Kulhudhuffushi fen bandhu kuraa factory ga huree rangalhah nuhingaa machine thakeh: Azim
image
ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބޮޓްލިން ފެކްޓްރީ -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކުޅުދުއްފުށީ ފެން ބަންދުކުރާ ފެކްޓަރީގައި ހުރީ ރަނގަޅަށް ނުހިނގާ މެޝިންތަކެއް: އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހދ. ކުޅުދުއްފުށީގައި އިމާރާތްކުރި ފެން ބަންދުކުރާ ފެކްޓްރީގައި ހުރި މެޝިނަރީތަކަކީ ރަނގަޅަށް ނުހިނގާ މެޝިންތަކެއް ކަމުން އެތަކެތި ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އޮންލައިނަށް އާޒިމް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ފެކްޓްރީގައި ބަހައްޓާފައި ހުރީ ރަނގަޅަށް ނުހިނގާ މެޝިނަރީތަކެއް ކަމަށާއި އެކަމުގެ އެކްސްޕާޓުން ގެނެސްގެން މެޝިނަރީ އަޕްގްރޭޑުކޮށް އެތަކެތީގެ ބޭނުން ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"ތަން ހިންގޭނެ ފެންވަރަށް މެޝިނަރީތައް ގެންގޮސް ބަހައްޓާފައި ހުންނާނީ ދޮޅު އަހަރު ދުވަސްވެއްޖެ، އޭގެ އެކްސްޕާޓުން ގެނެސްގެން މެޝިނަރީތައް ހިންގޭތޯ މިހާރު ބަލަމުން މިދަނީ. ކުރިއަށް އޮތް ދެމަސް ތެރޭގައި ހިދުމަތް ދެވޭތޯ މަސައްކަތް ކުރާނަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެތަނަކީ އެ ކުންފުނިން ކޮށްފައިވާ ވަރަށް ބޮޑު އިންވެސްޓެއް ކަމުން ތަނުގެ ހިދުމަތް ނުދެވުމަކީ ކުންފުންޏަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ވަމުން އަންނަ ކަމެއް ކަމަށެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސްއިން ތިރީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި ފެން ބަންދުކުރާ ފެކްޓްރީ ރަސްމީކޮށް ހުޅުވިތާ މިހާރު ގާތްގަނޑަކަށް ހަ މަސް ދުވަސްވެފައިވާއިރު އެތަނުން ރައްޔިތުންނަށް ހިދުމަތް ނުލިބުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.
ހިޔާލު