JP ge fail vumuga leadershipah bodu thuhumathu thakeh!
image
ޖޭޕީގެ ރައީސް އަލި ވަހީދު، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން -- ފޮޓޯ: މިހާރު
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

ޖުމްހޫރީ ޕާޓީގެ ފެއިލްވުމުގައި ލީޑަޝިޕަށް ބޮޑު ތުހުމަތުތަކެއް!

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ އަބަދުވެސް ފާހަގަކުރެވިފައިވަނީ ކަންކަމުގައި ގޮތް ނިންމާ ޕާޓީގެ ގޮތުގައެވެ. ރިޔާސީ އިންތިހާބެއް ކަމަށްވިއަސް މަޖިލިސް ނުވަތަ ކައުންސިލް އިންތިހާބަކަށް ވިއަސް ޖުމްހޫރީ ޕާޓީން ކޯލީޝަން ހަދާ ބަޔަކަށް ކާމިޔާބު ވަމުން މީގެ ކުރިން އައިސްފައިވެއެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީ މީގެ ކުރިން ނުވެއްޓޭ ވަރުގެ ވަޅުގަނޑަކަށް މިއަދު ވެއްޓިފައި އޮތްކަމީ ހަޤީޤަތެވެ.
ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ ފަހުގެ ތާރީހެއްގައި އެޕާޓީއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއްލަދުވެތިކަމެވެ. ސުވާލަކީ ޖުމްހޫރީ ޕާޓިއަށް މަޖިލިސް އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ޒިންމާ ނަންގަވަންޖެހޭނީ ކޮންފަރާތެއްތޯއެވެ؟

ނަންނުޖެހުމަށް ޝަރުތުކޮށް ސީއެންއެމްއާ ވާހަކަ ދައްކަވަމުން ޖޭޕީ ކައުންސިލްގެ އިސް މެމްބަރެއް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕާޓިއަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ ނަގަންޖެހޭނީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކަމަށެވެ. އެގޮތުން ޖޭޕީގެ އޮފިޝަލް ވިދާޅުވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ދާއިރާތަކާއި މީހުން ކަނޑައަޅާނީ އިއުލާނު ކޮށްގެން ކަމަށް ފާސްކުރިކަމަށެވެ. އަދި ކޮމިޓީއަކުން އެގޮތަށް ކުރިމަތިލާ މީހުންގެ ތެރެއިން ޓިކެޓު ދޭނޭ މީހުން ކަނޑައެޅުމަށް ނިންމި ކަމަށެވެ.

އެގޮތުން ކޮމިޓީން ނިންމާފައިވަނީ 28 ދާއިރާއަކަށް ވާދަކުރެއްވުމަށް ކަމަށް ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮމިޓީގެ ރިޕޯޓަށް ކައުންސިލްގައި ބަހުސް ކުރަމުންދަނިކޮށް އޭރު ކިނބިދޫ ދާއިރަގެ މެމްބަރު އަދި ޖޭޕީގެ ޕީޖީ ލީޑަރު އެ ރިޕޯޓަށް އިސްލާހެއް ހުށަހެޅުއްވިކަމަށެވެ. އަދި ހުށައެޅުއްވީ ޓިކެޓު ދޭނޭ ފަރާތްތައް ކަނޑައެޅުމުގެ ބާރު ލީޑަރަށް ދިނުމަށްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ރިޔާޒްގެ އެ ހުށަހެޅުމަށް ތާއީދުކުރީ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް. އެ އިސްލާހު ކައުންސިލުން ފާސްކުރީ. އެހިސާބުން ޓިކެޓު ދިނުމަށް ނަގާފައި އޮތް ކޮމިޓީގެ ބާރު ކެނޑުނީ. އެއީ އެއްސަބަބު ޖޭޕީ އިންތިހާބުން ފެއިލްވި. އަބްދުﷲ ރިޔާޒް ޕާޓީއަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭނެ."

ޖުމްހޫރީ ޕާޓިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 41 ދާއިރާއަކަށް ކެނޑިޑޭޓުން ނެރުނު އިރު އޭގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރެއްވީ އެންމެ ހަތް ކެނޑިޑޭޓަކުއެވެ.

ޖޭޕީ ކައުންސިލްގެ އިސް މެމްބަރު ވިދާޅުވީ އެމްޑިޕީން މަޖިލީސް އިންތިހާބުގައި ވަކިން ނިކުމެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުމުން އެކަމުގެ ޝަކުވާ ކުރެވެން ނެތްކަމަށެވެ. ގުޅިފައިވާ ކޯލިޝަނުން އިންތިހާބު ތަކުގައި ވާދަކުރާނޭ ގޮތަކާއި މެދު އަމަލުކުރުމަށް އުފެއްދި 1819 ކޮމިޓީއަށް ނިސްބަތްކުރައްވާ ޖޭޕީގެ އޮފިޝަލް ވިދާޅުވި ހެދުނު އެއްބަސްވުމުގައި ކުރީގެ ރައީސް މައުމޫން ސޮއި ނުކުރެއްވުމަކީ އެ އެއްބަސްވުން ބާއްވަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި ރައީސް މައުމޫން ސޮއި ނުކުރުމުން ކުރިއަތް ދެވެން އޮތް ގޮތަކުން ކުރިއަށް ދެވެން ޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ކަންކުރެވެން އޮތްގޮތަށް ނުކުރީމާ މިހެންވީ. އެހެންވީމާ އެމްޑީޕީން ގިނަ ގޮނޑި ކާމިޔާބު ކޮށްގެން ޝަކުވާއެއް ނުކުރެވޭނެ،" އެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ޖޭޕީގެ އޮފިޝަލް ވިދާޅުވީ މިހާތަނަށް އައި އިރު ޕާޓީގެ ކުރިއެރުމަށް ލީޑާޝިޕަށް މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ.

"ހަމައެކަނި ކުރެވުނު ކަމަކީ ނުކަތާވަރުގެ ކައުންސިލެއް އުފެއްދުން،" އޮފިޝަލް ވިދާޅުވިއެވެ.

ޕާޓީގެ ލީޑާޝިޕްގައި ތިއްބަވާ ފަރާތްތައްް މިވީހާތަނަށް ނިންމަންޖެހޭ ނިންމުނަތައް ނިންމުމުގައި ނާޤާބިލުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ރައީސް ކަމަށް އަލީ ވަހީދު ގެނެސްގެން ޕާޓީއަށް ގެނެވުނީ ކޮން އާރޯ ކަމެއްތޯ އޮފިޝަލް ސުވާލު އުފެއްދިއެވެ.

"އަލީ ވަހީދު ޕާޓީގެ ރައީސްކަމަށް ގެނެސްގެން ޕާޓީއަށް ލިބުނީ ކޮން އާރޯކަމެއްތޯ؟ ލިބުނު ކުރިއެރުމެއް ނެތް. މަޖިލިސް އިންތިހާބުގައި ޕާޓީއަށް ކޮށްދެއްވުނީ ކޮންކަމެއްތޯ؟ ހަމަ އެގޮތް ޕާޓީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް ސަމީރުވެސް. ކޮންކަމެއްތޯ ޕާޓީގެ ކުރިއެރުމަށް ކޮށްދެއްވީ؟ މިނިސްޓަރު އަމީނަށް ކުރެވުނީ ކޮންކަމެއްތޯ ޕާޓީއަށްޓަކާ؟ މިނިސްޓަރު ޑރ. ހުސައިން އަށް ކޮންކަމެއްތޯ ކޮށްދެވުނީ؟ ސިޔާސީ މަޤާމު ތަކުގައި ތިއްބަވައިގެން މިބޭބޭފުޅުންނަށް ޕާޓީއަށް ކޮންކަމެއްތޯ ކޮށްދެވުނީ؟" ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުނަށް ޕާޓީ ހިންގަވާ ކުރިއަރުވާނޭ ވަގުތެއް ނެތް ކަމަށެވެ. އަދި މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ޕާޓީގެ ލީޑަރުގެ އަރިހުގައި ތިބެން ޖެހޭނީ ޕާޓީ އައިގެން ކުރިއަށްދާން ބޭނުންވާ ޒުވާނުން ކަމަށެވެ.

ޖޭޕީގެ ފަހުގެ ތާރީހުގައި ޕާޓީއަށް އާރޯކަމެއް ގެނެސްދިނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާކަމަށް ވިދާޅުވެ ޖޭޕީގެ އޮފިޝަލް ވިދާޅުވީ، މިވީ މުއްދަތުގައި ޖޭޕީގެ ހަރަކާތްތައް ހިންގާފައިވަނީ ނަހުލާގެ އިރުޝާދުގެ ދަށުން އެކަމަނާއާއި އެކުކަމަށެވެ.

މީގެ އިތުރުން ޖޭޕީގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ތިންވަނަ ވަނަ ފިކުރެއް އުފެއްދޭތޯ ވަރަށް މަސައްކަތްކޮށްފި ކަމަށެވެ. ރާއްޖޭގައި އަބަދުވެސް އޮތީ އެމްޑީޕީގެ ފިކުރާއި އެމްޑިޕީއާއި ދެކޮޅު ފިކުރެއްކަމަށް ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު ތިން ވަަނަ ފިކުރަކީ ރައީސް ސޯލިހް ކަމަށާއި، އެއީ ރައްޔިތުން ބޭނުންވާ ގޮތްކަމަށްވެސް ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.
ޖޭޕީ އަލީ ވަހީދު
ހިޔާލު

އަހުމަދު ފާރޫގް މ

އަސްލު ހަގީގީ ވާހަކައެއް މީ .އެމްޑީޕީގެ ރައީސްކަން. ކުރީމަ ޖޭޕީގެ ރައީސްކަން ލިބޭނެ ތަބަކަށް ލާފަ