FIFA inn New Radiant suspend koffi
image
މިދިޔަ އަހަރު އޮތް އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ނިއު ރޭޑިއަންޓުން އުފާފާޅުކުރަނީ -- ފޮޓޯ: ބޯޅަ ޑޮޓް ކޮމް
0 ކޮމެންޓް
 

އިތުރު ކުޅުންތެރިއަކު ނުގެނެވޭ ގޮތަށް ފީފާއިން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފި

ނިއު ރޭޑިއަންޓަށް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އިން އެ ކުލަބު ސަސްޕެންޑްކޮށްފި އެވެ.
ފީފާއިން އެ ފިޔަވަޅު އެޅީ ނިމުނު ފުޓްބޯޅަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނު ކުޅުންތެރިއަކަށް ދޭން ޖެހޭ މުސާރަ އޭނާ އަށް ނުދިނުމުން ހުށަހެޅި މައްސަލާގަ އެވެ.

އަފްގާން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހާރޫނު އަމީރީގެ މުސާރައިގެ ގޮތުގައި 43،380 ޑޮލަރު 45 ދުވަސް ތެރޭގައި ދިނުމަށް މިދިޔަ ފެބްރިއަރީ މަހު ފީފާއިން ނިއު ރޭޑިއަންޓަށް އެންގި އެވެ.

އެކަމަކު އެ މުއްދަތުގައި ވެސް ފައިސާ ދީފައެއް ނުވެ އެވެ. ފީފާއިން އެ ކުލަބު ސަސްޕެންޑު ކުރުމަށްފަހު ބުނީ ކުރިއަށް އޮތް ތިން ފުޓްބޯޅަ ސީޒަނުގައި ވެސް އެކުލަބަށް ކުޅުންތެރިއަކު ނުގެނެވޭނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ސީޒަނަށް ވެސް ނިއު އަށް އާ ކުޅުންތެރިންނެއް ނުލިބޭނެ އެވެ. އޭގެ ތެރޭގައި ދިވެހި ކުޅުންތެރިން ވެސް ހިމެނެ އެވެ.

އެކަމަކު މިއަހަރުގެ ޓްރާންސްފާ މުއްދަތު ފެށުމުގެ ކުރިން އެފައިސާ ދައްކައިފި ނަމަ ނިއު ރޭޑިއަންޓަށް ސަސްޕެންޝަނުން ސަލާމަތްވުމުގެ ފުރުސަތު އެބަ އޮތެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެސް މީގެ ކުރިން ވަނީ އެ ކުލަބު ސަސްޕެންޑުކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ.

ނިއު ރޭޑިއަންޓަށް ބޮޑެތި މާލީ މައްސަލަތަކެއް ދިމާވެފައި ވަނިކޮށް އެކުލަބުގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދު މިދިޔަ ހަފްތާގައި ވަނީ އިސްތިއުފާ ދީފަ އެވެ.
ހިޔާލު