Vaigadhave Makunudhoo dhe ge ehge Furaalhun Tinuthakeh ehlaalaifi
image
ވައިގަދަވެ މަކުނުދޫ ގެއެއްގެ ފުރާޅަށް ގެއްލުންވެފައި -- ފޮޓޯ: ފުލުހުން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވައިގަދަވެ މަކުނުދޫ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް އެއްލާލައިފި

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާއިރު މިއަދު ހެނދުނު އައި ކޮޅިގަނޑެއްގައި ހދ. މަކުނުދޫގެ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް އެއްލާލައިފި އެވެ.
އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ޝާކިރު ސީއެންއެމްއަށް ވިދާޅުވީ ކޮޅިގަނޑުގައި ހައެއްކަ ގޭގެ ފުރާޅަށް ގެއްލުންވި ނަމަވެސް ބޮޑުވަރުވީ ދެ ގެއެއްގެ ފުރާޅަށް ކަމަށެވެ.

"އަލަށް ހަދާފަ އަދި މީހުން ދިރިނޫޅޭ ގެއެއްގެ ފުރާޅުގެ ފަނަރަ ފޫޓާ ސަތާރަ ފޫޓަށް ގާތްގަނޑަކަށް ޓިނު ނެއްޓިފައި ހުރީ، އެއީ އެންމެ ބޮޑުވަރުވި ގެ،" ޝާކިރު ވިދާޅުވިއެވެ.

މިހާރު ވެސް އެރަށަށް ވާރޭވެހެމުންދާކަން ފާހަގަކުރައްވާ ޝާކިރު ވިދާޅުވީ މީހުން ދިރިއުޅޭ ގެއެއްގެ ކޮޓަރިއާ ދިމާލުން ވެސް ޓިނުގަނޑެއް ނެއްޓިފައިވާ ކަމަށާއި އޭގެ ސަބަބުން އެގޭގެ ސީލިންގުން ފެން ފައިބައި ކޮޓަރީގައި ހުރި އެނދަކަށް ވެސް ފެން އެޅިފައިވާ ކަމަށެވެ. އެނދަށް ގެއްލުން ވާތީ މިހާރު އެތަނުގައި ބާލިދީ ބަހައްޓާފައިވާކަން ޝާކިރު ފާހަގަކުރައްވި އެވެ.

"އެގެއަކީ އިތުރު ކޮޓަރިތައް ވެސް ހުންނަ ގެއެއްވީމަ އަދި ފެން ފޭބިޔަސް އެމީހުންނަށް އަނެއް ކޮޓަރިތަކުގައި ވެސް އުޅެވޭނެ. ގެ ބަދަލުކުރާވަރެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޝާކިރު އިތުރަށް ވިދާޅުވީ، ވާރޭވެހުނު ނަމަވެސް ރަށުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެގެން އެއްވެސް ގެއްލުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު، ކޮޅިގަނޑުގައި ސްކޫލުގެ ފާރު މައްޗަށް ބިޔަ ގަހެއް ވެއްޓި މުޅި މަގު ބަންދުވެފައި ވާތީ އެގަސް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ.
ހިޔާލު