށުނީ އޭނާގެ މަންމަ އަބަދު އަލާނިޔާއާއި އަޅާކިޔާތީއެވެ. ކޮންމެ ކަމަކުންވެސް އަބަދުވެސް އޭނާ ދަށް ވާހަކައާއި އަލާނިޔާގެ މޮޅުވާހަކަދައްކާތީއެވެ. އެންމެ ފަހުން އެހަސަދަ މަޑުމަޑުން ނަފްރަތަށް ވެސް ބަދަލުވީއެވެ. ކިތަންމެ ގާތުގައި އުޅުނަސް ރޫމާހުންނަނީ ނަފްރަތާއި ހަސަދައިގެ އަިފާނުން އަނދައަނދަައެވެ.

އަކްމަލް އަކީ ރަށުގެ ގިނައަންހެންކުދިންގެ ހިތުގައި ރަސްކަންކުރަމުން ދިޔަ ޒުވާނެކެވެ. މާލޭގައި އުޅެފައި އޭނާ ރަަށަށް އަންނަ ކޮންމެފަހަރަކު ހުރިހާކުދިން ތިބެނީ ފަސްފަތުން މުގޯލިއަޅާފައެވެ. ލާފައި ހުންނަ ރީތިގަމީސްތަކާއި ގެންގުޅޭ އަގުބޮޑު އެއްޗެއްސާއި އުޅޭ ވައްޓާފާޅީގެ ސަބަބުން އަންހެންކުދިންގެ ހިތްތައް ކަތިލިނަމަވެސް އެކުދިނަށް ނޭނގޭނީ ހަގީގަތުގަ އަކްމަލްގެ އެ ސްޓައިލިޝް ދިރިއުޅުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއްވާކަމެވެ. ރޫމާއަށް ވެސް އަކްމަލް ކަމުދިޔައީ އެނާގެ 'ކޫލް' ކަމުންނެވެ. ބައްދަލުވެ ވާހަކަދެކެވެން ފެށުމުން އަދިމާކަމުދިޔައެވެ. އޭނާގެ ފަރާތުން މުހިންމު ބޭނުމެއްހިފިދާނެކަން އެނގުނެވެ. ރުމާގެ ހުރިހާ ނުތަނަވަސް ކަމަކަށް ހައްލުލިބޭނެކަން އެނގުނެވެ. އެހެންކަމުން އަކްމަލްއާއި ގުޅުންބެއްވީ އާއިލާއާއި ގާތް މީހުނަށް ވަަރަށް ސިއްރުންނެވެ.

ރޫމާއާއި އަކްމަލްގެ ގުޅުން ބަދަހިވަމުން ދިޔަވަރަކަށް އަކުމަލްގެ ބައެއް އާދަތަކުގެ ޝިކާރައަކަށް ރޫމާވެސް ވިއެވެ. ޝީޝާބުއިމާއި ރޭގަނޑު ގިނަވަގުތު މަޖަލުގައި ބޭރުގައި އުޅުމަކީ އާދައެވެ. އެދިރިއުޅުމަކީ އޭނާއަށް ކަމުދާކަމަކަށްވިއެވެ. ރޫމާއަށް ގިނަދުވަހު އިރުފެންނަވަރުވަނީ ހަވީރުއަތަށް އެޅުމުންނެވެ. އިސްކޫލަށް ދިޔުން ހުއްޓުނެވެ. ނަމަވެސް އެކަމަކީ އެރަށުގެ ގިނަކުދިންގެ އާދައަކަށްވުމުން މާބޮޑުކަމަކަަށްނުވެއެވެ.

ރޫމާގެ ފަރާތުން އަކްމަލްއަށް އަލާނިޔާ ތައާރަފްވިއެވެ. ފުރަތަމަވެސް އޭނައަށް އަލާނިޔާކަމުދިޔައެވެ.

" އޭ ރޫ.. ރޫގެ ކަޒިން ހާދަ ފައްކަލޭ.. ވާހް އެހެރަ ޝޭޕްއެއް " މޭގައި އަތްއަޅާލާފައި އަކްމަލް އެހެން ބުނުމުން ރޫމާގެ ހިތުގައި އަލާނިޔާގެ މައްޗަށް އޮތް ހަސަދައާއި ނަފްރަތު އެތައްގުނައެއް އިތުރުވެގެންދިޔައެވެ. ނަމަވެސް އެކަން ނުދައްކާ އެނާ ބެލީ ފުރުސަތުގެ ބޭނުން ހިފާނެގޮތަކަށެވެ.

" ސެޓުކޮއްދޭންވީތަ . . . "

ރޫމާ ލާނެއް ގޮތަކަށް ބުނިނަމަވެސް އަކްމަލް ސީރިއަސްވިއެވެ.

" ހުވާތަ ؟ "

" އާން، އަކޫ ބޭނުމިއްޔާ ކޮށްދީފާނަން . . .،ވީ އަރ ބެސްޓީސް . . . ވީ ޝެއަރ އެވްރިތިން . .ސޯ، ވައިނޮޓް ބޯއީ ފްރެންޑް "

ލަސް ލަހުން ރާގުލާފައި ރޫމާ އެހެން ބުނި އިރު އޭނާގެ ސިކުނޑީގައި ޕްލޭނެއް ރޭވެމުން ދިޔައެވެ. އޭނާ އެޕްލޭން އަކްމަލްއަށް ކިޔައިދިނެވެ. އަކްމަލް ހުރީ އަލާނިޔާގެ ރީތިކަމަށްޓަކައި ފެންބޮވައިގަނެފައެވެ. އެހެންކަމުން ރޫމާގެ ރޭވުމާއި އަކްމަލް އެއްބަސްވިއެވެ.

އޭގެ ފަހުން ރޫމާ ގިނަވަގުތު އަލާނިޔާއާއި އެކުއުޅެންފެށިއެވެ. އަދި އަކްމަލްގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ އަބަދުދައްކަންފެށިއެވެ. އަކްމަލްއާއި އެނާގެ ގުޅުން އަލާނިޔާއަށް ސިއްރުކުރުމަށްފަހު އަލާނިޔާގެ ހިތް އަކްމަލްއަށް ލެންބޭތޯ މަސައްކަތްކުރިއެވެ. އަކްމަލް ފޮނުވަމުން ދިޔަ އަސަރުގަދަ މެސެޖްތަކާއި ހަދިޔާތަކުގެ އިތުރުން ރޫމާދެއްކި ވާހަކަތަކުގެ ސަބަބުން އަލާނިޔާއަށް ހީވީ ހަގީގަތުގައިވެސް އަކްމަލް އޭނާދެކެ ވަރަށް ލޯބިވާކަމުގައެވެ. މަޑުމަޑުން އަލާނިޔާގެ މައުސޫމް ހިތްވެސް އަކުމަލްއަށް ލެނބުނެވެ.

އަކްމަލްގެ ލޯބި ވާހަކަތަކާއި ތައުރީފް ތަކުގެ ސަބަބުން އަލާނިޔާގެ ހިތުގައި އަކްމަލްއަށް ޖެހިވިންދު ގަދަވެ އިންތިހާއަށް ލޯބިވިއެވެ. ކުރިން އެފަދަ ތަޖުރިބާއެއް، އިހުސާސެއް ކުރެވިފައިި ނުވާ އަލާނިޔާއަށް އެކަންވީ ވަަރަށް އާކަމަކަށެވެ. އަކްމަލްއާއި ގުޅުނުނަމަވެސް ބައްދަލުކޮށް ހެދުމަކީ އެނާއަށް ކުރަން ކެރޭކަމެއްނޫނެވެ. އަލާނިޔާއަކީ ބޭރަށް ގޮސް އުޅޭ ކުއްޖަކަށްނުވާތީ އަކްމަލް ބޭނުންވިގޮތަށް ތަންތަނަށް ގޮސް ބައްދަލުކޮށެއްނުހަދައެވެ. ފޯނުން ވާހަކަދެއްކުމުގެ އިތުރުން ބައްދަލުކުރިޔަސް ހަމައެކަނި ފެނިލުމުގެ އިތުރުން އަކްމަލްބޭނުންވާފަދަ ގާތްކަމެއްނުބޭއްވެއެވެ. ރޫމާގެ ޕްލެއިން ފެއިލްވާހެން ހީވާތީ އެދެމީހުން އަނެއްކާވެސް އެއަށްވުރެ މޮޅުރޭވުމެއް ރާވަލިއެވެ.

" އަލާނިޔާ ، ހިނގާބަ މިރޭ އަހަރުންނާ އެކު ތުނޑީކޮޅަށް . . . ވަަރަށް މަޖާވާނެ، ބާބަކިއު އޮންނާނެ، އުލާ މެންވެސް ދެޔޭ، އަކޫ ވެސް ދާނެ. . . އަނެއްކަ ވީކެންޑްއެެއްނު "

ރޫމާ އެހެންބުނުމުން އަލާނިޔާވެސް ދާ ހިތްވިއެވެ.

" ޕިސް. . . ދާ ހިތްވިޔަސް ނުދެވޭނެ، މަންމަ އަށް އެނގިއްޖިއްޔާ މަ މަރާނެ ... އަނެއްކަ ފަތިހު ޕްރެކްޓިސް އޮވޭ. . .ރޭގަނޑު ބޭރަށް ދިޔާމަ، ފަތިހު ނުހޭލެވިއްޖިއްޔާޔޯ . . .މާދަން އިންޓަ ސްކޫލް ޓޯނަމެންޓް ފެށޭ . . . އަތޮޅު ހުރިހާ ސްކޫލަކުން އައިސްއެތިބީ ދިސް ޓޯންނަމެންޓް އިޒް ވެރީ އިމްޕޯޓެންޓް .... މަ ބޭނުން މިރަށަށްތަށިގެންނަން .. މައި ސްލީޕް އިޒް އިމްޕޯޓެންޓް ... "

އަލާނިޔާގެ ވިސްނުން ހުރިގޮތް ފޫހިކަމުން ރޫމާ ލޮލުގެ ކަޅި ކޮޅުކޮޅަށް އަނބުރާލިއެވެ. އޭނާގެ ދެވަނަ ޕްލޭންވެސް ފެއިލްވެދާނެޔޭ ހީވިއެވެ. އެތައްވަރަކަށް އާދޭސް ކުރުމުން ވެސް އަލާނިޔާ އެއްބަސް ކުރުވޭ ގޮތެއްނުވިއެވެ. ރޫމާ އަނެއްކާވެސް އެހެން ގޮތެއްވިސްނަންފެށިއެވެ.

" ދެން އޯކޭ، ނުދެވެންޏާ އޮވޭ ނިދަން، އެކަމް އަކޫ ހަދާ މިރުސްގަނޑު ވަރަށް މީރު އިނގޭ، އޭނަ ބޭނުން އަލާނިޔާ އޭގެ ރަހަބަލަން ކޮންމެހެންވެސް ...ސޯ މަސް ފިހެވުނުހާ އަވަހަކަށް މަ ގެނެސްދޭނަން އެތިކޮޅެއް އިނގޭ . . . "
" އޯކޭ " އަލާނިޔާ ހިނިތުންވެލިއެވެ.

އެެހެން ރޭތަކެކޭ ވެސް އެއްގޮތަށް ފިލާވަޅުތައް ހެދުމަށް ފަހު ނިދަން ތައްޔާރު ވުމަށްޓަކާ އަލާނިޔާ ކޮޓަރިއަށް ވަން އިރު ނުވަގަޑި ބައި ވެއްޖެއެވެ. ދަތް އުނގުޅާ ތައްޔަރުވުމުގެ ކުރިން ރޫމާ މަސްކޮޅެއް ހިފައިގެން އާދޭތޯ އިންތިޒާރުގަ އިރުކޮޅަކު މަޑުކުރާނީ އޭ ހިތައްއަރާފަ ހަމައެކަނި އެއްޗެހި ބަދަލު ކޮށްލައިގެން އަނެއްކާވެސް ނިކުމެ ސިޓިންރޫމުގައި ޑްރާމާ ބަލަން އޮވެ ނިދިފައި އޮތް މަންމަ ކައިރީގައި އިށީނދެލިއެވެ. އިރުކޮޅަކުން ރޫމާ ދުވެފަކަހަލަ ގޮތަކަށް އައިސްވަނެވެ.

" ހިނގާ ކޮޓަރިއަށް ... މަންމަ ހޭލަފާނެ "

" އަން. މިއޮތީ މަސްކޮޅު ... މީނީ ކޯކް ދަޅެއްވެސް .. ޔޫގެ ލަވް ދިން އެއްޗެއް . އޭނާ އެތިކޮޅެއް ބޯލާފަޔޭ އަދިދިނީވެސް ބުނީ ހީކޮށްލާށޯ .." އެހެން ބުނެފަ އަލާނިޔާގެ ކަންފަތް ބުޑުގަ އެއްޗެއް ބުނެލުމުން އަލާނިޔާ ރަކިވެން މޫނު ރަތްވިއެެވެ.

ކޯކް ދަޅުގައި ތުންޖަހާލީ ރަކި ހިންޏެއް އައިސްފައިހުރެގެންނެވެ. އަލާނިޔާ މަސްކޮޅެއް ކާލާފައި ފަހަރަކު ކޯވަރެއް ބޮމުން ދިޔައެވެ. ކުއްލިއަކަށް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. މޭނުބައިކުރާގޮތެއްވެސް ވިއެވެ. ބޮލުގައި ގަދަޔަށް ރިއްސާގެންފައި ލޯކުރިމަތިން ބޮޅުތަކެއް ފެންނަންފެށިއެވެ. އިރުކޮޅަކުން ވަށައިގެން ހުރި ހަތަރުފާރު ބާރަށް އެނބުރިގަތް ހެންހީވިއެވެ. ދެންވީގޮތެއް އަލާނިޔާއަކަށް ނޭނގުނެވެ.

ފަރުބަދަތަކެންގެ މަތިން ދުރުން މީހަކު ގޮވާހެން އަލާނިޔާއަށް ހީވިއެވެ. އޭނާއަށް ހުރެވުނީ އުސްފަރުބަދައެއްގެ މަތީގައި ކިރިޔާ ވެއްޓޭ ހިސާބުގަހެން ހީވިއެވެ. އޭނާގެ ނަމުން ގޮވަމުން ދިޔަ އަޑު ފުރަތމަ އެކޯވިނަމަވެސް ފަހުން ސާފުވްމުން ދިޔައެވެ. ވެއްޓެން އުޅޭހެން ހީވެފައި ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭނާ އޮތީ ހެލްތް ސެންޓަރުގައެވެ. އައިވީއެއް ގުޅާފައި ހުރި އިރު މަންމަ ކައިރީގައި ފެންކަޅިފެވައި އިނެވެ. އަލަނިޔާއަށް ީވީ އަނެއްކާވެސް ހުވަފެނެއްފެންނަހެންނެވެ. ބޮލަށް ބަރުވެފައިހުރި ފާޑަކަށް ތެދުވެ އިށީންނަށް މަސައްކަތްކުރިއެވެ. ނަމަވެސް އިށީނުމުން އާދަޔާ ހިލާފް އުނދަގޫތަދުތަކެއް ވިއެވެ. ވާނުވާ ނޭނގި ސުވާލުއުފެދިފައި އަލާނިޔާ މަންމަގެ މޫނަށްބަލާލިއެވެ. އަލާނިޔާގެ އަތުގައި ހިފާލާފައި މަންމަ ބޮލުގެ އިށާރާތުން މަޑުން އިނުމަށްބުނެލިއެވެ.

" މަންމީ . . . ކިހިނެއްވީ އަޅުގަނޑަށް ، ގަޑިން ކިހާއިރެެއް . ."

" ގަނޑިން ހަވީރު ހަތަރެއްޖެހީ . . . އިރުކޮޅަކުން ގެއަށް ފޮނުވާލާނެ . ގެއަށް ގޮސް ވާހަކަދައްކާނީ "
" ފޯރ އޮކްލޮކްއޭ، އަޅެ .. ހެނދުނު ނުހޭލެވުންތަ؟ އަޅެ ޓޯނަމެންޓް.." އަލާނިޔާ ހާސްވެގެން ތެޅިގަތެވެ.
އަނާނިޔާގެ މަންމަ އޭނާގޮވައިގެން ގެއަށްދިޔައެވެ.މަގުމަތީން މީހުން އާދަޔާ ހިލާފަށް ބަލާފައި ކުދިކިޔަމުން ދިޔަކަން އަލާނިޔާއަށް ފާހަގަވިއެވެ. އޭނާ ހުރީ ވެގެން އުޅޭގޮތް ނޭނގި ހާސްވެފައެވެ.

ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލާފައި އަލާނިޔާ ހަނދާންވޭތޯ ވިސްނަންފެށިއެވެ. ރޫމާ ދިން ކޯކްދަޅު ބުއި ހަނދާންވިއެވެ. އެގެ ފަހުން ބޮލަށް ގޮތްތަކެއް ވާންފެށިކަން ހަނދާންވިއެވެ. އެނދުގައި އޮށޯންހަނދާންވެސް ވިއެވެ. ރޫމާގެ މޫނުފެނުނެވެ. އަކްމަލް ވެސް އެކޮޓަރީގައި އުޅުނުހެން ހީވިހަނދާންވިއެވެ. ތޫނުތަދެއް އިހުސާސްކުރެވުނު ހަނދާނާއި އަކްމަލްގެ މޫނު ވަރަށްކައިރިން ފެނުނުހަނދާން ވުމުގެ އިތުރުން ދެން އެހެން ހަނދާނެއް ނުވިއެވެ. ނަމަވެސް ވީގޮތް ކޮންމެވެސް ވަރަކަށް އަނދާޒާކޮށްލެވުނެވެ. އޭނަ ދެލޯބޮޑުވިއެވެ. މަންމައަށް ގޮވާފައި މޮޔައެއްފަދައިން ރޯންފެއްޓިއެވެ. ތަކުރާރުކޮށް ސުވާލުކުރަންފެށިއެވެ. އަލާނިޔާގެ މަންމަ ދަރިފުޅު ހަމަޔަކަށް އެޅުވޭތޯ އުޅެމުން އޭނާއަށް އެނގުންއެއްޗެއް ކިޔައިދިނެވެ.

" ދަރިފުޅު ސެންޓަރަށް ގެންދިޔައީ މިއަދު ހެނދުނު. . މަންމަ ގޮވާ ގޮވާ ހަބަރެއް ނުވެގެން . . ކޯޗްވެސް އައި ހޯދަން... ސްކޫލުން އެތަފަހަރަކަށް ގުޅި ހެނދުނު މުބާރާތް ފެށުނުއިރު... މަންމައަށް އެނގޭ ކަމެއްނުވަނީސް ދަރިފުޅު ނޯންނާނެކަން، މަންމަ ގޮވާ ގޮވާ ނުހޭލި ... ދެން ދޮރު ހުޅުވީ ... ތަޅުދަނޑިވެސް ނެތް... މަންމަ ގެންގުޅޭ ޑަބަލްކީ ވެސް ނުފެނުން... ރޭގަ އެކަަމް މި މޭޒުމަތީ ބޭއްވީވެސް.

ދަރިފުޅު އޮތީ ވަރަށް އެހެންކަހަލަ ހާލެއްގަ . . . އެހެންވެ ސެންޓަރަށް ގެންދިޔައީ، ޑޮކްޓަރު ބުނުއްވީ، ދަރިފުޅު މަސްތުވާ އެއްޗެއްބޭނުންކޮއްފަހުރިކަމަށް... ލޭގެ ޓެސްޓުން ދައްކާ އެގޮތަށް . . މަންމައަށް އެނގޭ ދަރިފުޅު އެކަހަލަކަމެއް ނުކުރާނެކަން... އެ ކޯކު ދަޅު އެއީ ކާކު ދިން އެއްޗެއް ދަރިފުޅާ؟ ކާކު މިތަނަށް ވަނީ؟ ކާކު އެހެން ހެދީ؟"

ގިސްެލެވެމުން މަންމަ ދައްކަމުންދިޔަ ވާހަކަ ކުރިއަށް ދިޔަވަރަކަށް އަލާނިޔާ އަށް ދިޔައީ ޝޮކަކަށްފަހު ޝޮކެއްލިބެމުންނެވެ. އެންމެ ގާތުގަ ހުރި އެންމެ ގާތްް އެކުވެރިޔާ އަދި ދައްްތަ އެފަދަކަމެއް ކޮއްފާނެއޭ އޭނާއަށް ގަބޫލު ކުރަންދަތައްޗެވެ. އެހާ ލޯބި ވާހަކަދައްކާފަހުރި ލޯބިވެރިޔާ އެފަދަ ކެއްސެއްދޭންވީ ސަބަބެއްވެސް ނުވިސްނުނެވެ. އަލާނިޔާ މަންމަގައިގައި ބައްދާލައިގެން އޮތްއިރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތިކަރުނަ އޮހެމުންދިޔައެވެ.

" މަންމާ، ކޮބާ ރޫމާ "

އަލާނިޔާގެ މަންމައަށް ވަގުތުން ވިސްނުނެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތައް އިވިފައިވާތީ ރޫމާ އަކީ އެފަދަކަމެއް ކޮށްފާނެ ކުއްޖެއްކަން އެނގުނެވެ. ވަގުތުން ތެދުވެގެން ގޮސް ފުލުހުންނަށް ގުޅިއެވެ. އަދި ފުލުހުން އެދިފައިވާ ފަދައިން ޝައްކުވާ މީހެއްގެ މައުލޫމާތު ހިއްސާކުރަންކަމުގައި ބުންޏެވެ.

ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދިއުމުން ހުރިހާކަމެއް ފެންމަތިވިއެވެ. ރޫމާ އަމިއްލައަށް ކުށަށް އިއުތިރާފްވިއެވެ. އަކްމަލްއާއި ދެމީހުން ރާވައިގެން އަލާނިޔާއަށް ދިން ލަނޑެއްކަމުގައި ބުންޏެވެ. އޭނާ ބޭނުންވަނީ އަލާނިޔާގެދިރިއުޅުން ބަރުބާދުކޮށްލަން ކަމުގައި އެއްބަސްވިއެވެ. އަލާނިޔާއަށް ދިން ކޯކް ދަޅަށް ޕާޓީ ޑްރަގް އެޅީ އޭނާކަމުގަޔާއި ، މޭޒުމަތީގައި އޮތް ގޭގެ ތަޅުތަދަނޑިން އެ ތަޅުދަނޑި ނަގައިގެން ގޮސް އަކްމަލްއަށް ދިންކަމަށާއި އޭގެ ދެގަޑި އިރު ފަހުން އަކްމަލް އެ ކޮޓަރިއަށް ވަންކަމުގައި ބުންޏެވެ. އަކްމަލް ބޭނުންވިފަދައިން އަލާނިޔާގެ އިތްފަތްތެރިކަން ނަގާލައި އޭނާގެ އެދުން ފުއްދީ މަސްތުގެ ހާލުގައިކަމަށް ރޫމާ ކިޔައިދިނެވެ. އެމަންޒަރު ވީޑިއޯ ކުރިކަމަށާއި އެއީ އެބޭނުންކޮށްގެން އަލާނިޔާ ބްލެކްމެއިލްކޮށް އޭނާ ބޭނުންގޮތަކަށް އަލާނިޔާގެންގުޅުމަށް ކަމަށްވެސް ބުންޏެވެ. އެދުވަހަށް ދިމާކޮށް އެކަންކުރީ އިންޓަރ ސްކޫލް މުބާރާތަށް އަލާނިޔާއަށް ނުދެވޭގޮތް ހެދުމަށްކަމަށްވެސް ބުންޏެވެ.

ރޫމާ ހުރިހާ ވާހަކައެއް ކިޔައިދިނަސް އަކްމަލް އުުޅުނީ އެއްބަސް ނުވާށެވެ. ނަމަވެސްފުލުހުން ފާސްކުރިއިރު އަކްމަލްއަތުންނާއި އުޅޭތަނުން ގިނައަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ އޭނާ ހައްޔަރުކުރެވުނެވެ. އަދި އަލާނިޔާގެ ހަށިގަނޑުން ފެނުނު ސާމްޕަލްތަކުން އެކަންކުރީ އަކްމަލްކަން ވެސް ސާބިތުވިއެވެ. އޭގެ އިތުރުން އެރަށުގައި މަސްތުވަތަކެތި ވިޔަފާރިކޮށް ބޭނުންކޮށް ޒުވާނުން މަގުފުރައްދާ ނެޓްވޯކް ހޯދައިގަނެވުނެވެ. އަދި އާންމުކޮށް ޒުވާނުން އެފަދަ ކަންކަންކުރުމަށް ދަންވަރު ގެ ވަގުތުތަށް ހެދަކުރާ ފަޅުގެފާސްކޮށް ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވުނެވެ. ރޫމާވެސް އެކަމުގައި ކުއްވެރިވިއެވެ. ރޫމާ އަކީ އަށާރަ އަހަރު ނުފުރޭ ކުއްޖަކަަށްވާތީ އަށާރައަހަރު ފުރެންދެން އޭނާގެ ކުށުގެ ހުކުމްތަންފީޒުނުކުރެއެވެ. އެދުވަސް ތަކުގައި ރޫމާގެ އުޅުން އިތުރަށް ގޯސްވެ އާއިލާއާއި ވެސް ވަކިން އޭނާގެ އެކުވެރިންނާއި އެކު މާލޭގައި އުޅެންފެށީއެވެ.

ރޫމާ ބޭނުންވިފަދައިން އަލާނިޔާގެ ދިރިއުޅުން ބަރުބާދުވިއެވެ. ކިޔެވުން މެދުކަނޑާލަންޖެހުނެވެ. ރަށުގައި މަލާމާތް ރައްދުވީ ވެސް އޭނާއަށެވެ. ނުވިތާކަށް ނޫސްތަކު ސުރުހީއަށް ވެސް އެރީ އެނާއަށް އަނިޔާ ލިބުނުވާހަކައެވެ. އަލާނިޔާ ކުރިމާތިލާން ޖެހުނު ނަފްސާނީ މައްސަލަތަކަށް ހައްެލެއްހޯދަން ތެދުވާންވެސް އޭނާއަށް ވަގުތުނެގިއެވެ. ނަމަވެސް މަންމަގެ އެހީއާއި ހެޔޮދުއާގެ ސަބަބުން ހިއްވަރު ލިބި އަލާނިޔާ ބޭނުންވީ އޭނާއަށް އެހާލު ޖެއްސި މީހުންގެ މަގުސަދު ހާސިލް ވިޔަނުދިނުމަށެވެ.

އަލާނިޔާ އެހެން ސްކޫލަކަށްވަނެވެ. އަލުން ކިޔަވަން ފެށިއެވެ. ކުޅިވަރުކުޅެން ފެށިއެވެ. މައިންބަފައިންގެ ލޯތްބާއި ރަނގަޅުކާނާ އާއި ކަސްރަތުގެ ސަބަބުން އިސާހިތަކު އޭނާ ހަމަޔަކަށް އެޅުނެވެ. މާޒީގެ ހިތިހަނދާން ހިތުންފޮހެވުނީ އަޅުކަމާއި ކިޔެވުމާއި ކުޅިވާރާއި ކަސްރަތައް ދިން އަހްމިއްޔަތުގެ ސަބަބުން އެހެން ކަމަކާއި މެދު ވިސްނަން ނުވަތަ ހަނދާންކުރަން ފުރުސަތު ނެތީމައެވެ. އަލާނިޔާ ކުރި ހިތްވަރުގެ ނަތީޖާއަކަށްވީ އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު އެތްލީޓުންގެ ތެރޭގައި ހިމެނޭ ކުއްޖަކަށްވެގެންދިއުމެވެ. އޭނާގެ އުންމީދަކީ އޮލިމްޕިކްސްގައި ފައިތިލަ ސާބިތުކޮށްް ރާއްޖެއަށް ރީތިނަމެއްހޯދުމެވެ.

އަލާނިޔާ ހަނދާންވެެގެން ދިޔަ ހިތި މާޒީގެ ތެރެއިން އޭނާގެ މިހާރުގެ މަގުސަދާއި ކުރިމަގުގެ އުންމީދު ހަނދާންވުމުން އަނެއްކާވެސް އަމިއްލަ އިހްސާސްތަކުގެ މައްޗައް ބާރުފޯރުވިއެވެ. އޭނާ ފޯނުނަގާފައި ވާން އުޅޭ ފިރިމީހާ ޔޫނުސްއަށް ގުޅާލިއެވެ. ޔޫނުސްއަކީ ޑޮކްޓަރީކަން ކިޔަވަމުންދާ ޒުވާނެކެވެ. އަލާނިޔާއަށް ޕޮޒިޓިވްކޮށް ވިސްނުމަށް ހިތްވަރުދީ ކުރިއަށް ދިއުމަށް އެންމެއެހީތެރިވާ އެއްފަރާތްވެސްމެއެވެ.

-ނިމުނީ -
ހިޔާލު