1 Februaryge amuru thanfeezu nukuri idhaaraa thakah fiyavalhu elhumah edhijje
image
ސުޕްރީމް ކޯޓު--
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

1 ފެބްރުއަރީގެ އަމުރު ތަންފީޒު ނުކުރި އިދާރާތަކަށް ފިޔަވަޅު އެޅުމަށް އެދިއްޖެ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު "ބޮޑު އަމުރު" ތަންފީޒް ނުކުރި އިދާރާތަކަށް ފިޔަވަޅު އެޅުމަށް އެދިއްޖެއެވެ.
1 ފެބްރުއަރީގެ އަމުރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤަސިމް އިބްރާހިމް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ އިތުރުން އަދާލަތު ޕާޓިގެ ރައީސް ޝޭހް އިމްރާން އަބްދުﷲ، މެޖިސްޓްރޭޓް އަހުމަދު ނިހާން އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދޫކޮށްލުމަށް އަމުރުކުރިއެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓް މިއަދު އާއްމުކޮށްފައިވާއިރު އެ ރިޕޯޓްގައި ވަނީ 1 ފެބްރުއަރީގެ އަމުރާއި ގުޅޭ ގޮތުންވެސް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރަކީ އެ ތަންފީޒު ކުރުން ލާޒިމް އަމުރަކަށްވާއިރު އަދި އެފަދަ އަމުރުތައް ތަންފީޒް ނުކުރުމަކީ ކުށަކަށްވާއިރު ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެ އަމުރު ތަންފީޒްކުރުމަށް ދެކޮޅުހެދި ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ 1 ފެބްރުއަރީގެ އަމުރަށްފަހު އެ އަމަރުގައި ބުނެފައިވާ މީހުން މިނިވަން ނުކޮށް ބަންދުގައި ބައިތިއްބައިވަނީ ޣައިރުޤާނޫނީ ބަންދެއްގައި ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ހައްޤުތައް ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބަންޑާރަ ނައިބާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި އެޗްއާރްސީއެމާއި، އެންއައިސީން އެއްވެސް ހައްޤެއް ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޕްރިޒަންސް އޮޑިޓް ރިޕޯޓްގައި 1 ފެބްރުއަރީ އާއި ގުޅޭ ގޮތުން ފާހަގަކޮށްފައިހުރި ކަންކަން ހޯމް މިނިސްޓަރު އިމްރާނަށް ރިޕޯޓް ހުށައަޅާތާ ހަތް ދުވަސް ތެރޭ ކަމާއި ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ތަހުޤީޤު ކުރުމަށް ވަނީ ގޮވާލާފައެވެ.
ހިޔާލު