Gasim eve; ithuru choice eh eba oiy heyyeve?
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް--
8 ކޮމެންޓް
 

ގާސިމް އެވެ؛ އިތުރު "ޗޮއިސްއެއް" އެބަ އޮތް ހެއްޔެވެ؟

ތިމާ ޖަލަށްލީމައި ތިމާ ޖަލުން ސަލާމަތްވެވޭނެ ގޮތްތައް ކޮންމެ މީހަކުވެސް ބަލާނެއެވެ. އެއީ ޖަލަކީ އެކަކުވެސް ދާން ބޭނުން ވާނެ ތަނަކަށް ނުވާތީ އެވެ. އެހެންކަމުން ޖަލުން ސަލާމަތްވުމަށް ސިޔާސީ މީހުން ކުޅޭނީ ސިޔާސީ "ކުޅި" އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ކުރިން ދައުލަތަށް ހިދުމަތް ކުރެއްވި އިއްޒަތްތެރި ގިނަ ބޭފުޅުންތަކެއް ޖަލަށްލި ވެރިކަމެކެވެ. ކުރީގެ ރައީސުންނާއި ނައިބު ރައީސުން، ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަދި ކުރީގެ މިނިސްޓަރުންނާއި ފަނޑިޔާރުން ޖަލަށްލިއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުން ޖަލަށްލާފައިވަނީ ސިޔާސީ ދައުވާތަކާއި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކޮށްގެންނެވެ.

ރާއްޖޭގެ އަދުލުއިންސާފަކީ އެނބުރޭ ވަހުތާނެކެވެ. އެއިރެއްގެ ސަރުކާރެއްގެ މުށު ތެރޭގައި އޮންނަ އެއްޗެކެވެ. ހާއްސަކޮށް، ސިޔާސީ ވަކިބައެއް ކޮންޓްރޯލް ކުރާ ދައުލަތުގެ އެއް ބާރެވެ. އަދުލުއިންސާފު އިސްލާހުކުރަން ބޭނުންވެގެން އެކަން ތާއަބަދު ގޮވަމުންދަނީ އެމްޑީޕީން ނެވެ. އެހެންކަމުން ގިނަ ފަނޑިޔާރުން އަބަދުވެސް އެމްޑީޕީއާ ދެކޮޅެވެ. އެމްޑީޕީ ސަރުކާރެއް އުފެއްދިއްޖެނަމަ ޖުޑިޝަރީގެ އުނދަގޫ ވަރަށް ބޮޑެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓާލުމުގައި ޝަރުއީ ދާއިރާގެ ރޯލު ވަރަށް ބޮޑުކަމަށް ވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ އެންމެ އިސްފަރާތެވެ. މިހާރުވެސް ޖުޑިޝަރީގެ އުނދަގޫ ސަރުކާރަށް ފޯރަމުންދެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މިރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. ރާއްޖޭގެ ސިޔާސީ އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސަރުކާރެއް ހިންގެން އަންނަނީ ގާސިމް ބައިވެރިކޮށް ގެންނެވެ. ސަރުކާރެއް ވައްޓާލަންވެސް ގާސިމްގެ މުހިއްމުކަން ބޮޑެވެ. ޝަރުއީ ދާއިރާއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާ އެއް ބޭފުޅަކީ ގާސިމް ކަމަށް ބުނެ ދައްކާ ވާހަކަތައް އަޑު އަހަމެވެ. އެއީ ސިޔާސީ ލީޑަރުންވެސް ދިވެހި ގިނަ ބަޔަކުވެސް ދެބަސްވާނެ ކަމެއް ނޫނެވެ.

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ސަރުކާރެއް އެކުލަވާލެވިފައިވަނީ ގާސިމާއެކު ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް އެ ސަރުކާރުތަކާއެކު ގާސިމަށް ހިފަހައްޓާލެވެނީ ކުޑަ ދުވަސްކޮޅެކެވެ. ދެން ފެންނަމުން ދަނީ ސަރުކާރާ އިދިކީލި ވާތަނެވެ.

އެހެންކަމުން ގާސިމަކީ ސަރުކާރުތައް ގެނައުމުގަ އާއި ސަރުކާރުތައް ވައްޓާލުމުގައި ހުށިޔާރު ބޭފުޅެއްކަމަށް ވެއެވެ.

ރިޕޯޓްގެ އަސްލު މައުޟޫއަށް ޖެހިލާނަމެވެ. ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށް ދާދި ފަހުން ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީން އެޕާޓީގެ އޮފީސް ކުނޫޒުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ޖުމްހޫރީ ޕާޓީ "އެކްޓިވް" ނުވެ އޮތް ސަބަބު ހާމަކޮށްދެއްވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބަށްފަހު އިސްކަން ދެއްވީ ގައުމީ މަސްލަހަތަށެވެ. ގާސިމް ވިދާޅުވީ ބަދަލުހިފުމުގެ ރޫހެއްގައި ކަމެއް ކޮށްގެން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނޭ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ވަމުން އަންނަ ގޮތް ދިވެހިންނަށް އެނގޭނޭ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ރައީސް ކަމަށް ވާދަނުކުރެވުނީ އެމަނިކުފާނު "ކަންތައްގަނޑެއްގެ ތެރޭގައި ތާށިވެފައި" ހުރުމުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކޮށްގެން ގެނައި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ގެނައުމަށް އަޅުގަނޑުމެން ކުރި މަސައްކަތް އަޅުގަނޑުމެން ހަނދާނުން ނެތިގެން ނުދާނެ. އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓާ ނެގެހެއްޓުމަށް އަޅުގަނޑުމެން ކޮށްދޭން ޖެހޭ ހުރިހާ މަސައްކަތެއް ކޮށް ދިނުމަށް ޖުމްހޫރީ ޕާޓީ އާއި އަޅުގަނޑު މިހިރީ ތައްޔާރަށް،" ޤާސިމް ވިދާޅުވިއެވެ.

ގާސިމް އެވެ. ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ވަމުން އަންނަ ގޮތް ދިވެހި ރައްޔިތުންނަށް އިނގެ އެވެ. އެގޮތުން، ގާސިމް ޖަލުން މިނިވަން ކުރުމަށް އިދިކޮޅު ސިޔާސީ ބޭފުޅުން، ހާއްސަކޮށް، އެމްޑީޕީ އާއި އެޕާޓީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތް ދިވެހި ރައްޔިތުންނަށް އެނގެއެވެ. އަދި އޭގެ ފަހުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަންކަން ވަމުންދިޔަ ގޮތް އެނގެ އެވެ. އަދި ރައީސް ސޯލިހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާއެކު މަގާމުތައް ނުލިބިގެން އުޅުނު މީހުންނާއި މިނިސްޓަރުން މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވަގުތާ ޖެހެންދެންވެސް ޕާޓީގެ ތެރޭގައި އޮތް ހަމަނުޖެހުމާއި އޭގެ ފަހުން ޕާޓީ "ފުނޑޭ" ހިސާބަށް ކަންތައް ގޮސް، އެންމެ ފަހުން ގާސިމް ގިނިކަންޏާ ހުންނަވަން ޖެހޭ ހިސާބަށް ކައްތައްތައް ދިޔަތަން ރައްޔިތުން ތިބީ ބަލާށެވެ.

ގާސިމް އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، މަޖިލީހުގެ ރައީސް އާއި ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން މަނިކުފާނު ރައީސް ސޯލިހަށް "ދުއްޕާން" ކުރިތަންވެސް ދިވެހި ރައްޔިތުން ތިބީ ބަލާށެވެ. އަދި މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ މަޖިލީހަށް މަނިކުފާނު ނިކުންނެވީ، ސީދާ ސަރުކާރާ ދެކޮޅަށެވެ. ސީދާ، ރައީސް ސޯލިހާއި ދެކޮޅަށެވެ. އެ އިންތިހާބުން ބޮޑު ތަނުން ފެއިލްވުމުން ދެން އަނެއްކާ ވަޑައިގެން ތިޔަ ވިދާޅުވަނީ ތިމަން މަނިކުފާނު މިހުންނެވީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.

ގާސިމް އެވެ. ތިމަންނަ އާއި ޕާޓީ މިއޮތީ ރައީސް ސޯލިހާ އެކުގައި ކަމަށް ތިޔަ ވިދާޅުވީ މަނިކުފާނަށް އިތުރު "ޗޮއިސެއް" ނެތުމުންކަން ދިވެހި ރައްޔިތުންނަށް އަދި މާރަނގަޅަށް އެނގޭނެ އެވެ.
ހިޔާލު

މަރީ

ކޮބާ ގާސިމް މަގޭ ސަލާމް

ޝިފާނު.

100 ގެ ލިއުމެއް.

ވަތަން

ޤާސިމް މަޖިލިސް އިންތިޙާބުގައި އެމް،ޑީ ޕީ އާއި ދެކޮޅަށް ނިކުންނަން ޖެހުނު ސަބަބު ބުނެދެވުނު ނަމަ ރިޕޯޓު ވަރަށް ފުރިހަމަ ވީސް

ރއޔތ

ރިޕޯރޓުގެ ބޭނުމަކީ ޤާސިމް ރުޅިއަރުވައި އެމް ޑީ ޕީ އާއި ޖެއްސުން، ދެއްތޯ؟

ޙަބީބު

ވަރައް ފުރިހަމަ ލިޔުމެއް

ލަކީ

ހެހެހެ ހަމަ ރަންގަޅު ވާހަކަ ކޮޅެއް

ގޮބޮޅި

ހަހަހަ ވަރަށް ހަބޭސް ލިޔުމެއް

ހުންތަ

ކޮސް ގޮވާފައިވާ ރިޕޯޓެއް އޮއްޓަރެއްނެތް