Vaahaka: Fahsi
image
ވާހަކަ: ފައްސި--
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ފައްސި

(ހަވަނަ ބައި)
"ޖެނެޓިކް މައްސަލައަކުން ދިމާވާ ކަމެއް ކަމަށްވަނީ. ދިރާސާތަކުން ދައްކަނީ އެއްމާބަނޑު ދެބެން ނަށް މިފަދަ މައްސަލަތައް ކުރިމަތިވާ މިންވަރު އިތުރުކަމަށް. މިއީ އާއިލީ ގޮތުން އަންނަ، ނޫނީ ވާރުތާ ބައްޔަކަށް ވެދާނެ ކަމަށް އޮތީ. އަސްލު މި ބަލި ޖެހެނީ ކުޑައިރުކަމަށް ވަނީ. އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދީންގެ ކިބައިން މި ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ދިރާސާތަކުން ދައްކާކަމަށް ވަނީ. ބޮޑަށް ފާހަގަ ކުރެވެނީ ފިރިހެން ކުދީންގެ ކިބައިން މިކަން ފާހަގަވާ މިންވަރު އިތުރުކަމަށް. ދެން މާ ބޮޑަށް ހާސްވެ ކަންބޮޑުވީމަ ވެސް މިހެން ދިމާވެދާނެޔޯ"

"ބައްޕައަކީ ކުޑަ ކުއްޖެއްތަ؟" މަންމަ ހައިރާން ކަމާއެކު ސުވާލުކޮށްލިއެވެ.
"ބައްޕައަކީ އެއްމާބަނޑު ދެބެންގެ ތެރެއިން އެކަކުތަ؟" އަހަރެން ވެސް ސުވާލުކޮށްލީ މަންމައާއެވެ.
"ހޫމް. ބައްޕައަކީ އެއްމާބަނޑު ދެބެންގެ ތެރެއިން އެކަކު" މަންމަ އަހަރެންގެ މޫނަށް ބަލައިލިއެވެ. މަންމަގެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހާސްވެ ކަންބޮޑުވުމުގެ އަސަރުތަކެވެ.
"ދެން ކޮބާ އަނެއް ބޭބެ؟" ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުން ބައެއް ބޭރުކޮށްލެވުނެވެ. "އަހަންނަށް ހީވޭ މަންމަ ކަމެއް ސިއްރުކުރާހެން. ކިޔައިދީބަލަ"

"މަންމައަށް އެނގޭ ތި ސުވާލު ކުރާނެކަން. ދަރިފުޅާ މަންމަ ހަގީގަތުގައި ލޯބިވީ ދަރިފުޅުގެ ބައްޕަ ދެކެއެއް ނޫން. މަންމަ ލޯބިވީ ދަރިފުޅުގެ ބައްޕައާ އެއްމާބަނޑު ބޭބެ، ޔޫނުސް ދެކެ. މަންމައާ ޔޫނުސްގެ ކާވެނީގެ ހުރިހާ ކަމެއް ނިމި ރަން ވެސް ކިޔައިފަ އޮއްވާ އެކަމެއް ހިނގީ" މަންމަގެ އަޑު ހިނދެމުންހިނދެމުން ދިޔައެވެ.

"އާނ. ކޮންކަމެއް؟" އަހަރެން ހައިރާންވެ ބަސް ހުއްޓޭ ވަރުވިއެވެ.
"ކާވެނީގެ ސައި ހަދަން ރުކުއަޅާން ވަލަށް ދިޔައީ ބައްޕައާ ޔޫނުސްބޭބެއާ މަންމައާ ތިން މީހުން. ރުކަށް އެރީ ޔޫނުސްބޭބެ. މަންމައާއި ބައްޕަ ތިބީ ރުއް ދޮށުގައި ކުޑަކޮށް ދުރުގައި ބަލަން. އެއީ ވަރަށް ދިގު ރުކެއް. އާދައިގެ ދިވެހި ރުކަކަށް ވުރެ އެ ރުއް ދިގުވާނެ. ދެ އިހާ ކާށި ވެއްޓުނު. މަންމަމެން ތިބީ ތަންކޮޅެއް ދުރުގަ. ކުއްލިއަކަށް ފެނުނީ ޔޫނުސް ބޭބެ ރުކުން ވެއްޓުނުތަން. ވެއްޓި ޖެހުނީ ކާށިތަކުގެ މައްޗަށް" މަންމަގެ އަޑުބެދުނެވެ. އިތުރަށް މަންމައަށް ވާހަކައެއް ނުދެއްކުނެވެ.

އަހަރެން އެނދުން ތެދުވެގެން ހިނގައިގަތީމެވެ. މަންމަ އޮތް އެނދުގައި އިށީނދެލީމެވެ. މަންމަ ތެދުވެލިއެވެ. ދެކަކޫ މެއާ ކައިރިކޮށްލަމުން އެނދުގައި އިށީނދެލިއެވެ. މަޑުމަޑުން އަހަރެން، މަންމަގެ ބޮލުގައި ފިރުމައިލީމެވެ. އޯގާތެރިކަމާއެކު މަންމަގެ ދަތްދޮޅީގައި ހިފައި ހިއްލައިލީމެވެ. ކަރުނުން ބަރުވެފައިވާ މަންމަގެ ދެ ލޮލަށް ނަޒަރު ހުއްޓައިލީމެވެ. އަހަންނަށް ވެސް ރޮވޭ ގޮތްވިއެވެ. ބޭއިޚުތިޔާރުގައި އަހަރެންގެ ދެލޮލުން ކަރުނަތައް ހިލިގަތެވެ. މަޑުމަޑުން އަހަންނަށް ހިންދިރުވާލެވުނެވެ. މަންމަގެ ކޯތާފަތް މަތީ ރޮނގު ދެމެމުން ތިރިއަށް ދިޔަ ކަރުނަ ރޮނގުތަކުގައި އިނގިލި ޖައްސާލަމުން ފޮހެލަދިނީމެވެ. އެއާއެކު މަންމައަށް ގިސްލެވެން ފެށުނެވެ. އަހަންނަށް ވެސް ވީ އެވަރެވެ. ނުރޯން ކުރި ހުރިހާ ހިތްވަރެއް ބޭކާރުވީއެވެ. މަންމަގެ މޫނަށް ބަލައިލެވުނީމައެވެ. މަންމަގެ އިހުސާސްތައް އަހަންނަށް ވެސް ކުރެވުނީމައެވެ.

އެގޮތުގައި ފަސްވަރަކަށް މިނެޓު ހޭދަވިއެވެ. ކުޑަކޮށް ހަމައަކަށް އެޅުނުހެން ހީވިއެވެ.
"މަންމާ ހިތްވަރު ކޮށްފަ އަހަންނަށް ތި ހުރިހާ ވާހަކައެއް ކިޔައިދީ" ކުރަކިވެފައިވާ އަޑަކުން އަހަންނަށް ބުނެލެވުނެވެ. "މަންމަގެ ތިޔަ ހުރިހާ ހިތާމަތަކެއްގެ މަދަދުވެރިއަކަށް އަހަރެން ވާން ބޭނުން"
މަންމަ ހިންދިރުވައިލިއެވެ. މަޑުމަޑުން ހަމަޖެހިލުމަށް މަސައްކަތް ކުރިއެވެ.
"އެ ދުވަހު..." މަންމައަށް އަނެއްކާ ވެސް ގިސްލެވެން ފެށުނެވެ.

އަހަރެން މަންމަގެ ގައިގާ ބައްދައިލީމެވެ. ލޯބިން ފުރިގެންވާ ގޮތަށް ކޮނޑާއިކޮނޑު މަހައިލީމެވެ. މަޑުމަޑުން މަންމަގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލީމެވެ. މަންމަ ވެސް އަހަރެންގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލިއެވެ. މަންމަގެ ދަތްދޮޅި ޖެހިފައިވާ ހިސާބު ފޯވަމުން ދިޔަކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. މަންމައަށް ފުރުސަތު ދެމުން އަހަރެން ހަމަޖެހިލީމެވެ. މަޑުމަޑުން މަންމަގެ ބުރަކަށީގައި ފިރުމައިލަމުންނެވެ.

އިރުކޮޅަކު އެގޮތުގައި ފާއިތުވެ ދިޔަ އިރަށް މަންމަ ހަމައަކަށް އެޅުނެވެ.
"މަންމައާއި ބައްޕައަށް ލިބުނު ސިހުމާއެކު ދުވެފައި ބޭބެއާ ދިމާއަށް ދެވުނު. އޭރު ބޭބެގެ ބޮލުންނާއި އަނގައިން ލޭތައް ބޭރަށް ނުކުންނަނީ. ހިނިތުންވެލައިފައި ބޭބެ ބުނެލީ ދެ ޖުމުލަ" މަންމަ ވަރަށް ހިތްވަރާއެކު ކިޔައިދިނެވެ.
"ކީކޭ ބުނީ؟" އަހަރެންގެ ކެތްތެރިކަން ވެސް ކޮޅުންލިއެވެ.

"ބޭބެ ދުނިޔޭގައި ނެތީސް އެހެން މީހެއްގެ ހައްގަކަށް ނުވާށޭ. ބޭބެ ދެކެ ހަގީގީ ލޯބިވާނަމަ ބޭބެ ނެތް ދުނިއެއްގައި ޔޫސުފުއާ ކާވެނިކޮށްގެން، އެއީ ބޭބެ ކަމަށް ދެކިގެން އުމުރަށް އުޅެދޭށޭ" އަނެއްކާ ވެސް މަންމަ ރޯން ފެށިއެވެ. ބާރުބާރަށެވެ.
މަންމައަށް ހަމައަކަށް އެޅެންދެން ސުވާލެއް ނުކޮށް އަހަރެން މަންމަގެ އަތުގައި ހިފަހައްޓައިލައިގެން އިނީމެވެ.

"އެ ދުވަހު ބޭބެ ނިޔާވި. ބޭބެގެ ވަސިއްޔަތާ އެއްގޮތަށް އަމަލުކުރާން މަންމަމެން ނިންމީ" މަންމަ ދެ ލޯ ފޮހެލިއެވެ. "މަންމަގެ ކުރިމަތިން ފެންނަނީ ޔޫސުފު. އެހެން ނަމަވެސް މަންމައާއެކު އުޅެނީ ޔޫނުސް. މަންމައަށް ކޮންމެ ހާލެއް ޖެހުނަސް، ކޮންމެ ތަކުލީފެއް އުފުލަން ޖެހުނަސް ހިތަށް އަރަނީ ޔޫނުސްގެ މަތިން. ޔޫނުސް ދެކެ ވެވުނު ލޯބީގެ މަތިން"

"މަންމާ. މިއަދު އަހަރެން މަންމައަށް ޓަކައި ފަޚުރުވެރިވަން. މަންމަފަދަ ތެދުވެރި އިޚުލާސްތެރިން މި ދުނިޔޭގައި މަދުވާނެ. މަންމަ ތިޔަ ވީ ލޯތްބަކީ ތެދުވެރި ވަފާތެރި ލޯތްބެއް" އަހަންނަށް އެނގުނު ވަރަކުން މަންމައަށް ތައުރީފުކުރެވޭތޯ ބެލީމެވެ.
"ދަރިފުޅާ. ދުނިޔެ މިއީ ވަރަށް ޒާތެއްގެ ތަނެއް" މަންމަ އަހަރެންގެ އަތްތިލައިގައި ހިފައިލިއެވެ. "މަންމަގެ ހިތަށް ވަރަށް ލުއިވެއްޖެ. މިހާރު މަންމައަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވިއްޖެ ހެން ހީވަނީ"

"މަންމަ އަމިއްލައަށް ކަންކަން ސިއްރުކުރަނީ ކީއްވެތަ؟ މަންމަގެ އުފާތަކާއި ހިތާމަތަކުގައި އަހަރެން ބައިވެރިވާނަމޭ" އަހަރެން ވެސް މަންމަގެ ކުރަކި ވެފައިވާ އަތުގައި ފިރުމައިލީމެވެ. "މަންމަ ހުރިހާ ދުވަހު ތި ހުރިހާ ކަމެއް ސިއްރުކޮށްގެން ތިޔަ އުޅުނީ ކީއްވެތަ؟"
"ދަރިފުޅާ. މަންމަ ބުނެފީމެއްނު ދުނިޔެއަކީ ފާޑެއްގެ ތަނެކޭ. ދުނިޔޭގައި މިއުޅޭ މަދު ވަގުތުކޮޅު އެހެން މީހުންނަށް ހިތްދަތިކަން ލިބޭ ކަންކަން ނުކޮށް އުޅެވޭތޯ ބެލުމަކީ ވެސް އަޅުކަމަކާ އެއްފަދަ ކަމެއް" މަންމަ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "މަންމަގެ ދިރިއުޅުމަކީ މަންމަގެ އިހުތިޔާރެއް. މަންމަގެ ނިންމުމެއް. މަންމަވީ ލޯބީގެ ރަމްޒެއް. ވަސިއްޔަތެއް ފުރިހަމަ ކުރުމެއް. މިއަދު މަންމައަށް އެކަން ކުރެވިއްޖެ ކަމުގެ ހިތްހަމަ ޖެހުން އިހުސާސްކުރެވޭ. މިއަދު މަންމަ ދުނިޔޭގައި އުޅެވިއްޖެ ކަމުގެ އިހުސާސްކުރެވޭ. އެ ހިތްހަމަ ޖެހުން އެބަ ލިބޭ"
"މަންމާ؟" އަހަރެން ބޭނުންވި ދިމާ ނޫން ދިމާއަކަށް މަންމަގެ ވާހަކަ ބައްޓަން ވުމުން މަންމަގެ މޫނަށް ބަލައިލަމުން ބުނެލީމެވެ.
"ދަރިފުޅާ އެ ވާހަކަތަކަކީ މީހުން ގާތު ދައްކަން ފަސޭހަ ވާހަކަތަކެއް ނޫން. އަމުދުން ދަރީން ގާތު ދައްކަން ހެޔޮވާ ވަރުގެ ވާހަކަތަކެއް ނޫން. އެކަމުން ބައްޕައާ ދަރިންނާ ދެމެދުގައި މައްސަލަ ޖެހުން ނޫން ކަމެއް ނުވާނެ" އަހަރެންގެ ވާހަކަ މަންމައަށް ދޭހަވިއެވެ.

"އެކަމަކު ވެސް އަހަންނަށް އެނގެން ބޭނުން މަންމަގެ ހާލަތު. މަންމަ އުފުލާ ވޭން"
"މަންމައަކަށް ނޭނގެ މި ވާހަކަ ފަށަންވީ ހިސާބެއް ވެސް. ކިޔައިދޭންވީ ވާހަކައެއް ވެސް" މަންމަ ހިންދިރުވައިލިއެވެ.
"ކޮންމެ ވެސް ހިސާބަކުން ފަށާ"

"ކާވެނީގެ ފަހުން މަންމައަށް ބައްޕަގެ އަސްލު ސިފަ ފެންނަން ފެށީ. މަންމައަށް ހީކުރެވުނީ ސިފައެއް ގޮތްވެފައި އެއްމާބަނޑު ދެބޭންވީމަ އުޅުމާ ގުޅުމާއި މިޒާޖު އެއްގޮތްވާނެ ކަމަށް. މަންމަގެ ސިކުނޑީގައި ކުރެހިފައިހުރީ މުޅީން ވެސް ޔޫނުސްގެ އޯގާތެރިކަން. އެ އަޅައިލުން. އެކަމަކު..." މަންމަ ވަރަށް ހިތްވަރު ކޮށްފައި އަނެއްކާ ވެސް ފެށިއެވެ. "ކާވެނިކޮށްގެން މަންމަ ބަދަލުވީ ބައްޕަގެ ގެއަށް. އެންމެ ފުރަތަމަ ކަމަކަށް ވެސް ފާހަގަވީ ބައްޕަގެ ތަރުތީބުކުރުން. އެ އެއްޗެއް ހުންނަންވީ ތަނެއްގައި އެ އެއްޗެއް ބެހެއްޓުމަށް ސަމާލުކަން ދޭ މިންވަރު. ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އަތްދޮވެ ފައި ދޮވެ ސާފުކުރާކަން. ގަމީސް ލާނީ ވެސް ވަކި ތަރުތީބަކުން. ހުރިހާ ގަމީހެއް ހުންނަން ޖެހޭނީ އިސްތިރިކޮށް އަލަމާރީގައި އަޅުވާފަ. މުންޑު ވެސް. އަނެއްކާ ގަމީސް ލާންވީމަ ވެސް ޖެހޭނެ އިސްތިރިކުރަން. ދަރިފުޅަށް ވެސް އެނގޭނެ ބައްޕަ ލާން ބޭނުންވާނީ ހޫނާ ހުންނަ އަންނައުނުކަން"
"ހޫމް. ހޫމް" އަހަންނަށް ބޯ ޖަހައިލެވުނެވެ. ކުޑަކޮށް ވިސްނައިލެވުނެވެ.

(ނުނިމޭ)
ހިޔާލު