Vissaarave fenboduvumaa gulhigen samaalukan dheyn jehey kanthahthah
image
އައިޖީއެމްއެޗް ކައިރި ފެންބޮޑުވެފައި -- ފޮޓޯ: ދުވަސް
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް!

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. ބޯކޮށް ވިއްސާރަ ވެހުމާ ގުޅިގެން ބައެއް ރަށްތަކުގައި ފެން ބޮޑުވަމުންދާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ގިނަ އެވެ.
އެގޮތުން އާއްމު ސާފުތާހިރު ކަމަށް ބަލާއިރު ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުމަށް ވާރޭފެން، ފުޅީގައި ބަންދުކުރި ފެން ނުވަތަ ކެއްކި ފެން ބޭނުންކުރުމަށް ހެލްތު ޕްރޮޓެޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ނަރުދަމާ، ސެޓްފިކެޓް ޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަ ނަމަ، ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުން މުހިއްމު ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕަބްލިކް ހެލްތު ޔުނިޓަށް ނުވަތަ މާލޭގައި ނަމަ އެޗްޕީއޭ އަށް އެންގުމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމާއި ސައިބޯނި ލައިގެން ސާފު ފެނުން ގިނަ ގިނައިން އަތް ދޮވުމަށް ސަމާލުކަން ދެއްވުމުގެ އިތުރުން ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާހާނާ ކުރުމުގެ ފަހުން ސައިބޯނި ލައިގެން އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކާބޯތަކެއްޗާއި ބޭސްބޭނުން ކުރުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެގޮތުން އެއްވެސް ބޭހެއް ބޭނުންކުރައްވާ ފަރާތެއް ނަމަ، ފެނުގެ އަސަރު ނުކުރާނެ، ރައްކާތެރި ހިސާބެއްގައި ބޭސް ރައްކާކުރަންވާނެއެވެ.

އޭގެ އިތުރުން އިންސިއުލިން ފަދަ، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ބޭސް، ރައްކާތެރިކަމާއެކު ފްރިޖްގައި ބެހެއްޓުމާއި ގޭތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން ކަރަންޓް ކަނޑާލަން ޖެހިއްޖެނަމަ އެފަދަ ބޭސް، އެހެން ފްރިޖެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ފެން ބޮޑުވެގެން އެއްވެސް ވަރަކަށް ކާބޯތަކެތީގައި ޖެހިއްޖެނަމަ، އެފަދަ ކާބޯތަކެތި ބޭނުން ނުކުރުމާއި އަދި ރައްކާތެރި ގޮތުގައި އުކާލުން ވަރަށް މުހިންމެވެ.

ހަތަރު ގަޑިއިރަށްވުރެ ގިނައިރު ކަރަންޓް ނެތްނަމަ، ފްރިޖްގައި ބަހައްޓާފައިވާ ކުނިވާ ޒާތުގެ ކާބޯތަކެތި (ކައްކާފައިވާ ކާއެއްޗެހި ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ. ނަމަވެސް ގަނޑުކުރާ ބައިގައި ރަނގަޅަށް ގަނޑުވެފައިވާ ކާބޯތަކެތި، ކަރަންޓް ކެނޑޭތާ 24 ގަޑިއިރުވަންދެން ރައްކާތެރިކަމާއެކު ހުންނާނެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން މުހިއްމު ކަމަށާއި ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެގޮތުން ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ މުދާ ހުރި ނަމަ އެތަކެތި ވެސް އުސް ތަންތަނަށް ބަދަލުކުރަން ވަނީ އެދިފަ އެވެ.

ގުގުރާ ހޮނުއެޅުމުގެ ސަބަބުން ހަލާކުވެދާނޭ ފަދަ ކަރަންޓު ތަކެތި ބޭނުން ނުކުރާނަމަ ނިއްވާލާފައި ބަހައްޓަންށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް އެންޑީއެމްއޭ އިން އެދެ އެވެ.
އެޗްޕީއޭ ވިއްސާރަ
ހިޔާލު

ބުޅާ

ތިޔަ އެޗުޕީއޭއަކީ ނަސްލީ ތަފާތުކުރާ ތަނެއް. އުވާލަންޖެހޭ. ރާއްޖޭގެ ރަށްރަށް ފެނުއަޑީގަ ހަފްތާ ދެހަފްތާވާއިރު ތިޔަ ބަޔާނެއް ނުނެރެވޭ ދުވަހަކުވެސް. މާލެއަށް ވާރޭ ކަނިޖަހަންފެށާއިރަށް ނަސޭހަތުގެ ބަޔާންނެރޭނެ. ރަށްރަށުގަ ފެންހުސްވެގެން ބަނޑަށްޖެހިފަ ތިބޭއިރުވެސް ދުވަހަކުވެސް ބަޔާނެއްނުނެރޭ. ރަށްރަށުގަ ޑެންގީ ފެތުރި ރަށުރައްޔިތުން ދޯނިފަހަރުގަ މާލެގެންދާއިރުވެސް ބަޔާނެއް ނުނެރެވޭ.

ފަޓާސް

ވިއްސާރަކުރީމައި މާލޭގައި ފެންބޮޑުވޭތޯއެވެ؟ ހަނދާންނެތުނީއެވެ! މިހާރުމިއޮތީ ކޯލިޝަނެއްގެ ސަރުކާރެއްނަމަވެސް އެމްޑީޕީހިމެނޭ ސަރުކާރެކެވެ. އެހެންވީމައި ވިއްސާރަވެއްޖެނަމަ ފެންބޮޑުވާނެއެވެ. މިދިޔަވެރިކަމުގައި މިކަހަލަ އެއްވެސްކަމެއް ދިމަލެއްނުވޭދޯއެވެ!!!!