Muliaage kairi bongovvaalan ulhunu Tholath hukumah High Courtun thaaeedhkoffi
image
މުލިއާގެ ކައިރީ ބޮންގޮއްވި ކަމަށްބުނާ ބައެއް މީހުން ހައްޔަރުކަނީ --ފައިލް ފޮޓޯ: ވީނިއުސް
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މުލީއާގެ ކައިރި ބޮންގޮއްވާލަން އުޅުނު ތޮލްއަތު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލިއާގެ ކައިރީ، އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) ގޮއްވާލަން އުޅުކަމަށްބުނެ ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ ތެރެއިން ހ. މިޓާޒް ޠަލްޢަތު މުހައްމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ހދ. ހޯރަފުށި، އާރޯ އަހުމަދު މަމްދޫހު އާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހީމް އާއި ތ. ތިމަރަފުށި، ވިލާ، ޒިހާން އަހުމަދު އަދި ހ، މިޓާޒް ޠަލްޢަތު މުހައްމަދުގެ މަށްޗަށް ކްރިމިނަލް ކޯޓުން ކޮށްފައި ހުކުމުގައި ވަނީ އެގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއްކުރުމުގެ ކުށުން މަމްދޫހު ކުށްވެރިވާ ކަމަށާއި އަދި އަނެއް ތިން މީހުން ހަމަ އެމާއްދާގެ ދަށުން ޓެރަރިޒަމް އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށްވެރިވާ ކަމަށެވެ.

ކުށުގެ އަދަބެއްގެ ގޮތުން، މަމްދޫހް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 20 އަހަރަށެވެ. ތޮލްއަތު އާއެކު އަނެއް ދެ މީހުންގެ މައްޗަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 17 އަހަރަށެވެ.

މިމައްސަލައަކީ އެ ހަތަރު މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ތޮލްއަތުގެ ބައި، އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅުކަމަށާއި އެހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުން ނިންމާފައިވާ ހުކުމެކެވެ.

ތޮލްއަތުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އޭނާ 02 ނޮވެމްބަރ 2015 ދުވަހު އިތުރު ބަޔަކާއި ބައިވެރިވެގެން އައިއީޑީ އެއް ހަދައި، މުލިއާގެ ކައިރި (ނޫރާނީގޯޅީގައި) ޕާރކުކޮށްފައި އޮތް ޕިކަޕުގެ ބެޓެރި (ފިއުލް ޓޭންކް) މަތީގައި އެ އައިއީޑީ ބާއްވާފައިވާތީ އެވެ.

ޓެރަރިޒަމް އަމަލު ހިންގުމުގައި ތޮލްއަތު ބައިވެރިވެފައިވާކަން 10 މާރިޗް 2016 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ".... ޒިހާން އަޙްމަދު އެބުނަނީ ތެދެއްކަމާއި، އެއީ އޭނާއާއި ޒިހާން އަޙްމަދު ދެމީހުން ހެދި އެއްޗެއްކަމާއި......" ބުނެ ވެފައިވާ އިއުތިރާފުން އެނގެން އޮންނަކަމާއި، މީގެ އިތުރުން ވެސް ޓެރަރިޒަމް އަމަލު ހިންގުމުގައި ތޮލްއަތު ބައިވެރިވެފައިވާކަމަށް ހެކި ލިބޭ އިތުރު ހެއްކާއި ގުޅިފައިވާ ޤަރީނާތައް ދައުލަތުގެ ފަރާތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.

މިގޮތުން މިމައްސަލައިގައި ދަޢުވާލިބޭ އެއްފަރާތްކަމުގައިވާ ޒިހާން 10 މާރިޗު 2016 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އެބޮން ހަދާފައިވަނީ އޭނާއާއި ތޮލްއަތު ދެމީހުންކަމަށް ބުނެ އެކަމަށް އިއުތިރާފްވެފައިވާކަމާއި، އެއީ ގޮވާއެއްޗެއްނޫންކަމާއި، އެދުވަސްކޮޅަކީ ސޯޝަލް މީޑިޔާއާއި އަދި އެހެންތަންތަ ނުގައިވެސް ވަރަށް ފޭކުކޮށް މިކަހަލަ އަޑުތަކެއް އިވޭތީ އޭނާއާއި ތޮލްއަތުގެ މައިންޑަށް އެވަގުތު އައި ވިސްނުމެއްކަމާއި، އެބޮން އެމީހުން ތައްޔާރުކޮށްފައިވަނީ އުބައިދުމެން ގޭގައިކަމާއި، އެމީހުންނަކީ ޢާއްމުކޮށް މުޙައްމަދު ޢުބައިދު އިބްރާހީމުގެ ގެއަށް ގޭމު ކުޅެން ސަކަރާތްޖަހަންދާ މީހުންކަމަށް ޝަރީއަތުގެ މަޖިލީހުގައި ޖިހާން ބުނެފައި ވެއެވެ.

އެދުވަހު އޭނާ އުބައިދު މެންގެޔަށް ދިޔައިރު ދިޔައީ ލެޕްޓޮޕް ދަބަހެއްގެ ތެރެއަށް ނަރުބޮނޑިއަކާއި، ބެޓެރިތަކަކާއި، ހެޑްލައިޓެއްގެ ބެޓެރިބުރިއެއް ހިފައިގެންކަމާއި، އޭނާ ދިޔުމުން އުބައިދު ދޮރުހުޅުވުމަށްފަހު އެނދުމަތީ އޮވެފައި ފާޚާނާއަށް ވަދެ ތިރިޔަށް ދިޔައީ ކާން ކަމާއި، އުބައިދު ދިޔުމުން އޭނާ އެކޮޓަރީގެ ތެރޭގައި ހުރި ޑްރެސިންގ ޓޭބަލްމަތީ އެބޮން ތައްޔާރުކުރިކަމާއި، އޭރު ތޮލްއަތު އެކޮޓަރީގައި ހުރިކަމާއި، ތޮލްއަތަށް އޭނާ އެބޮން ތައްޔާރުކުރިކަން އެނގޭނެކަމާއި، އެހެންނަމަވެސް އުބައިދުއަށް އެމީހުން އެއްޗެއް ތައްޔާރުކުރިކަމެއް ނޭނގޭނެކަމާއި، އޭގައި އެއްވެސް ހާލެއްގައި ގޮވާ އެއްޗެއް ނީންނާނެކަމާއި، އެބޮން ބާއްވަންދިޔައީ އުބައިދުގެ ސައިކަލުގައި ތޮލްއަތާ އެކުކަމާއި، އޭނާ މިފަދަ ކަމެއްކުރަން އުޅޭކަން ތޮލްއަތު ފިޔަވައި އިތުރު މީހަކަށްނޭނގޭނެކަމަށް ޖިހާން ބުނެފައި ވެއެވެ.
ހިޔާލު