Nasheedhuge huvafenuga kula jessumuge dhuvas athuvejje!
image
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އިވެންޓެއްގައި -- ފޮޓޯ: އައިރިޝް ޓައިމްސް
ސާޔާ އަހްމަދު
2 ކޮމެންޓް
 

ނަޝީދުގެ "ހުވަފެނުގައި" ކުލަޖެއްސުމުގެ ދުވަސް އަތުވެއްޖެ!

ހަނދާނަށް އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކުރިމަތިވަމުންދިޔަ އަނިޔާވެރިކަމުގެ ސަބަބުން އަމިއްލަ ގައުމުން އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގައުމަށް އެނބުރި ވަޑައިގެންނެވި ދުވަހު އުނިމާ ގްރޭންޑް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ.
"އަޅުގަނޑު ސާފުކޮށް، ސީދާކޮށް އަދި މުޅިއަކުން ކަންކަމެއް (މަޖިލީހަށް ވާދަ ކުރެއްވުމާ ގުޅޭ ގޮތުން) ނުނިންމަން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މައިދާނުގެ ނާރެސް. އެތަނުގެ ހަމަޖެހުން އަނެއްކާ ވެސް އަދި އެތަން އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވެދޭ ތަނަކަށްވުމަކީ އަދި ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކުރާ ތަނަކަށް ހެދުމަކީ އަބަދުވެސް އަޅުގަނޑުގެ ހުވަފެނެއް، އަބަދުވެސް އަޅުގަނޑު ކުރާ މަސައްކަތެއް،" އެދުވަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެދުވަހު ރައީސް ނަޝީދު ވިދާޅުވީ ހުވަފެނަށް އަސްލު ކުލަ ޖެއްސުމުގެ ދުވަސް މިއަދު މިއޮތީ އައިސް ޖެހިފަ އެވެ. މަޖިލިހުގެ ގޮނޑިއަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފަހު، މަޖިލިހުގެ ރައީސްކަމުގެ ގޮނޑި ވެސް އެ ލިބިވަޑައިގެންނެވީ ހަމަ އެމަނިކުފާނަށެވެ.

ނަޝީދު މަޖިލިހުގެ ރައީސްކަމުގެ ގޮނޑިއަށް ފައިވިއްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދިޔެއީ ބުނަމުންނެވެ. މަޖިލިސް އިންތިހާބާ ދިމާކޮށް ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމާއެކު، ޖޫމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރު މަޖިލިހުގެ ރައީސްކަމުގެ މަގާމުގައި އިންނެވި ގާސިމް އިބްރާހިމް ވެސް އެންމެ ޖެހިލުންވެ ވަޑައިގެންނެވީ އެކަމާ އެވެ.

އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ނަޝީދު ވިދާޅުވީ މަޖިލިސް ރައީސްކަމުގެ ގޮނޑިއަށް ޝައުގެއް ނެތް ކަމަށެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭއްވި ބައްދަލުވުމުގައި، މަޖިލިހުގެ ރައީސްގެ މަގާމަށް އެޕާޓީން ނަޝީދަށް ތާއީދު ކުރަން ހުށަހެޅުއްވުމުން ވެސް ތަކުރާރު ކުރެއްވީ އެ ބަސްފުޅެވެ.

"މިއީކީ، އެންމެ ފަހު މިނެޓާ ޖެހެންދެން ވެސް މިކަންވާން އަޅުގަނޑު އެދުނު ގޮތެއް ނޫން،" ރޭ ދަރުބާރުގޭގައި އޮތް ޖަލްސާގައި، މަޖިލިސް ރައީސްކަމަށް ނަޝީދުގެ ނަން ހުށަހެޅުއްވުމުން އެމަނިކުފާނު ވިދާޅުވި އެވެ.

ކިތައްމެ ބޭނުންވެ ވަޑައިނުގެންނެވި ނަމަވެސް، އެމްޑީޕީގެ 64 މެމްބަރުންގެ އެދިލެއްވުމާއެކު ނަޝީދު މިހާރު އެ ހުންނެނީ ޒިންމާއާ ކުރިމަތިލައްވަން ތައްޔާރަށެވެ. "ސިޔާސީ މައިދާނުގެ ނާރެހުގެ" އެންމެ އިސް ގޮނޑީގައި އިންނަވައިގެން "އެއީ (މަޖިލިހަކީ) ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވެދޭ ތަނަކަށް" ހެދުމަށް ނަޝީދު ދެކިވަޑައިގަންނަވަމުން ދިޔަ ހުވަފެނުގައި ދެން އަވަހަށް ކުލަ ޖައްސަވަންވީ އެވެ.ހިޔާލު

ޢައިޝަތު

މިއީ ވަރަށް މަކަރު މީހެއް

ރައްޔިތުން

ކުލައިގެ ރީތިކަން ފެންނާނެ