Majlis ge raees ge magaamah MDP inn membaraku kandaelhun hoama dhuvahu
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރޭ ދެއްވި ހާއްސަ ތަރާވީހުގެ ތެރެއިން: މަޖިލީހުގެ ރައީސް ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމްޑީޕީއަށް ވަނީ ލިބިފައި--
0 ކޮމެންޓް
 

މަޖިލިހުގެ ރައީސްގެ މަގާމަށް އެމްޑީޕީން މެންބަރަކު ކަނޑައެޅުން ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭފުޅަކު ކަނޑައެޅުމަށް ނަގާ ވޯޓު ނެގުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށެވެ. އެޕާޓީގެ ޓިކެޓްގައި ވާދަކޮށް، 87 މެމްބަރުން ހިމެނޭ 19 ވަނަ މަޖިލީހަށް 65 މެމްބަރުން ވަނީ އިންތިހާބު ކުރެވިފަ އެވެ. އެ 65 މެމްބަރުންނަށް އެމްޑީޕީން ފޮނުވާފައިވާ މެސެޖެއްގައި ވަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ކަނޑައެޅުމުގެ ވޯޓުގައި އެޕާޓީގެ ވިޕްލައިން ނިންމުމަށް ވޯޓަކަށް އަހަންޖެހޭ ކަމަށެވެ. އަދި އެކަމަށް ގޮތް ނިންމުމުގެ ބައްދަލުވުން ބާއްވާނެ ތަނަކާއި ގަޑި ފަހުން އަންގާނެ ކަމަށްވެސް އެމްޑީޕީން ފޮނުވާފައިވާ އެ މެސެޖްގައި ވެއެވެ.

އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުން އޮތީ މިމަހުގެ 28 ވާ އަންގާރަ ދުވަހު ގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. މެމްބަރުން ހުވާކުރުމަށްފަހު، 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވޭނެ އެވެ. އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެންމެ ގިނަ ދުވަހު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި، އެންމެ ދޮށީ މެމްބަރުގެ ހައިސިއްޔަތުން، 19 ވަނަ މަޖިލީހަށް އިންތިހާބުވެފައިވާ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު އެވެ.

ސިޔާމުގެ ރިޔާސަތުގެ ދަށުން މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވައި، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ކަނޑައެޅުމަށް މެމްބަރުންގެ މެދުގައި ނަގަންޖެހޭ ވޯޓު ނެގުމަށްފަހު، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކަނޑައެޅުނު މެމްބަރާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ހަވާލު ކުރައްވާނެ އެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަސް ކަނޑައަޅާނީ މަޖިލީހުގެ ރައީސެވެ.

މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މައްޗަންގޮޅި މެދުދާއިރާގެ އިންތިހާބީ މެމްބަރު، މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމް އަށެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ އަފީފް އަށެވެ.
ހިޔާލު