Raajjeyge kanduge sarahahdhuge himaayathugai dhin vote PPM in kuhveri koffi
image
ޗާގޯސްގެ އަތޮޅެއް
ސީއެންއެމް
2 ކޮމެންޓް
 

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހިމާޔަތުގައި ދިން ވޯޓް ޕީޕީއެމުން ކުށްވެރިކޮށްފި

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް އދ ގެ އާއްމު މަޖިލީހުގައި ރާއްޖެއިން ދިން ވޯޓް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ކުށްވެރި ކޮށްފިއެވެ.
ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ ގެ އާއްމު މަޖިލީހުގައި ވޯޓަށް އެހީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ލަފައެއް ނެރެފައި ވަނިކޮށެވެ. ނަމަވެސް އެއީ އަމަލުކުރުން ލާޒިމް ލަފައެއް ނޫނެވެ.

އެ ލަފަޔަށް އަމަލުކުރުމަށް ބާރު އެޅުމަށް އދ ގައި ނެގި ވޯޓުގައި މޮރިޝަސްއާއި ދެކޮޅަށް ވޯޓް ދިނީ ހަ ގައުމަކުންނެވެ. އެ ގައުމުތަކަކީ ރާއްޖެއާއި އިނގިރޭސި ވިލާތާއި އެމެރިކާއާއި އޮސްޓްރޭލިއާއާއި ހަންގޭރީގެ އިތުރުން އިޒްރޭލެވެ. 116 ގައުމަކުންވަނީ މޮރިޝަސްއާއި އެއްކޮޅަށް ވޯޓް ދީފައެވެ.

ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮރިޝަސްއާއި ދެކޮޅާށް ރާއްޖެ އިން ވޯޓު ދިން މައްސަލައިގައި ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމުގައެވެ.

ޕީޕީއެމުން ބުނީ ރާއްޖެއިން ނިންމި ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ.

ޗާގޯސް އައިލެންޑްސް އަކީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް މޮރިޝަސް އަތުން އިނގިރޭސިވިލާތުން ގަނެފައިވާ ސަރަހައްދެކެވެ.

ޗާގޯސް މައްސަލާގައި މޮރިޝަސްއާއި ދެކޮޅަށް ވޯޓް ދިން ސަބަބު ދިވެހި ސަރުކާރުންވަނީ ދިފާއުކޮށްފައެވެ. ފޮރިން މިނިސްޓްރީން ބުނީ ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ވޯޓު ދިނީ، ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމާ ގުޅޭ މައްސަލައަކާއި ގުޅިގެން ކަމުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ކަނޑުގެ މިލްކުވެރިކަމާއިމެދު ރާއްޖެއާއި މިރިޝަޝްއިން ދައުވާކުރަމުން ދާއިރު އެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދީފި ނަމަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައެވެ.

ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމުގެ މައްސަލަ އޮތީ އދ އަށް ހުށަހަޅައިފަ އެވެ.

ޗާގޯސް، މޮރިޝަސްގެ ދަށަށް ގޮސްފިނަމަ ކޮންމެ ގައުމަކަށް ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއިން ރާއްޖެ އަށް ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއަށް މޮރިޝަސްގެ ސަރަހައްދު ވަދެއެވެ. އެހެން ކަމުން އެގޮތަށް ކަންވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް ޕީޕީއެމުން ރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ނިންމުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތްކުރުމަށް ނިންމި ނިންމުމެއްކަމުގައި ސަރުކާރުން ބުނި ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫން ކަމުގައެވެ. އަދި އެކަމުގެ ހަގީގަތް ހާމަކޮށްދޭން ޕީޕީއެމުންވަނީ ސަރުކާރަށް ގޮވާލާފައެވެ.

ޕީޕީއެމް ސަރުކާރު
ހިޔާލު

މަހްރަމް

ޕީޕީ އެމްގެ ތި ބައިގަނޑަކީ ގޮތް އަގަލު ގައިން ކެނޑި ލަދު ހަޔާތް މަދު ަބއެއް ބޭރު މީހުންނަށް ބިން މިލްކުވާގޮތަށް ގާނޫނު ބަދަލްކޮށް ރާއްޖޭގެ ބިން ވިއްކި ބަޔަކު ދެން ކީކޭބާ މި ކިޔަނީ ލަދުން ބޯ ހަލާކު މިފަދަ ބޮޑެތި ޚާއިނުންގެ ބަޔަކު ތިބި އެއްވެސް އެހެން ޕާރޓީއެއް މިރާއްޖެއަކު ނެތް

ޕަޕެޓް

ވޯޓް ދިނީ ރާއްޖޭގެ ކަނޑުގެ ސަރައްދުގެ ހިމާޔަތަކު ނޫން. ވޯޓް ދިނީ އިނގިރޭސިންނާ އެމެރިކާނުންނާ ޔަހޫދީން ބޭނުންވިގޮތަށް، މިކަން އޮޅުވާނުލާ ނޫސްވެރިން