Vaahaka: Raalhubaani
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ވާހަކަ: ރާޅުބާނި

(އެއްވަނަ ބައި)
"މަންމީ، ކޮބާ ޗޮކްލެޓް؟" އޮފީހުން ނިމިގެން ގެއަށްވަން ތަނުން ހަތަރު އަހަރުގެ ބާތިން އަހަރެންގެ ފައިގައި އޮޅުލައިގަންނަމުން އެހިއެވެ.

މިއަދު އޮފީހުން އަންނަމުން ޗޮކްލެޓް ގެނެސްދޭނަމޭ ބުނި ހަނދާންވީ ދެނެވެ.

"ކޮއްކި މިއަދު ވަރަށް ބަސް އަހައިގެން އުޅުނީ, ދޯ މާމާ؟" އަހަރެންގެ މަންމައަށް ދޯ ލަމުން ބާތިން ބުންޏެވެ.

"އެއީ ތެދެއް، މި އަދު ޤުރުއާން ވެސް ކިޔެވި. ބަތްތަށި ވެސް ހުސްކުރި." މަންމަ ބުންޏެވެ.

"ޗޮކްލެޓް ގަންނަން ދާނީ މަންމައާއި ބާތިންއާ ދެ ކުދިން އެއްކޮށް." ބާތިން ނަގާ އުރާލުމަށްފަހު ކޮލަށް ދޮނެއް ދެމުން އަހަރެން ބުނީމެވެ.

"އޯކޭ ހިނގާ ދާން." ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބާތިން ބުންޏެވެ.

"އާދޭ ދޮންތި ވެސް ގޮވައިގެން." އަހަރެން ބުނީމެވެ.

ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އެ ވަގުތު އަހަރެންނަށް މުހިންމުވީ ބާތިންއަށް ވެފައިވީ ވަޢުދު ފުއްދުމެވެ.

"މަންމަ ދެން ދަނީ އިނގޭ." މަންމަ ބުންޏެވެ.

އަހަރެން ބޯ ޖަހާލާފައި ހިނިތުންވެލީ ޝުކުރުވެރި ހިތަކާ އެކުއެވެ. އަހަރެންނަށް އޮފީހަށް ދެވެނީ މަންމަ ކޮންމެ ދުވަހަކު އައިސް ކުދިން ބަލާދޭތީއެވެ. އެހެންނޫންނަމަ ބޭރުމީހެއްގެ އަތްމައްޗަށް ކުދިން ދޫކޮށްލާފައި އަހަރެން އޮފީހަށް ދާކަށް މިއާން ހުއްދައެއް ނުދޭނެއެވެ.

މަންމައާ ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ބާތިން އާއި ބަތޫލް ގޮވައިގެން ދެން އަހަރެން ދިޔައީ ގޭ ކައިރީ ފިހާރައަކަށެވެ. ޗޮކްލެޓާއި އަދިވެސް ގެއަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން ފައިސާ ދައްކަން ދިޔައިރު ފިރިހެނަކު އޭނާ ގަތް ތަކެއްޗަށް ފައިސާ ދައްކާފައި އެނބުރިލަނީއެވެ.

"އަނހަ، ނަޒާ!" ދަންނަ އަޑެއް އިވުމުން އަހަރެން ބަލައިލީމެވެ.

ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ ކާކުކަން އަހަރެންނަށް ވެސް އެނގުނީމައެވެ.

"ދާދު! ކިހިނެއް؟" ކައުންޓަރު މަތީގައި އެއްޗެހި ބަހައްޓަމުން އަހަރެން އަހައިލީމެވެ.

އިމްދާދަކީ ސްކޫލް ދައުރުގެ ރައްޓެއްސެކެވެ. ރައްޓެއްސަކަށް ވުރެ ބޮޑަށް އަހަރެންދެކެ ލޯބިވާކަމަށް ދަޢުވާކޮށް ފަހަތުން މުގޯލި އެޅި އެކަކެވެ. އަހަރެން މިއާންއާ ރައްޓެހިވުމުން އިމްދާދު ވެސް އެހެން ދިމާއަކަށް ދީލައިލީއެވެ. މިއީ ސްކޫލް ނިމުނު ފަހުން އިމްދާދާ ދިމާވި ފުރަތަމަ ފަހަރެވެ.

"ދެން އެކަހަލަ ގޮތެއް،" އިމްދާދު ބުންޏެވެ.

އަހަރެން ފައިސާ ދައްކާ ނިމެންދެން އިމްދާދު ވާހަކަ ދައްކަން ހުއްޓެވެ. އިމްދާދުގެ ކައިވެނި ރޫޅިފައިވާ ވާހަކައާއި އޭރުގެ އެކުވެރިންގެ ވާހަކަތައް ވެސް ދެއްކިއެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައި އެންމެންގެ ހަޔާތުގެ ކުރު ޚުލާސާއެއް އަހަރެންނަށް ލިބުނެވެ. އިމްދާދަކީ އަބަދުވެސް އަނގަގަދަ، ދޫހެލޭ މީހެކެވެ. އެހެން ހިތަށްއެރުމުން އަހަރެން ކައިރިއަށް ހިނިއައެވެ.

"ދާދުއާ ދިމާވީމަ ވަރަށް އުފާވެއްޖެ." ދާންވެގެން އަހަރެން ބުނެލީމެވެ.

"ނަޒާ އަދިވެސް ހާދަ ރީއްޗޭ." އަހަރެން ހިނގައިގަތް ވަގުތު އިމްދާދު ބުންޏެވެ.

އެ އަޑުގައިވި އަސަރުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރަކި ހިނިތުންވުމެއް ދިނުމަށްފަހު އަހަރެން އެ ތަނުން ހިނގައިގަތީމެވެ. ތަންކޮޅެއް ދުރުގައި ކުޅޭ އެއްޗެހީގެ ހަރުގަނޑު ކައިރީގައި ތިބި ބާތިންއާއި ބަތޫލް ގޮވައިގެން ފިހާރައިން ނުކުތްއިރު ވެސް އިމްދާދު އަހަރެންނަށް ބަލަން ހުއްޓެވެ.

ގެއަށް އައިސް އެއްޗެހި ބަދަލުކޮށްލާ ހަދައިގެން އަހަރެން ކެއީމެވެ. މިއާން ގިނަ ދުވަސް ދުވަހު ކާކަށް ނާންނާއެވެ. އޮފީސް މީހުންނާއެކު ގޮތެއް ހަދާލަނީ ކަމުގައި ބުނެއެވެ. ކައި ނިމިގެން ކުދިން ކޮބައިތޯ ބަލަަައިލަން ދިޔައިރު ބާތިން އިނީ ސޯފާގައި ދެފައި ވަށްކޮށްލައިގެން ޗޮކްލެޓު ކާށެވެ. މުޅި އަނގަމަތީގައި ޗޮކްލެޓް ހޭކިފައި ހުރިއިރު އަތުގައި ވެސް ހުރީ ޗޮކްލެޓު ހޭކިފައެވެ. އަހަރެން ފެނުމުން ހީނލާފައި ސޯފާ މައްޗަށް ތެދުވެ އަތްދިއްކޮށްލިއެވެ. ބާތިން އުރާލި ވަގުތު ޗޮކްލެޓު ހޭކިގެން ސޯފާ ހަޑިވެފައި ހުއްޓާ ފެނުނެވެ.

"ބާތިން، މަންމަ ބުނަމެއްނު ސޯފާ މަތީގައި އިނދެގެން ނުކާށޭ." ހިތްހަމަ ނުޖެހިފައި ހުރެ އަހަރެން ބުނީމެވެ.

"މަންމީ، ޗޮކްލެޓް ވަލަށް މީލު." ބާތިން ބުނެލިއެވެ.

ބާތިން އެހެން ބުނެލިގޮތުން އަހަރެންގެ ގާތަށް ހިނިއައެވެ. ހިތްހަމަ ނުޖެހުން ފިލިއެވެ. ބާތިންއަށް އަދިވެސް ރާ ނުކިޔޭތީ ވާހަކަދައްކާ އިރު ހުންނަނީ ވަރަށް ޅަ ގޮތެކެވެ. ބާތިންގެ އަތާއި އަނގަމަތި ދޮވެ، ސާފުކޮށް ހެދުމަށްފަހު ކޮޓަރިއަށް ގެން ގޮސް ކުޅޭ އެއްޗެއް ދީފައި ބޭންދީމެވެ. އޭރު ބަތޫލު އިނީ ކުލަ ޖައްސާށެވެ. އަހަރެން ދެން ދިޔައީ ސޯފާ ސާފުކުރާށެވެ.

"މަންމާ!" ބަތޫލް ބާރު ބާރަށް ގޮވައިލިއެވެ.

އޭރު އަދިކިރިޔާ ސޯފާ ސާފުކޮށްފައި އަހަރެންނަށް ހިންދެމިލެވުނީއެވެ. ބަތޫލް ހުއްޓާ ނުލާ ގޮވަން ފެށުމުން އަހަރެން އަވަސް އަވަހަށް އެ ކުދިންގެ ކޮޓަރިއަށް ދިޔައީމެވެ. ބަތޫލް ހުރީ ރޮވެން ކައިރިވެފައެވެ. ބާތިން ހަމަޖެހިލާފައި ހުރެ ޗޮކްލެޓެއް ކަމުން ގެންދިޔައެވެ.

"މަންމާ، ބަލާ ކޮއްކޮ، ދޮންތިގެ ޗޮކްލެޓް ކަނީ. ނުވެސް ދިން." ބަތޫލް ޝަކުވާ ކުރިއެވެ.

އަހަރެން ގޮސް ބާތިން އަތުން ޗޮކުލެޓު އަތުލީމެވެ. ނަމަވެސް އޭރު ޗޮކްލެޓުގެ އެއްބައި އޮތީ ކާލައިފައެވެ. ބަތޫލް ބޭނުންވީ އެހެން ޗޮކްލެޓެކެވެ. ފަހުން ގަނެދޭނަމޭ ބުނުމުން ވެސް ގަބޫލެއް ނުވިއެވެ. ބާތިންއަށް އަޑުލީމެވެ. އަހަރެންގެ ރުޅި ގަދަވާން ފެށުމުން ބާކީ އޮތް ޗޮކުލެޓުކޮޅު ނަގާ ކާން ފެށީމެވެ. އެ ވަގުތު ދެ ކުދިން ވެސް ފެށީ ރޯށެވެ.

ކުދިން މަސަލަސް ކުރަން އެތައް އިރެއް ނެގިއެވެ. އެންމެފަހުން ފަރު ޖެހުނީ ބަތޫލްއަށް ޗޮކްލެޓެއް ގަނެދީގެންނެވެ. ޗޮކްލެޓް ގަނެގެން ގެނެސް ދިނުމުން އޭގެން އެތިކޮޅެއް ނައްޓާލައިފައި ބާތިންއަށް ބަތޫލް ދިނެވެ. ބަތޫލް އެ ގޮތަށް ކަންތައް ކުރިތަން ފެނިފައި އަހަރެންގެ ހިތަށްފިނިވިއެވެ.

ކުދިން ކުރާ ކަންތައްތަކުންނާއި އުޅޭގޮތުން ބައެއް ފަހަރު ރުޅިއައިސް ހިތްހަމަނުޖެހުނު ނަމަވެސް އެ ކުދިންގެ މި ފަދަ އަމަލުތަކުން އެ ހިތްހަމަ ނުޖެހުން ފިލާދަނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފުން ނޭވާއެއް ލުމަށް ފަހު ދެން އަހަރެން އުޅުނީ ކުރީ ދުވަހު ދޮވެފައި ހުރި އެއްޗެހި ފަތްޖަހާށެވެ. ކުދިން ކުޅެން ބޭތިއްބީ އަހަރެންނަށް ފެންނަ ހިސާބުގައެވެ.

މިއާން ގެއަށް އައިއިރު ހައެއް ޖަހާ ބޮޑު ވެއްޖެއެވެ. އަހަރެންނަށް މޫނު ހަދާލެވުނެވެ. ފަހެއް ޖަހާއިރު ނިމޭ މީހާއަށް އަދި ކިރިޔާ އާދެވުނީއެވެ. ލަސްވާނެކަން ބުނެލިނަމަ އަހަރެން ވެސް ހިތްހަމަޖެހުނީސް ތާއެވެ. މިއާން ފެނިގެން ދެ ކުދިން ދުވެފައި ކައިރިއަށް ދިޔައެވެ. މިއާން އެ ކުދިންނާ ވާހަކަދައްކާލާ، ލޯބިކޮށްލާ ހެދުމަށް ފަހު ކޮޓަރިއަށް ދިޔައިރު އަހަރެންނާ ދިމާއަށް ބަލާ ވެސް ނުލައެވެ.

އެއީ މިފަހުން ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެކަމަކު އެއީ އާދައަކަށް ބަދަލުވީ ކޮން ހިސާބަކުން ކަމެއް އަހަރެން ހަނދާނެއް ނެތެވެ. ކައިވެނީގެ ފުރަތަމަކޮޅުގައި އޮފީހުން އަންނަ ގޮތަށް އަހަރެންގެ ގައިގައި ބައްދާލުމަށް ފަހު ނޫނީ މިއާން އެހެންކަމެއް ކުރާކަށް ނުދާނެއެވެ. ދޭތެރެއަކުން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނާނެއެވެ. އަހަރެންނަށް ތަޢުރީފްކޮށްލާނެއެވެ. ނަމަވެސް މިހާރު އެއީ ކަންފަތަށް ބީރައްޓެހި ލަފްޒުތަކަކަށް ވެއްޖެއެވެ. ރޭގަނޑު ބުރު ޖަހަން ދިޔުމާއި އަތުގައި ހިފައިގެން ހިނގަން ދިޔަ ދުވަސް މާޒީވެ ދިޔައީ ހިލަމެއް ވެސް ނެތިއެވެ.

ރޭގަނޑަށް އަހަރެން ކައްކަން އުޅުނުއިރު މިއާން ކުދިވެރިން ގޮވައިގެން އުޅުނެވެ. ކައި ނިމިގެން މިއާން ތަށިތައް ދޮންނަން ފެށުމުން އަހަރެން ދިޔައީ ކުދިވެރިން ނިންދަވާށެވެ. އޮފީހުގައި އުޅޭއިރު އެމީހަކު އެމީހަކަށް ހަވާލު ކުރެވިފައިވާ މަސައްކަތް ނިންމަން އުޅޭ ބީދައިންނެވެ. ކުދިންގެ ވާހަކަ ފިޔަވާ އަހަރެމެންގެ ދެމެދުގައި މާ ބޮޑު ވާހަކައެއް ނުދެކެވެއެވެ.

ކުދިން ނިންދަވާފައި އަހަރެން ބޭރުގޭތެރެއަށް ނުކުތް އިރު މިއާން ސޯފާގައި އިންތަން ފެނިގެން އަހަރެން ވެސް އައިސް ކައރީގައި އިށީނީމެވެ. ނަމަވެސް އިސް އުފުލާ ބަލައިލުން ފިޔަވައި އިތުރު އިޝާރާތެއް މިއާންގެ ފަރާތަކުން ނުފެނުނެވެ. މިއާންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ ފޯނަށެވެ. އިރުކޮޅަކު ފޯނާ ކުޅެން އިނުމަށްފަހު ވަރަށް ނިދި އައިސްފިކަމަށް ބުނެ މިއާން ކޮޓަރިއަށް ދިޔައެވެ. މިއާންގެ އެ އަޅާނުލުމާއި ދުރުކަމުން އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. ޝަކުވާއިން ފުރުނެވެ. ޙަޔާތުގެ ދަތުރުގައި ދެމީހުން އެކީ އުޅެން އެރި ނައު ފެތެނީކަމުގެ އިހުސާސް އަހަރެންނަށް ކުރެވުމުން ލޮލުން ކަރުނަ ހިލުނެވެ.

ފޫހިވެފައި އިނދެ އަހަރެން ވެސް ފޯނު ނަގާ އެފްބީއަށް ވަދެލީމެވެ. އިމްދާދުގެ ފްރެންޑް ރިކުއެސްޓެއް އައިސްފައި އިން ތަން ފެނުމުން އަހަރެންގެ ހިތް އަވަސްވިއެވެ. މި އަދު އިމްދާދު ބުނެލި ޖުމްލަ ހަނދާންވުމުން ހީނލެވުނެވެ. އެއީ ދެ ކުދިން ވިހާ ކުޑަކޮށް ފަލަވެފައި ހުރި އަހަރެން އަހާލަން ކިހާ ބޭނުންވެފައި ހުރި ޖުމްލައެއް ކަން އެނގޭނީ ހަމައެކަނި އަހަރެން ކަހަލަ މީހަކަށެވެ. އިމްދާދުގެ ދަޢުވަތު ޤަބޫލުކުރުމަށް އަހަރެންގެ ހިތް އެދުނެވެ. ދިރިއުޅުމަށް ވެރިވެފައިވާ ފޫހިކަމާއި ފަޅުކަން ފިލުވާލަދޭނެ މީހަކު ބޭނުންވެފައި ހުރި މިންވަރު އެ ވަގުތު އިހުސާސް ކުރެވުނެވެ.
ހިޔާލު