Ehmaabandu 2 kudhin viheumuge thereyga loluge fenun gelli, haalu serious vejje
image
މިލްނާ މުހައްމަދު--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

އެއްމާބަނޑު ދެކުދިން ވިހެއުމުގެ ތެރޭގައި ލޮލުގެ ފެނުން ގެއްލި، ހާލު ސީރިއަސްވެއްޖެ

ގދ. ތިނަދޫގެ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދުވަސް ނުފުރާ އެއްމާބަނޑު ދެކުދިން ވިހެއުމުގެ ތެރޭގައި އަންހެނެއްގެ ލޮލުގެ ފެނުން ގެއްލި ހާލު ސީރިއަސް ވެއްޖެ އެވެ.
ތިނަދޫއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މިލްނާ މުހައްމަދުގެ ހާލު ސީރިއަސްވެ، މިހާރު އޮތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

މިލްނާގެ ފިރިމީހާ މުހައްމަދު އަތީފް ސީއެންއެމް އަށް ބުނީ އެމީހން ދިރިއުޅެނީ އޭނާގެ އުފަން ރަށް ގދ. ގައްދޫގައި ކަމަށާއި، ވިހެއުމަށް ތިނަދޫ އަށް ދިޔައީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

ރިޒޯޓެއްގައި މަސައްކަތް ކުރާ އަތީފް ތިނަދޫއަށް ދިޔައީ، ބަނޑަށް ހަތް މަހުގެ މިލްނާގެ ބަނޑުގައި ރިއްސާތީ އެވެ. ފުރަތަމަ ދަރިފުޅު ވިހެއިއިރު ހާލު ރަނގަޅު ނަމަވެސް، ދެވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި މިލްނާގެ ހާލު ގޯސްވި އެވެ.

އެމީހުންނަށް ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް ވެސް ނޭވާލުމުގެ މައްސަލަތަކެއް ފުރަތަމަ ދިމާވި އެވެ. އެއަށްފަހު މިލްނާގެ ލޮލުގެ ފެނުން ގެއްލެއް ފެށި އެވެ.

"ވިހޭ ގަޑީގައި ވެސް އަންހެނުން ބުނި ލޮލަށް ނުފެންނަ ވާހަކަ. އެކަމަކު މިމަހުގެ 26 ވަނަ ދުވަހު މާލެ ގެނައީ ލޭފައިބާތީވެ، މާލެ ގެނައި އިރު ދެ ކުދިން ވެސް އުޅުނު ނޭވާލާން އުނދަގޫވާތީ، އެކަމަކު މިހާރު އެކުދިންގެ ހާލު ވެސް ރަނގަޅު، އަންހެނުންގެ ލޭ ފޭބުމުގެ މައްސަލަ ވެސް ރަނގަޅު،" މިވަގުތުން ރިޒޯޓުން ޗުއްޓީ ނަގައިގެން ހުރި އަތީފް ބުންޏެވެ.

މިލްނާއަށް މިހާރު އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނައިރު އަތީފް ބުނީ، އޭނާގެ އަންހެނުންގެ އެއް ލޮލަށް މިހާރު ނުފެންނަ ކަމަށާއި އަނެއް ލޯ ވެސް ފުސްވެފައިވާ ކަމަށެވެ. އަދި ޓެސްޓުތައް ހެދުމުން ލޯފުސް ވަނީ ކިޑްނީގައި މައްސަލަތަކެއް އުޅޭތީކަން އެނގިފައިވާ ކަމަށެވެ.

"ވިހެއުމުގެ ކުރިން ހެދި އެއްވެސް ޓެސްޓެއްގައި މައްސަލައެއް ނެތް. އަދި މި އެނގުނީ ކިޑްނީގައި ވެސް މައްސަލައެއް އުޅޭކަން. އެހެންވެ އިއްޔެ ޑައިލަސިސް ހަދާފައި ވަނީ. ބޭރުން ލޮލުގެ ފެނުން ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނަނީ،"

އުމުރުން 32 އަހަރުގެ މިލްނާ މުހައްމަދު--

އަތީފް ބުނީ، އަންހެނުން ބޭރަށް ގެންދިއުމަށް އާސަންދަ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމަކު އާސަންދަ ހޯދެން އޮތީ އައިކެއާ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކައިގެން ކަމަށެވެ.

އެކަމަކު އަންހެނުންގެ ހާލު ސީރިއަސްކަމުން އެކަން ކުރެވެން ނެތްކަން ފާހަގަކޮށް އަތީފް ބުނީ، އާސަންދަ ހޯދުމަށް އިތުރު ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހަބަރާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ތިނަދޫގެ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ކުރާކަށް ބޭނުމެއް ނުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން އުމުރުން 21 އަހަރުގެ ޒުވާން އަންހެނަކު ކުއްލި ގޮތަކަށް ކ. މާފުށީގައި މަރުވި އެވެ.

ރަޝްފާ އަހުމަދުގެ މަރުގެ މައްސަލާގައި އޭނާގެ އާއިލާއިން ބުނީ މާފުށި ސިއްހީ މަރުކަޒުގެ އިހުމާލުން ކަމަށެވެ. އެކަމާ ގުޅިގެން އެރަށުގައި މުޒާހަރާ ވެސް ކުރި އެވެ.

މިހާރު ހާލު ސީރިއަސްވެފައިވާ މިލްނާ ވީއެންމެ އަވަހަކަށް ބޭރަށް ގެންދިއުމަށް އާއިލާއިން ވަނީ އާއްމުންގެ މާލީ އެހީތެރިކަމަށް ބޭނުންވެފައެވެ.

އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

ޑޮލަރު އެކައުންޓް ނަމްބަރު: 7710518395101 - މުހައްމަދު އަތީފް
ރުފިޔާ އެކައުންޓް ނަމްބަރު: 7730000210011 - މުހައްމަދު އަތީފް
ފޯނު ނަމްބަރު: 7885577 - މުހައްމަދު އަތީފް (ފިރިމީހާ)
ހިޔާލު

ކިޔުންތެރި

ފަންޑުހުޅުވަން މިޖެހެނީ އަދިވެސް މިސަރުކާރުގައި ގިނައީ އެބައިގަނޑުކަމަށްވާތީ

ނޫރާ

އަވަސް ޝިފާއެެއް ދެއްވާށި އާމީން

ހުސެން

ރައީސް ބުނި ފަންޑު ހުޅުވާކަށް ނުޖެހޭނެއޭ. ޢެކަމަކު ކަމެއް ދިމާވާއިރަށް މިޖެހެނީ ހަމަ އެންމެންގެ އެހީއަށް އެދެން...