Bodethi badhaluthah dheyn jehun: emme bodu eh bura!
image
ރައީސް އޮފީސް: މިހާރު ވެސް ވަނީ ބަޖެޓް ކުރި ވަރަށް ވުރެ ގިނައިން ބަދަލު ދޭން ޖެހިފައި.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ބޮޑެތި ބަދަލުތައް ދޭން ޖެހުން: އެންމެ ބޮޑު އެއް ބުރަ!

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް އާންމުވި އެވެ. ހަމައެއް ލަމައެއް ނެތި، ބޮޑެތި އަދަދުތަކުން ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެތައް ކަމެއް ކޮށްފައި އެބަހުއްޓެވެ. އަމިއްލަ މަންފާ ހޯދަން، އޭރުގެ އިސް ވެރިން ހަދާފައިވާ އެއްބަސްވުންތަކެވެ؛ ނުއަގުގައި ބޭރު ގައުމުތަކުން ބޮޑެތި ލޯނުތައް ނަގައިގެން ހިންގި ގިނަ ޕްރޮޖެކްޓްތަކެވެ؛ އެވަރުން ވެސް ނިމުނީ އެއް ނޫނެވެ. ކުރީގެ ސަރުކާރުތަކުން ހަދާފައިވާ އެއްބަސްވުންތައް ހިތު ހުރި ގޮތަކަށް، އެއްވެސް ހަމައަކަށް ބެލުމެއް ނެތި ބާތިލް ކޮށްލީ އެވެ.
ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ އާ ސަރުކާރު ހަވާލުވީ އިރު ރާއްޖޭގެ އިގްތިސާދު އޮތީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. ބަޖެޓް ހުސްވެ، ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ދޭން ދަތިވެދާނެ ކަމުގެ ބިރު ހީވާ ހިސާބަށް ގޮސްފަ އެވެ. މިހާރު އެ ކަންކަމުން މި ވަނީ އަރައިގަނެވިފަ އެވެ. އެހެންނަމަވެސް، އެކި ފަރާތްތަކާއި މެދު ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުން ދައުލަތުން ގެއްލުމުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދު ދުވަހެއް ދުވަހަކަށް މި ވަނީ އިތުރުވާން ފަށައިފަ އެވެ. މިއީ މިހާރު ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާނެކަން ޔަގީނެވެ.

ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ "ގެއްލުމުގެ ބަދަލު" ދިނުމުގެ ބުރަ ބޮޑުކަން އެންމެ ފަސޭހަ އިން އަންދާޒާ ކޮށްލެވޭނީ ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން 50.4 މިލިޔަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް ފުރަތަމަ ހަތަރު މަހުން އެ އަދަދު ހަ ގުނަ އިތުރުވެގެން ގޮސް، 336.7 މިލިޔަން ރުފިޔާ އަށް އަރައިގެން ގޮސްފައިވާ ކަމަށް ހިސާބުތަކުން ފެނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޯޓު މަރުހަލާގެ ތެރެއިން ދައްކަން ޖެހޭ އަދަދު އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރުމަކީ އެ ބުރަ އިތުރަށް ބޮޑުވެގެން ދާނެ ކަމުގެ ހެތްކެވެ.

އެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރި އިރު، ރައީސް ނަޝީދުގެ ސަރުކާރުގައި ދީބާޖާ އާއި އެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދިނުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ އިތުރުން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިޔަން ރުފިޔާ ދޭން ޖެހުނު މައްސަލާގެ އިތުރުން ސީޓީޖީ އަށް 22 މިލިޔަން ރުފިޔާ ދޭން ޖެހިފައި ވެއެވެ.

އޭގެ އިތުރުން ވެސް އަމިއްލަ ކުންފުންޏަކާއި އެކު ހަދާފައިވާ ކޮންޓްރެކްޓާ ފައިނޭންސް ޕްރޮޖެކްޓެއް އުސޫލުން ބޭރުން ކެންސަލް ކުރާތީ އެ ކުންފުންޏަށް، 141 މިލިޔަން ރުފިޔާގެ ބަދަލެއް ދޭން ޖެހުމުގެ ބިރު ވެސް މިހާރު ވަނީ ހީވެފަ އެވެ. އަދި ކުރީގެ ސަރުކާރުން ކުށެއް ނެތި އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާއިރު، އެ މީހުންނަށް ވެސް ބަދަލު ދޭން ޖެހުމުގެ ސަބަބުން އެތައް މިލިޔަން ރުފިޔާ އެއް މިހާތަނަށް ދައްކަން ޖެހިފައި ވެއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާރިހު މީޑިއާ އަކަށް ވިދާޅުވެފައިވާ ގޮތުން ގާނޫނާ ހިލާފަށް އަދި އުސޫލުތަކާ ހިލާފަށް އެއްބަސްވުން ބާތިލް ކޮށްގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ދެ ބިލިޔަން ޑޮލަރު (30 ބިލިޔަން ރުފިޔާ) އަށް އަރަ އެވެ. ވިސްނާ ފިކުރު ކުރާށެވެ؛ އެއީ ރާއްޖޭގެ އެއް އަހަރުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެކެވެ.

އެ ގޯސްތައް ހެދި މީހުން، ސަރުކާރުން ލާރި ބަހަނީއޭ ބުނެ ފާޑުކިޔާއިރު އެ މީހުން ލަދުގަންނަން ޖެހޭނެ އެވެ. ގައުމަށް އެހާ ބޮޑު ގެއްލުމެއް ދިނުމަށް ފަހު އެކަމަށް ފާޑުކިޔަން އެ މީހުންނަށް ފުރުސަތު ވެސް ދީގެން ނުވާނެ އެވެ. ދައުލަތުން ބަދަލު ދޭން ޖެހިފައިވާ ކޮންމެ މައްސަލަ އެއް ވަކިވަކިން ބަލައި، އެ ކަމުގައި ޒިންމާ ވާން ޖެހޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާށެވެ.

އެފަދަ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި، ގަވާއިދުތައް ވަރުގަދަ ކޮށް، އެ މަރުހަލާ އަވަސް ވާން ޖެހެ އެވެ. އެގޮތުން އެފަދަ މައްސަލަތައް ބަލާ "މިނިވަން މުއައްސަސާ"ތަކުގެ މަސައްކަތްތައް ވެސް މިހާރަށް ވުރެ ހަލުވިކަމާ އެކު ކުރިއަށް ދާން ޖެހެ އެވެ. ގައުމަށް އެތައް ބިލިޔަނެއް ގެއްލުނު އިރު، އެފަދަ ގިނަ މައްސަލަތަކުގައި ކޮންމެވެސް ފަރާތަކަށް ނޭއްގާނީ މަންފާތައް ލިބިފައި ހުންނާނެ ކަން ޔަގީނެވެ؛ އެފަދަ ހުރިހާ އެންމެން ހޯދާ އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާށެވެ.

އާ މަޖިލީހާއި އެކު މިފަދަ ކަންކަމަށް ހުރަހެއް ކުރިމަތިނުވެ، ހަލުވިކަމާ އެކު ކޮރަޕްޝަނާއި، ފަސާދަ އަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށް، ޝަރުއީ ދާއިރާ ވެސް އެތައް ގުނައަކުން އިސްލާހު ވެގެން ދާތަން ފެނުމަތީ އެތައް ބައެއްގެ އުންމީދެވެ.
ހިޔާލު