Vaahaka: Fahsi
image
ވާހަކަ: ފައްސި
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: ފައްސި

"ބައްޕަ ހާދަ ލަސްވީއޭ ދޯ" މަންމަ ކޮޅަށް ތެދުވިއެވެ. "ކޮޓަރީގަ ނެތްތަ؟" އަހަރެން މަންމަގެ މޫނަށް ބަލައިލީމެވެ.
"ނުބަލަން ކޮޓަރިއެއް. ބޮކި ނުދިއްލާ ހުރީމަ ބަލައިނުލީ" މަންމަ ހިނގަ ގަތީ ކޮޓަރިއާ ދިމާއަށެވެ.
"އަހަންނަށް ހީވޭ ފަންކާ ޖައްސާފައި ހުރިހެން" މަންމަގެ ފަހަތުން އަހަރެން ވެސް ދިޔައީމެވެ.
ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. މޫނަށް އެޅިގެން ދިޔައީ ހޫނު ވަޔެވެ. އޭރު ވެސް ފަންކާގެ ރަސްމީ ވާޖިބު އަދާކުރާ އަޑު އިވިއިވި ހުއްޓެވެ.
ކޮޓަރިއަށް ވަދެ އަލިކޮށްލީމެވެ. އަހަރެން ފަހަތަށް އެއްލިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ބަލައިލެވުނީ މަންމަގެ މޫނަށެވެ. މަންމައަށް ވެސް ވީ އެވަރެވެ. މަންމަގެ ހަރަކާތް އަވަސްވިއެވެ. މުށިގަނޑު މަތީ އޮތް ބައްޕައާ ދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް މިސްރާބު ޖެހުނެވެ. މަންމަގެ ފަހަތުން އަހަރެން ވެސް ބައްޕައާ ދިމާއަށް ދުއްވާގަނެވުނެވެ.

ބައްޕަ އޮތީ ބައްޑުންނެވެ. އަހަންނާއި މަންމައާ ދެމީހުންގެ ގައިގައި ހުރި ބާރެއް ލައިގެން ބައްޕަ ތެދުކޮށްލެވުނެވެ. ބައްޕަގެ ނިތްމަތި ފަޅައިގެން ދިޔުން ފިޔަވާ އިތުރު ކަމެއް ބޭރު ފުށުން ފެންނާކަށް ނެތެވެ. އަހަންނަށް ބަލައިލެވުނީ ބައްޕަ ނޭވާ ލާތޯއެވެ. އަތުގައި ހިފައިލެވުނެވެ. ވިންދު ޖަހައިތޯ ބަލައިލެވުނެވެ. ވިންދު ޖަހައެވެ. ލަސް ލަހުން ނޭވާ ވެސް ލައެވެ. ބައްޕަ އޮތީ ހޭނެތިފައެވެ.

މަންމަގެ އަވަސް ހަރަކާތްތަކާ އެކު ބައްޕަގެ ނިތްމަތިން ފަޅައިގެން ގޮސްފައިވާ ތަން ސާފުކޮށްލައި މަލަން ގަނޑެއް އަޅައިލިއެވެ. އޭރު ވެސް ބައްޕަ އޮތީ ހުއްޓުން އަރާފައެވެ. މަންމަގެ ތަޖުރިބާގެ ބޭނުންކުރިއެވެ. އެކި ގޮތްގޮތް ހެދިއެވެ. އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެންމެ ފަހުން މަންމަ ގޮތް ހުސްވިއެވެ.
"ދަރިފުޅާ މަރުކަޒަށް ގުޅައިބަލަ" ރޮވިފައިވާ އަޑަކުން މަންމަ ބުނެލިއެވެ.

ހިނދުކޮޅެއްގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒަށް ބައްޕަ ގެންދެވުނެވެ. ޑޮކުޓަރުންނާއި ނަރުހުންގެ ހަރަކާތްތައް އަވަސްވިއެވެ. އަހަންނާއި މަންމައަށް ޖެހުނީ ބޭރުގައި ހުރި ގޮނޑިތައް ފަޅުފިލުވާށެވެ. އަހަރެން އިނީ މަންމައާ ޖެހިގެން ހުރި ގޮނޑީގައެވެ. އަހަންނަށް އިނދެވުނީ މަންމަގެ ހަރަކާތްތަކަށް ބަލާށެވެ. މަންމަގެ ދެ އަތްތިލަ އޮތީ އެއް އަތް އަނެއް އަތުގެ ތެރެއަށް ލެވިފައެވެ. އިނގިލިތަކަށް ފިތަމުން ފިތަމުން ދިޔައެވެ. މީހާގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

"ޔޫސުފުގެ އެހީތެރިއަކަށް ޑޮކުޓަރ ގޮވާލައްވާ އެބަ" އަހަންނަށް ސިހިފައި ބަލައިލެވުނީ ނަރުސް ކުއްޖާގެ އަޑު ޖެހުމުންނެވެ.
ނަރުސް ކުއްޖާގެ އަޑު ޖެހުނު އިރަށް މަންމަ ކޮޅަށް ތެދުވިއެވެ. މަންމައާ އެކު އަހަރެން ވެސް ހިނގައިގަތީމެވެ.
"ޔޫސުފު އިތުރަށް ބަލަން ޖެހޭ. މި ދެންނެވީ ޚާއްޞަ ޑޮކުޓަރަކަށް ދައްކަން ޖެހޭ ކަމަށް. މި ވަގުތަށް އެއްޗެއް ދެންނެވުން އަދި އަވަސް" ޑޮކުޓަރު ބަލައިލީ އަހަރެންގެ މޫނަށެވެ.

"އަނެއްކާ ކަމެއް ގޯސްވީތޯ؟" އަހަންނަށް މަޑުމަޑުން އަހައިލެވުނެވެ.
"މި ވަގުތު ޔޫސުފު ރަނގަޅު. އެހެނަސް ފެންނަން ހުރި ބައެއް އަލާމަތްތަކާ މެދު އަޅުގަނޑަށް ޝައްކު ކުރެވޭތީ ޚާއްޞަ ޑޮކުޓަރަކަށް ދައްކައިގެން ޔަގީންކޮށްލުން ވަރަށް މުހިއްމު" ޑޮކުޓަރު ވަރަށް ހަމަ ޖެހިލައިގެން އިނދެ ވާހަކަދެއްކިއެވެ.
"ކޮން ކަމަކަށްތޯ ޝައްކު ކުރެވެނީ؟" މަންމަ ވެސް ސުވާލުކޮށްލިއެވެ.

"ތަންކޮޅެއް ކުރީން ވެސް މިކަހަލަ ކަމެއް ދިމާވެފަ ހުރުމާ، ދެން ފާތުމަ އެ ދުވަހު ކިޔައިދެއްވި ކަންކަމާ ގުޅުވާ ލެވުނީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އެއް ކަމެއް ތަކުރާރުވަމުން އަންނަކަމަށް. ޚާއްޞަ ޑޮކުޓަރަކަށް ދައްކާ ޔަގީންކޮށްލުމަކީ ރައްކާތެރި ގޮތް. ޚާއްޞަ ޑޮކުޓަރަކަށް ދައްކީމަ ފެންނަ ކަމެއް އެބޭފުޅުން ވިދާޅުވާނެ. ޝައްކުކުރެވޭ ކަމެއް އަޅުގަނޑު ބުނުން އެންމެ ރަނގަޅު ކަމަކަށް ނުވާނެ" ސާފު ދިވެހި ބަހުން އިވެމުން ދިޔައީ އިނގިރޭސި ބަހުން ޑޮކުޓަރު ދެއްކި ވާހަކަތަކެވެ.
"މިހާރު ޔޫސުފު ކޮބައި؟" ތަރުޖަމާ ކޮށްދޭން އިން އަންހެން ކުއްޖާގެ މޫނަށް ބަލައިލަމުން މަންމަ އަހައިލިއެވެ.
"މިކޮޅަށް ގެނައިރު، އޮތީ ހޭނެތިފަ، އެކަމަކު މިހާރު އޮތީ ހޭއަރައިފަ. އޮބްސަރވޭޝަންގައި ބައްވާލަން އެބަ ޖެހޭ. ދެން މިހާރު ގުޅައިފަ އެވާ އައިވީ ހުސްވީމަ ބަލައިފަ ދޫކޮށްލާނީ" ޑޮކުޓަރުގެ މޫނަށް ބަލައިގެން އިނދެ ތަރުޖަމާނު ޑޮކުޓަރުގެ ވާހަކަ ސާފުކޮށްދިނެވެ.
ބައްޕަގެ ހާލަތާ ގުޅޭގޮތުން ޑޮކުޓަރު ދެއްކި ވާހަކަތައް ދޮންތައާއި ތުއްތައަށް ސާފުކޮށް ދިނުމުގެ ޒިންމާ މަންމަ ހަވާލުކުރީ އަހަންނަށެވެ. ޑޮކުޓަރު ކިޔައިދެއްވި ހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް އަހަރެން ކިޔައިދިނީމެވެ. ބައްޕަ ޑޮކުޓަރަށް ދެއްކުމުގެ ކަންކަމާ ހަވާލުވީ ދޮންތަގެ ދެ މަފިރިންނެވެ. މަންމަ ދެކޮޅު ހެދި ނަމަވެސް، އެންމެ ފަހުން ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ. އަހަންނަށް ސްކޫލަށް ދާން ޖެހޭތީއާ އަހަރެން ގޭގައި އެކަނި ހުންނަން ޖެހޭތީއެވެ. ދޮންތަމެން ނިންމީ ބައްޕަ ގޮވައިގެން އިންޑިޔާއަށް ދިޔުމަށެވެ.

ބައްޕަ އިންޑިޔާއަށް ފުރީއްސުރެ މަންމަ އިންނަނީ ފާޑަކަށެވެ. މިލައި މޯޅިވެފައެވެ. ވާހަކަދައްކަނީ މަދުންނެވެ. ކެއުމާ ވެސް، މަންމަ ދުރުވިއެވެ. އަހަންނަށް ފެންނަމުން ދިޔައީ މުޅީން ތަފާތު މަންމައެކެވެ.ހީވަނީ ބައްޕަ ފުރައިގެން ދިޔައީ މަންމަގެ ހިނިތުންވުން ވެސް ހިފައިގެން ހެންނެވެ. މަންމަގެ އުޖާލާ ދެ ލޮލުން އަބަދުމެ ހުންނަނީ ކަރުނަ ހިލިހިލިއެވެ. މޫނުމަތީގެ ތާޒާކަން ވަނީ ގެއްލިފައެވެ.

"ދަރިފުޅާ ދޮންތައަށް ގުޅައިބަލަ" ބައްޕަމެންގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވުމުން މަންމަގެ ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ.
"ދޮންތައާ ވައިބަރ އިން ވާހަކަދެއްކީ މޭ މިއަދު" ކައިގެއަށް ވަންނަމުން އަހަރެން މަންމައަށް އޮޅުން ފިލުވައިދިނީމެވެ. "އޭރު އަދި ޓެސްޓުތަކުގެ ނަތީޖާ ނުލިބިގެން ޑޮކުޓަރަށް ނުދެއްކިއޭ ބުނީ"
"ކޮން އިރަކުން ނަތީޖާ ލިބެނީ؟" ބަތްސަމުސަލެއް ތަށްޓަށް އަޅައިލުމަށް ފަހު މަންމަ އަހަރެންގެ މޫނަށް ބަލައިލިއެވެ.
"ހަވީރު" އަހަންނަށް ބަލައިލެވުނީ މަންމަގެ ތަށްޓަށް އެޅި ބަތް ސަމުސަލަށެވެ. "މަންމާ ތި ވަރަށް ކައިގެން ކިހިނެއް އުޅޭނީ. މަންމަ ބުނާނެ އަހަރެން ގާތު ކަންކަމާ ކުރިމަތިލާން ޖެހޭނޭ. ހިތްވަރު ކުރާން ޖެހޭނޭ. ކައިގެންނޭ ދިރިއުޅެވޭނީ. އެކަމަކު މަންމަ އެޅި ބަތްކޮޅު ތި ހުރީ. ތީގައި ބަތް ސުވާއެއް ވެސް ނުހުންނާނެ"
"ދަރިފުޅާ މަންމަ ކާހިތް ނުވަނީއޭ. ހީވަނީ ފުރިހަފައި ހުންނަހެން. މަންމައަށް ވިސްނެނީ. ހަމަ ކަމެއް ގޯސްވާން އުޅޭހެން ހަމަ ހީވަނީ" ލަސްލަހުން މަންމަ ބުނެލިއެވެ. "މަންމަގެ ހިތް ވަރަށް ސީދާވާނެ. ކަމަކާ މެދު ހިތް އެއްޗެއް ބުނެފި ނަމަ އެކަމެއް މިހައިތަނަށް އޮންނަނީ ދިމާވެފަ"
"އަބަދު އެއްގޮތް ނުވެދާނެ. މަންމަ ވެސް މާ ބޮޑަށް ވިސްނާތީ ވާގޮތެއް ތީ. ދެން އިހަށް ހަމަޖެހިބަލަ. މިރޭ ދޮންތަމެން ޑޮކުޓަރަށް ދައްކައިފަ ބުނާ އެއްޗެއް އެނގުނީމަ އިތުރަށް ވިސްނަންވާނީ. މާކުރިން މަންމަ ވިސްނަނީތި" އަހަރެން ބެލީ މަންމައަށް ވިސްނައި ދެވޭތޯއެވެ.
ފިލާވަޅުތައް ނިންމުމަށް ފަހު ނިދަން އޮށޯތުމުގެ ކުރީން އަހަރެން ބަލައިލީ ދޮންތަ އޮންލައިންގައި އިންތޯއެވެ. މަންމަ ވެސް ދެފަހަރަކު އެހެން އަހައިލުމުންނެވެ. ނަސީބު ރަނގަޅެވެ. ދޮންތަ އިނީ އޮންލައިންގައެވެ.

"ދޮންތާ" އިނގިލިން އަހަރެން ދޮންތައާ ވާހަކަދައްކަން ފެށީމެވެ.
"އާނ" ދޮންތަ ވެސް ލިޔެލިއެވެ.
"ކީކޭތަ ޑޮކުޓަރު ބުނީ؟" އޭރު ދޮންތަ ލިޔަމުންދާ ކަމަށް ދައްކައެވެ. އެހެންވެ އަހަރެން މަޑުކޮށްލީމެވެ. ދެތިން ސިކުންތުވީ އިރު ވެސް ދޮންތަ ލިޔަމުން ދިޔަ އެއްޗެއް އަހަންނަށް ފެންނަވަރެއް ނުވިއެވެ. އަނެއްކާ ވެސް އަހަރެން ލިޔާން ފެށީމެވެ.
އަހަންނަށް ލިޔެވުނީ ހަމަ އެއް ޖުމުލައެކެވެ. އެހެންވެ ލިޔުނު އަކުރުތައް ފޮހެލީމެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ދޮންތަގެ ޖަވާބަކަށެވެ. ދެތިން މިނެޓު ފާއިތުވީއެވެ. ދޮންތަ ލިޔަމުންދާ ކަމަށް ދައްކައެވެ. އެހެނަސް ލިޔާ އެއްޗެއް އަހަންނަކަށް ނުފެނެއެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ އިހުސާސް ވިކައިގަތެވެ. ހިތް ތެޅެން ފެށިއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި ރަސްކަން ކުރާން ފެށިއެވެ.

"އޯ. ސީ. ޑީ" އިންތިޒާރުތަކަށް ނިމުމެއް އައީ ދޮންތަ ލިޔެފައިވާ ތިން އަކުރު ފެނުމުންނެވެ.
އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އެންމެ ތިން އަކުރު ލިޔާން އެހައި ގިނަ ވަގުތު ނެގީ ހެއްޔެވެ؟ ނޫނީ ދޮންތަ އަހަންނަށް ކަމެއް ސިއްރުކުރާން މަސައްކަތް ކުރަނީ ހެއްޔެވެ؟ ބައްޕަގެ ބައްޔަކީ ކޮބައިކަން ބުނާން ދޮންތައަށް އުނދަގޫ ވަނީ ހެއްޔެވެ؟ އަނެއްކާ އޯ ސީ ޑީ އަކީ ކޮން އެއްޗެއް ހެއްޔެވެ؟ އެއީ ބައްޔެއް ހެއްޔެވެ؟ ނޫނީ ދިގުވާހަކައެއް ކުރުކޮށް ބުނެލީ ހެއްޔެވެ؟

(ނުނިމޭ)
ހިޔާލު

ކިޔުންތެރިއެއް

ވަރަށް ރީތި ސީރީސް ވާހަކައެއް..... ދެން އޮތް އެޕްސޯޑް ވަރަށް ކިޔާ ހިތްވޭ.